ވަތަނީ ހިދުމަތަކީ ވެރިން މުގައްދަސް ކުރުމެއްނޫން

ވަތަނީ ހިދުމަތަކީ ވެރިން މުގައްދަސް ކުރުމެއްނޫން

ވަތަނީ ހިދުމަތުގެ ތަމްރީނުތަކެއް ކުދި ބަޔަކު ހެދުމަކީ ގައުމަށް ނުހަނު ބޭނުންތެރިކަމެކެވެ. ބެޗެއްގައި ގާތްގަނޑަކަށް 340 ވަރަކަށް ބައިވެރިން ހިމެނޭ ކަމާއި ވަތަނީ ހިދުމަތުގެ ދެވަނަ ބެޗު ދަސްވެނިއްޖެ ކަމަށް ނޫސްތަކުން ފެނުމުން އުފާވުމާއި އެކު މާޔޫސްކަން ހިތަށް ވެރިވެގަތެވެ.ވަކީން ހާއްސަކޮށް ރައީސުލް ޖުމްހޫރިއްޔާ އެ ބައިވެރިންނަށް މަރުހަބާ ދެންނެވުމުން މާޔޫސްކަން ދެގުނަވިކަހަލައެވެ.

ވަތަނަކީ ކޮބާ ކަމެއް، ގައުމަކީ ކޮބާ ކަމެއް، ހުއްބުލްވަތަންގެ ސިފަތަކަކީ ކޮބާކަމެއް، ގައުމުގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް ފަހުމް ނުވާއިރު އެފަދަ ފިލާވަޅުތަކެއް ކުދި ބަޔަކަށް އުނގަންނައިދެވޭނީ ކިހިނެތް ތޯއެވެ. 

ވަތަނީ ހިދުމަތަކީ ނަގާދޭ ފިލާވަޅަކުން ކުރާ ތަމްރީނަކުން މީހެއްގެ ކިބައިގައި އަށަގަންނާނެ ސިފަތަކެއް ނޫނެވެ. މަތީން ތިރިއަށް ގެންގުޅޭ އަހުލާގާއި ދައްކުވައިދޭ ނަމޫނާއިންނާއި ދިރިއުޅޭ ވެށިން ދަސްވެ ވިސްނުމާއި ހިޔާލުގައި ބިންވަޅު ނެގޭނެ ސިފަތަކެކެވެ. އެންމެ އިސް ވެރިންފެށިގެން އެންމެ އާދައިގެ ސަރުކާރުގެ މުވައްޒަފުން ތަމްސީލު ނުކުރާ ކަމެއް އުމުރުގެ އެތަށް ދުވަހެއްގެ ތަރުބިއްޔަތެއް ބަދަލެއް ނުކުރެވޭނެއެވެ. 

ތައުލީމާއި ތަރުބިއްޔަތު، ތަމްރީނާއި ތަޖުރިބާ އަކީ އެނގުމާއި ނޭނގުމުގެ ތަޅުދަނޑިތަކެވެ. މި ހުރިހާ ކަމެއް އައިސް ގުޅެނީ އެމީހަކު ހެދިބޮޑުވާ ވެށީގެ ތެރެއިން އުނގަންނައިދޭ ފިލާވަޅު ތަކެއްގެ މައްޗަށެވެ.

“އިލްމަށްވުރެ ޖާހިލުކަމަށް މަރުހަބާކިޔާ ގައުމަކަށް ރާއްޖެވެއްޖެ،މިއީ ހިތާމަ ހުރި ކަމެއް” ހޯމް މިނިސްޓަރު ދާދި މިދާކަށް ދުވަހު ވިދާޅުވިއެވެ. ހެޔޮފުޅު ވާހަކައެކެވެ. އިލްމުން ހިލްމަށް ބަދަލު ނާންނަ ނަމަ ޖާހިލުކަން އެމީހެއްގެ މައްޗަށް ގަދަވެ ގަންނާނެއެވެ.

އެންމެ ފުރަތަމަ އެވާހަކަ ވިދާޅުވި ފަރާތެވެ. ވެރިކަމުގެ ޅަފަތުގައި ގައުމު ކައްކުވާލީ ބަރަހަނާ ވީޑިއޯ ތަކާއި ފޮޓޯތަކެއް ދައުރުވި ވާހަކައެވެ. އެއީ ދޮގެއް ކަމެއް ތެދެއްކަމެއް ނޭގެއެވެ. މިއީ އިލުމު އުނގެނި ޑރ. ގެ ލަގަބު ނަމުގެ ކުރީގައި ހިމެނި ބޭފުޅެއްގެ ވާހަކައެވެ.

