ޒިންމާ ނަގަންޖެހޭނީ މުއިއްޒުގެ ދެމަފިރިން
ކާބޯތަކެތި ނުތާހިރުކުރީ ސާޖިދާގެ ކަޅުދިގު ވެރިކަމުގަ!
މާލޭގައި ބުޅާ މަސް ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރުކުރާ މައްސަލައާއި ކާބޯތަކެތި ތައްޔާރު ކުރާތަންތަން މުޑުދާރުވީ ކުރީ ސަރުކާރުގެ ދުވަސްވަރުކަމަށް ދައްކަން ބަޔަކު އެބަ މަރުފަލި ޖަހައެވެ. އޭރު ތިލަނުވާ މައްސަލަތަކެއް މިހާރު ތިލަވުމުން ކަމުން ރެކެން ކުލީ ގަލަން ތަކުން ފެން ނުހިފޭ ޕްރޮޕަގެންޑާ ފެތުރިޔަސް އެންމެނަށްމެ ހަގީގަތަކީ ކޮބައިކަން އެނގެއެވެ.
ކުރީ ސަރުކާރުގެ ދުވަސްވަރު އެކަން އެހެން އޮތްކަމަށް ވަންޏާ އެކަމުގެ ޒިންމާ ނަގަންވެސް ޖެހޭނީ ޑރ. މުއިއްޒުގެ ދެމަފިރިންނެވެ. ފުޑް ސެކިއުރިޓީ ކަށަވަރު ކުރަން އޭރުވެސް މިހާރުވެސް ހުރީ މިހާރުގެ މެޑަމް ސާޖިދާއެވެ. މާލެ ސިޓީގެ އެންމެހާ ކަންކަމާ ހަވާލުވެ ސިޓީ މޭޔަރު ކަމުގައި ހުރީ މުއިއްޒެވެ.
ޑރ. މުއިއްޒުގެ އަންހެނުން ސާޖިދާގެ ބެލުމުގެ ދަށުން ހިންގާ ފުޑް އެންޑް ޑްރަގް އޮތޯރިޓީ ފޭލިވިއްޔާ ފޭލިވީ ސާޖިދާގެ އިހުމާލުންނެވެ. އެފްޑީއޭގައި ކުރީ ސަރުކާރަކީ ވެސް މިހާރުގެ ސަރުކާރަކީ ވެސް ސާޖިދާއެވެ. އެހެން ކަމުން ކުރީ ސަރުކާރުން ސާޖިދާއަށް ލިބެންވާ ބާރެއް ނުލިބި އޮވެގެން ނުވެފައިހުރި ކަންކަން ސަރުކާރު ސާޖިދާއަށް ހިތަކަށް ލިބުމުންވެސް ނުވިއެވެ.
މާލޭގައި ބުޅާމަސް ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާ މައްސަލަ އާއި ކާބޯތަކެތި ތައްޔާރު ކުރާ ތަންތަން މުޑުދާރު ވުމުގެ މައްސަލަ ފެންމަތިވީ މުއިއްޒު ސަރުކާރު ގައެވެ. ހުސްވި ރޯދަ މަހުއްސުރެ ސަރުކާރުގެ ކަމާބެހޭ އިދާރާ ތަކުގައި އެތައް ބަޔަކު އެޝަކުވާތައް އައީ ކުރަމުންނެވެ. މުއިއްޒު ސަރުކާރުން ކަހާތަން ހިރުވާނުލާ އުޅުނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބައިގެންނެވެ.
މާލޭގައި ބުޅާމަސް ބޭނުން ކޮށްގެން ކާބޯތަކެތި ތައްޔާރު ކުރާކަމާއި ކާބޯތަކެތި ތައްޔާރު ކުރާތަންތަން މުޑުދާރުކަން އެނގުނިއްޔަކީ މުއިއްޒު ސަރުކާރުން އެކަމަށް އިސްކަމެއްދީގެނެއް ނޫނެވެ. އެފްޑީއޭ އިން އެ ތަންތަން ބަލާ ފާސްކޮށްގެނެއް ވެސް ނޫނެވެ. އާއްމުންގެ ބަޔަކު އެކަން ރައްޔިތުންގެ ސަމާލުކަމަށް ގެނެސްގެންނެވެ.
ކުރިންވެސް މިހާރުވެސް ހުރިހާ ބާރެއް ސާޖިދާއަށް އޮތެވެ. އަމްދުން ސާޖިދާގެ ތަންމަތީގައި އޮތް ކަޅުދިގު ވެރިކަމަށް ނުވަމަސް ވެގެން ދިޔައިރު ވެސް ސާފު ތާހިރުކަން ކަށަވަރު ނުކުރެވި ދިޔައީ ތަންމަތި ވެސް މުޑުދާރު ކަމުންނެވެ. ވެރިކަން ހޯދީވެސް އެހާ މުޑުދާރު ކޮށެވެ. ކަޅުދިގު މުޑުދާރު ވެރިކަމެއްގައި ކާބޯތަކެތި ހަދާ ތަންތަނާއި ކާބޯތަކެތި ވާނީ ވަކިން ކޮން ތާހިރެއް ހެއްޔެވެ.