ޕީޕީއެމް-ޕީއެންސީގެ ވެރިކަން ދެބައިވުން | ރައްޔިތުންނަށް މުސީބާތަކަށް
ގައުމެއްގެ ކުރިއެރުމަކީ އަހަރުން އަހަރަށް ހުށަހަޅާ ބަޖެޓުގެ ބޮޑުކވުމެއްނޫން
ޕީޕީއެމް ޕީއެންސީ ވެރިކަމުގެ ދެބައިކުޅަ އެއްބައި ހަމަވީއެވެ. ޕީޕީއެމް ގެ ވެރިކަންތޯ ނުވަތަ ޕީއެންސީގެ ވެރިކަންތޯ ނިންމާނީ ކިޔުންތެރިންނާއި ބެލުން ތެރިންނެވެ. މައިގަނޑު ސަބަބަކަށް ހުށަހަޅާނީ ވެރިކަމަށް އަންނަން ހުށަހެޅި ސުވާލުތަކާއި، ފުއްދާނެ ކަމަށް ވައުދުވެ ހުށަހެޅި މެނިފެސްޓޯއެވެ. ނުވަތަ ވައުދު ނާމާއެވެ. ދައުރުގެ ދެބައި ކުޅަ އެއްބައި ނިމުނުއިރު ހާސިލުވި މިންވަރު ވަޒަންކޮށްލުމަކީ ކޮންމެހެންވެސް ކުރަން ޖެހޭނެ ކަމެކެވެ.
ގައުމުތަކަކީ އެ ގައުމެއްގެ ކާބަފައިންގެ މިންނެތް މަސައްކަތުން އުފެދި މާޒީވެ ދިޔަ ޖީލުތަކުގެ އަހުންނާއި އުހުތުންގެ ކިބައިން ވާރުތަވި ތަނެކެވެ. ގައުމެއްގެ ވެރިކަން ވަޒަންކުރަނީ ހިގަމުންދާ ވެރިކަމުގެ ސަބަބުން ލިބުނު ލުއިތަކުންނެވެ. ލިބުނު ކުރިއެރުން ތަކުންނެވެ. ގައުމު އަންނަން އޮތް ޖީލުތަކަށް އަދަށްވުރެ ފާގަތިކޮށް، ދުޅަހެޔޮކޮށް ވާސިލުކޮށް ދިނުމަކީ އަދުގެ ވެރިންގެ ޒިންމާއެކެވެ. މި ޒިންމާ އަދާކުރާނެ ކަމުގެ އުންމީދާއިއެކު އިންތިހާބު ތަކުގެ އަލީގައި އެކިއެކި މަގާމްތަކަށް ވެރިން އައްޔަނު ކުރެއެވެ.
ގައުމެއްގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ އެގައުމެއްގެ ރައްޔިތުންނެވެ. ދައުރެއް ނިމިދާއިރު ރައްޔިތުން ވަޒަން ކުރަނީ އެ ދައުރެއްގައި ލިބޭ ލުއިފަސޭހަ ކަމެވެ. ގައުމުގެ ރައުސުލްމާލަށް ލިބުނު ކުރިއެރުމެވެ. އަލަށް ތައާރަފް ކުރެވޭ ސިނާއަތްތަކާއި ހިނގަމުންދާ ސިނާއަތްތަކަށް ލިބުނު ކުރިއެރުންތަކެވެ. އަސާސީ ހިދުމަތްތަކުގެ ކުރިއެރުމެވެ. ތަކެއްޗާއި ހިދުމަތްތަކުގެ އަގުތަކަށް އަންނަ ހެޔޮ ބަދަލުތަކެވެ.
އެހެން ކަމުން ގައުމެއްގެ ކުރިއެރުން ހަމައެކަނި ފެންނަނީ އެގައުމަކުން އަހަރުން އަހަރަށް ހުށަހަޅާ ބަޖެޓުގެ ބޮޑުކަަމަކުން ނޫނެވެ. އަދި ދަރަންޏާއި ނަފާގެ ފަރަގަކުން އެކަންޏެއްވެސް ނޫނެވެ. އިގްތިސާދަށް ހުޅުވުނު އިތުރު ފުރުސަތުތަކާއި ދިރިއުޅުމުގެ ހަރަދުތަކަށް ލިބުނު ލުއިތަކަށެވެ. ވެރިންގެ ގާބިލުކަން ފެންނަނީ ރައްޔިތުންގެ ފައިސާ ހަރަދުކުރުމުގައި ވެރީން ގެންގުޅޭ އިންތިޒާމް ތަކާއި ރޭވުންތެރިކަމާއި ޒިންމާދާރު ކަމުގެ މައްޗަށެވެ.
