ސައީދަށް: ދުފާތައްޓަށް ފައިން އެރުނީމާ ހަތަރެކޭ ނުކިޔާ ގެއަށް ކަނޑާލާ

ރައްޔިތުން ތިބިއްޔަކީ ތިޔަހެން ދައްކާ ވާހަކަ އަޑުއަހާ ގޮތަކަށް ނޫން

ސައީދަށް: ދުފާތައްޓަށް ފައިން އެރުނީމާ ހަތަރެކޭ ނުކިޔާ ގެއަށް ކަނޑާލާ

އެއްކަލަ ކުރީ ސަރުކާރު ލަވަ ފެށީއެވެ. ސަރުކާރެއް ބަދަލުވެ އަނެއް ސަރުކާރަކާ ދައުލަތް ހަވާލު ކުރަނީ ހުރިހާ ކަމެއް ޒީރޯއަށް ގެނެސްފައެއް ނޫނެވެ. އެއް ސަރުކާރުން އަނެއް ސަރުކާރަށް ހިންގުން ބަދަލުވާއިރު ހުންނަނީ ފައިސާ ނުދައްކާ ހުންނަ ބިލްތައް އެކަންޏެއް ނޫނެވެ. ހޯދާފައި ހުރި ފައިސާ ވެސް ހުރެއެވެ. ކޮށް ނިންމާފައި ހުންނަ މަސައްކަތާއި ފަށައިގެން ކުރިއަށް ގެންގޮސް ނުނިމި ހުންނަ ކަންތައް ހުރެއެވެ. ކުރަން އުޅެ ނުވެފައި ހުންނަ ކަންތައްވެސް ހުރެއެވެ. ކޮންމެ ސަރުކާރަކުން ހަވާލުވަނީ ވެސް ހިނގަ ހިނގާ އޮތް ދައުލަތަކާއެވެ. އެ ހިނދަކަށް ދައުލަތަށް އޮތް ފައިދާއަކާއި ގެއްލުމަކާއި ދަރަންޏަކާވެސް އެކުގައެވެ. 

ކޮންމެ ސަރުކާރެއް އިންތިހާބުން ބަދަލުވަނީ ރައްޔިތުންގެ ގިނަ ބަޔަކު ބޭނުންވީމާ އެގޮތަކަށެވެ. ވަގާ ދޮގާ މަކަރާ ހީލަތް ހަދައިގެންވެސް ގިނަ ރައްޔިތުންނަށް ގަބޫލުކުރެވޭ ގޮތަކަށް ސަރުކާރު ބަދަލު ކުރަނީއެވެ. ކޮންމެ ސަރުކާރެއް ބަދަލު ކުރަނީ ކުރިއަށްވުރެ ރަނގަޅަށް ކަންތައް ކުރުމަށެވެ. 

މިދިޔަ ނޮވެމްބަރު މަހު ޑރ. މުއިއްޒު ވެރިކަމާ ހަވާލުވީއިރު 119 ބިލިޔަން ދަރަނި އޮތްކަމަށް މުއިއްޒު ހުވާކޮށްފައި ރައްޔިތުން ކުރި މައްޗަށް ހުއްޓިހުރެ ބުންޏެވެ. އޭގެ މާނައަކީ މުޅި ދިވެހި ދައުލަތުން އެދުވަހާ ހަމަޔަށް ދައްކަން ޖެހޭ އެއްޗެއްގެ ގޮތުގައި އޮތީ 119 ބިލިޔަން ރުފިޔާއެވެ. ލޯނެއް ވިޔަސް ދައްކަންޖެހޭ ބިލެއް ވިޔަސް އޭގެ ތެރޭގައި ހިމެނިފައި އޮންނާނެއެވެ. ވެރިކަމާ ހަވާލުވީ އެފައިސާ އަދާކޮށް ކުރިއަށްވުރެ ފަހި ދިރިއުޅުމެއް ދިވެހި ރައްޔިތުންނަށް ހޯދާ ދޭނަމޭ ކިޔައިގެންނެވެ.

ވެރިކަން ލިބުނީމާ ފަހަރަކު ވަޒީރަކު ނިކުމެ ކުރީ ސާރުކާރުން މިވެނި ވަރެއް ނުދައްކާ އެބައޮތެކޭ މިވެނިކަމެން މިވެހނިހެން ކޮށްފައި އެބައޮތެކޭ ގޮވާނެކަމެއް މިހާރަކު ނެތެވެ. ރައްޔިތުން ކުރިމަތީގައި ކެނޑި ސަޅިބައިސާ ގަބޫލުކޮށް ތިޔަ ތިބީ ވެރިކަން ދީފައެވެ. ހަސްނެތަސް އަދިވެސް ތިޔަދަނީ އަތްގުޅި ނުކާވަރު ބައިސާ ހުއްޓާނުލާ ކަނޑަމުންނެވެ. ހުރިހާ ދިވެހިން ހަނދަށް ނުގެން ގޮސް މިތިބީ ހަމަ ކިރިޔަކިރިޔާއެވެ.