އިލްމު ހުރިކަމަށް ބަލަމާތޯއެވެ. ނަމަވެސް ހިލްމެއް ތަރުބިއްޔަތެއް ނެތެވެ. ދައުލަތުގެ މަގާމުގެ ބޭނުން ނަހަމަ ގޮތުގައި ނަގާ އެ ބާރުގެ ނާޖައިޒް ފައިދާ ނަގާ ވާހަކައަކީ އެންމެންދަންނަ ސިއްރެކެވެ.

ވަތަނީ ހިދުމަތުގެ ތަމްރީނު ދީފައި މި ވެއްޓަށް ކުދިން ނެރޭއިރު ވެށި އޮތީ ތަގައްޔަރުވެފައެވެ. ބަންކަރިންނާއި އިންވެސްޓްމަންޓް ބޭންކާއި ޑޮލަރުގެ އަގު 1970 ގެ އަހަރުތަކުގައި ހުރި ވަރަށް ތިރި ކުރާނެ ކަމަށް ބުނި ވަޒީރުންގެ ކިބައިން ފެނުނީ ދޮގާއި މަކަރުގެ ޒަލްޒަލާއެކެވެ.

ވަތަނީ ހިދުމަތުގެ ތަމްރީނު ހަދައިގެން ދަރިވަރު ނިކުންނަންވީ މި މުޖުތަމައުއަށެވެ. މަސްކިލޯއެއްގެ އަގުގެ ވާހަކައާއި ބޮޑުކަންނެލީގެ އަގުތައް ހުރި ހިސާބުންފެށިގެން 9 ހަފުތާއިން ހެލިކޮޕްޓަރު ދުއްވަން ދަސްކޮށްދޭން ކަމަރުބަތް ވަޒީރުންނަށް ލިބުނު ލައިސަންސްގެ އެކްސްޕަޔަރީ އަރާ ހަމަކުރީ ތޯއްޗެވެ. ބޮނަކުއާ ފުޅިއަކަށް ރުގްޔާ ކުރި ވަޒީރުންގެ މާލިމީ ކަމުގައި ވަތަނީ ތަމްރީނުން މި ވެށި ވަނީ ކިލަނބުވެފައެވެ.

ދޮގާއި މަކަރާއި މުންކަރާތް ތަކާއި އޮޅުވާލުމާއި އިސްލާމީ ތަރުބިއްޔަތުގެ ވާހަކަ ފޮތުގައި ލިޔެފައިވާ ލިޔުންތަކަކަށް ވުރެ ކުރިއަށް ނުޖެހޭ ވެއްޓެއްގައި ވަތަނީ ތަމްރީނު ވާނީ ނުވިހާ ކުއްޖެއްގެ ފޫޅު ހޯދުމަށް ނޫންބާވައޭ ހިތައް އަރައެވެ. 

ދުނިޔެ އިސްލާހު ކުރުމުގެ ކުރިން އިސްލާހު ވާންވީ ތިމާމެންނެވެ. ބަހާއި އަމަލާ ދިމާކޮށްލަން ވީއެވެ. ދިވެހި ވެށީގައި ތެދުބުނުމާއި އިސްލާމީ އަހުލާގު ދިރުވާއާލާ ކުރަންވީއެވެ. މަގާމުތަކަކީ ހަޑި ހުތުރު އަމަލުތައް ހިންގުމަށް ލިބޭ ލައިސަންސެއްގެ ގޮތުގައި ބައްޓަންވެފައި އޮތް އޮތުން ބަދަލު ކުރަންވީއެވެ. ގޭތެރެ ތަރުތީބު ކޮށްލަންވީއެވެ.

އޭގެ ފަހުން އަވަށްޓެރިންނަށް ނަސޭހަތްދީ ތަރުބިއްޔަތު ކުރަންވީއެވެ. އޭރުން ރަށްރަށަށް އެ އަހުލާގު ފެތުރިދާނެއެވެ. އޭރުން އެ ހެޔޮ އަހުލާގު މުޅި ގައުމަށް ފަތުރާލަން ފަސޭހަވާނެއެވެ. ތިޔަ ދަތުރުކުރަނީ ތަރުތީބު އޮޅުވާލައިގެންނެވެ. ރަނަގަޅު ކޮށްލާށެވެ. ނުވަންޏާ އެކަހެރިވެލާށެވެ.ވަތަނީ ހިދުމަތަކީ ވެރިން މުގައްދަސް ކުރުމެއް  ވެސް ނޫނެވެ.