ވެރިން ބަދަލުވާނެއެވެ. ދައުލަތް ހިންގުމަށް ކަނޑައަޅާ ފަރާތް، ވެރިންނާއި މަޖިލިސް ތަކާއި މިނިވަން މުއައްސަސާތަކުގެ ވެރިން ބަދަލު ވާނެއެވެ. އެހެންނަމަވެސް ގައުމު ދެމިއޮންނާނެއެވެ. ރައްޔިތުންތަކެއް ދެމި ތިބޭނެއެވެ.
ދައުލަތުގެ ފައިސާއަކީ ވެރީންގެ މިލްކިއްޔާތެއް ނޫނެވެ. ދައުލަތުގެ އިދާރާތަކަކީ ވެރީންގެ ތަންތަނެއް ނޫނެވެ. ދައުލަތުގެ ފައިސާއާއި މިލްކިއްޔާތާއި އިދާރާ ތަކުގެ ވެރީންނަކީ ރައްޔިތުންނެވެ. ވެރީންނަކީ ވަގުތީ ގޮތުން އެވެރިން އަދާކުރަން ހަވާލުވާ ޒިންމާ އަދާކޮށް ދައުރު ނިމުމުން މާޒީވާ ބެއެކެވެ. ވެރީންގެ އެންމެ އަސާސީ ޒިންމާއަކީ އެ ބައެއްގެ ދައުރު ފެށުނުއިރު ގައުމު އޮތް ހާލަތުން އެއަށް ވުރެ ރަނގަޅު ހާލަތަކަށް ގައުމު މިސްރާބު ކޮށް މަގުފަހި ކުރުވާުމެވެ. މާޒީވި ޖީލުތަކުން ވާސިލުވި މިއަދަށް ވުރެ ފާގަތި، މާދަމާގެ ޖީލުތަކަށް ގައުމު ފޯރުކޮށް ދިނުމަކީ މިއަދުގެ ވެރީން ދުސްތޫރީ ގޮތުން އަދާ ކުރަން ޖެހޭ ޒިންމާއެވެ.
އުފައްދަން މި ހިސާބުން ޖެހޭ ސުވާލަކީ ވެރިން އަދާ ކުރަންޖެހޭ ދުސްތޫރީ ޒިންމާ އަދާ ކުރީ އެންމެ ރަގަޅަށް ތޯއެވެ. އިއްޔެއަށް ވުރެ މިއަދުގެ ދިރިއުޅުމުގެ ހާލަތު ވީ ރަގަޅުތޯއެވެ. އިއްޔެއަށް ވުރެ މިއަދުގެ އަގުތަށް ވީ ހެޔޮތޯއެވެ. އިއްޔެއަށް ވުރެ މިއަދު ދަރަނި ވީ އިތުރު ތޯއެވެ. އަދި އިތުރުވި ބައިތަކަށް އެކަށީގެންވާ މިންވަރެއްގެ އިގްތިސާދެއް ގައުމުގެ އާމްދަނީއަށް ވަންނާނެ ފުރުސަތު ފަހިވެއްޖެ ތޯއެވެ. މި ސުވާލުތަކާއި އެކު އެންމެ ފަސޭހައިން އަހާލެވޭނެ ސުވާލަކީ:
- ތަކެތީގެ އަގުތައް އުފުލުނު އިރު އާމްދަނީ ލިބޭނެ އިތުރު ދޮރެއް ހުޅުވިއްޖެ ތޯއެވެ.
- އަސާސީ ހިދުމަތްތަކުގެ ފެންވަރު ރަގަޅުވެ ހިދުމަތް ހަލުވިވެ ފަސޭހަވެއްޖެ ތޯއެވެ.
- ހިދުމަތްތަކާއި އަގުތަކަށް މުގާބިލު ކުރާނެ މިންވަރަށް ބަޖެޓުގެ މަންފާ ލިބޭތޯއެވެ.
- ދައުލަތުގެ ދަރަނި އިތުރުވިއިރު އެ އިތުރުވި ބައިން އިތުރު އިގްތިސާދީ ދޮރުތަކެއް ހުޅުވުނު ތޯއެވެ.
މިއީ ބައެއް މަދު ކަންކަމެވެ.
ގައުމުގެ ވެރިންނަކީ ގައުމާއި ވަގުތީގޮތުން ހަވާލުވާ ބައެކެވެ. އެއްވެސް ބައެއްގެ ވެރިކަމަކީ ރައްޔިތުންނަށް މުސީބާތަކަށްވެ ރައްޔިތުން ނިކަމެތި ކުރާ ވެރިކަމަކަށް ވެގެން ނުވާނެއެވެ. ގައުމުގެ ވެރީން ނަކީ ރައްޔިތުންނެވެ. ގައުމު ދިރި ދެމިއޮންނަން ޖެހޭނެއެވެ.