އެކަމަކު މިހާރު ގިނަ ރައްޔިތުން ތިބީ ތިޔަހެން ދައްކާ ވާހަކަތައް އަޑުއަހާ ގޮތަކަށް ނޫނެވެ. ކުރީ ސަރުކާރު ތަކުން ފުރަތަމަ ދެމަސް ދުވަސް ކީއްކުރަން ހެއްޔެވެ. މުޅި ދައުރުގައި އާމްދަނީ ހޯދަން ކަމެއް ނުކުރިޔަސް ވެރިކަމުގައި ތިބެ ކުރީ ސަރުކާރުން މިވެނި ކަމެއް ނުކުރެއޭ އެވެނިކަމެއް ނުކުރެއޭ ކިޔައިގެން ހަމަ އަޅުވަން ނޫޅޭށެވެ. 

ފަސް އަހަރު ވަންދެން ރައީސް ޔާމީނު ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުކަން ކުރި މިހާރުގެ އިކޮނޮމިކް މިނިސްޓަރ ތުރާކުނު ސައީދެއް ކަމަކު ކުރީ ސަރުކާރޭ ކިޔައިގެން އަނގަދިޔާ ކުރާކަށް ރީއްޗެއް ނޫނެވެ. ކުރިން އިކޮނޮމިކް ވަޒީރުކަން ސައީދު ކުރި ފަސް އަހަރު ދިވެހި ދައުލަތް އޮތީ ޓްރިލިއަން ޑޮލަރުން އަރަނިވެރި ކޮށްފައެއް ނޫނެވެ. އޭރުވެސް ރޯމާ ދުވާލު ސައީދުމެން ދައުލަތް ދަވާލީއެވެ. ދިވެހި ދައުލަތް އަދިވެސް އޮތީ އެކަމުން އަރައި ނުގަނެވިފައެވެ. 

ވަޒީރު ސައީދޫއެވެ. ވާހަކައެއް ބުނަން ހެއްޔެވެ. ކުރީ ސަރުކާރޭ ކިޔައިގެން އަނގަފުޅާ ކުރާއިރު ތިމަން މެނަށް ވާނެއޭ ކިޔައިގެން ސަރުކާރާ ހަވާލުވީ ކީއްކުރަން ހެއްޔެވެ. ތިޔަބުނާ ކުރީ ސަރުކާރަކުން ދަރަނިވެރި ވެގެން ސަރުކާރު ހިންގޭކަށް ނެތޭ ސަރުކާރާ ހަވާލުވެ ދޭށޭ ބުނީ ހެއްޔެވެ. ނުބުނޭ ނޫން ހެއްޔެވެ. އެ ސަރުކާރުން އަބަދުވެސް ބުނަމުން އައީ ކަންކަން ހަމަޔަށް އަޅުވާ، ފަށާފައި ހުރި ކަންކަން ނިންމާ އުފާވެރި އަމާން ރާއްޖެއަކަށް ރައްޔިތުން ގެންދަން ކުރިއަށް އޮތް ދައުރު ދޭށޭ ނޫން ހެއްޔެވެ. ބޭރުގައި ތިބެެން ސައީދުމެން ލީހަޅޭކުގައި ހީވީ ގައުމު ބަނޑަށް ޖެހިގެން ފުރާނަ އަރުއްވައިގަނެގެން ދާހެނެވެ. އޭރަކު އެސަރުކާރުން ލާރިނެތިގެން ކުރަންޖެހޭ ކަމެއް ނުކުރެވިގެން ކުރީ ސަރުކާރެކޭ އާދަމުގެފާނޭ ފަޅޮލެކޭ ނުކިޔައެވެ. ނެގިނެގިފައި ޖެހުނީ ސައީދު މެންނެވެ. 

ސައީދުމެންގެ ބަހުން އޭރު އޮތީ ދަރާވިކި ހިރިނުލެވިފައި އޮތް ސަރުކާރެކެވެ. އެވަރުގެ ސަރުކާރަކާ ހަވާލު ނުވެވިގެން ތެޅިބޭލީ ސައީދުމެންނެވެ. ހެއްދެވިހާ ދޮގު ހަދައިގެން ޖަލުގައި އޮތް މީހެއްގެ ފޮޓޯ ގަނޑު ދައްކައިގެން ރައްޔިތުންނަށް ވަގާ ދޮގާ މަކަރު ހަދައިގެން ހުސްގޮނޑިއަކަށް ވެރިކަން ހޯދާފާ ހޮޅި ސަރުކާރެއް ހިންގަން ސައީދުމެން ހަވާލުވެފައި ދުފާތައްޓަށް ފައިން އެރުނީމާ ހަތަރެކޭ ނުކިޔާ އިސްތިއުފާ ދީފާ ގެއަށް ކަނޑާލާށެވެ.