މުއިއްޒު ފަހަތަށް ޖައްސާ ޕީއެންސީ ޓިކެޓް ޔާމީނަށް؟
ޔާމީނު ޕީއެންސީ ހޯއްދެވުމުގެ ދަތުރު ފެއްޓެވުން
އެމްޑީޕީއަކަށް ރައީސް ޔާމީނެއް މުހިންމެއް ނުވާނެއެވެ. އެމްޑީޕީގެ ތެރޭގައި ރައީސް ޔާމީނަކަށް ޖާގައެއްވެސް ނުއޮންނާނެއެވެ. މުއިއްޒަށްވުރެ އެމްޑީޕީ އިސް ކުރައްވައިގެން ރައީސް ޔާމީނަށް ހާސިލު ކުރެއްވޭނެ ކަމެއްވެސް ނުއޮންނާނެއެވެ. އަދިވެސް ރައީސް ޔާމީނަށް ކިރިޔާވެސް އޮތިއްޔާ އޮންނާނީ މުއިއްޒު ދެއްވާ ފުރުސަތެކެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީނުގެ ހިޔަނިންނެވެ. ވެރިކަން ދެބައިވެގެން ދިޔައިރު އިންތިހާބެއްގައި ވާދަކުރައްވައިގެން ވެރިކަން ކާމިޔާބު ނުކުރެއްވޭ ވަރަށް ރައްޔިތުންގެ ތެރޭގައި ރައީސް މުއިއްޒުގެ މަގުބޫލުކަން ކުޑަވެފައިވާކަން އެންމެނަށްވެސް އެނގެއެވެ. އެހާލަތުގައި އެމްޑީޕީއާއި ދެކޮޅު ފިކުރުގެ މީހުނަށް ވެރިކަން ދިފާއުކުރަން އޮތްހާވެސް ޗޮއިސަކީ ރައީސް ޔާމީނުކަމަށް ގިނަ ބަޔަކު އިއްތިފާގުވެއެވެ. ދަނޑިވަޅުގެ ބޭނުން ހިއްޕެވުމަށްޓަކައި ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނީ އެމަގު ކޮއްޓަވާށެވެ. ދައްކަވާ ވާހަކައިގެ ރާގު ބަދަލުކުރައްވަން ރައީސް ޔާމީނު ފައްޓަވާފައި އެވަނީ އެހެން ވެގެންނެވެ.
ރައީސް މުއިއްޒުގެ ފަހަތްޕުޅުގައި ތިބި މީހުންގެ އޮތް ހިތްކަޅުވުން ފިލުވާލައްވާ އެމީހުނަށް އޮތް ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީނުކަން ދެއްކެވުމުގެ މަސައްކަތް އެވަނީ ރައީސް ޔާމީނު ފައްޓަވާފައެވެ. ކޮންމެ ނަމެއްގައި ތިއްބަސް އެމްޑީޕީއާއި ދެކޮޅު ފިކުރުގެ އެންމެން އެއްކޮށް ގަނޑުކޮށް ހިފަހައްޓައިގެން އެފިކުރަށް ވެރިކަން ދިފާއު ކުރެވޭން އޮތް ގޮތަކަށް ދިފާއުކުރުމަށް ރައީސް ޔާމީނު ނޫންގޮތެއް ނެތްކަން ގަބޫލުކުރުވުމުގެ މަސައްކަތް އެވަނީ ފައްޓާފައެވެ.
ރައީސް މުއިއްޒާ ޒާތީ ދެކޮޅުވެރިކަމެއް ނެތްކަމަށްވެސް މިއަދު ވިދާޅުވާން ރައީސް ޔާމީނަށް ޖެހިވަޑައިގަންނަވާނެއެވެ. ރައީސް މުއިއްޒުގެ ވެރިކަމުގައި ހިންގަމުންދާ ބޮޑެތި ބޮޑެތި ޖަރީމާތަކުގެ ވާހަކަ ދައްކަވާ އަޑު ދެން ދާނީ މަޑުވަމުންނެވެ. ދާނީ ކެނޑެމުންނެވެ. ރައީސް ޔާމީނުގެ މުޅި އަމާޒަކަށްވާނީ ރައީސް މުއިއްޒު ލޮއްސައިގެން ފަހަތަށް ޖެއްސެވުމާއި ރައީސް ޔާމީނާ ދެކޮޅަށް އުފުލާފައިވާ ދައުވާތަށް ނެގުވުމެވެ.
ވެރިކަމަށް އެނބުރި އެމްޑީޕީ އަޔަނުދިނުމަށްޓަކާ ރިޔާސީ އިންތިހާބަށް ރައީސް މުއިއްޒު ވާދަ ނުކުރައްވާ ރައީސް ޔާމީނަށް ތާއިދު ކުރެއްވުމަކީ އެންމެ ރައްކާތެރިގޮތް ކަމަށް ސާބިތުކޮށް ދެއްވާން ކުރެއްވެން އޮތް ހުރިހާކަމެއް ޔާމީނު ކުރައްވާނެއެވެ. ރައީސް މުއިއްޒު ވާދަ ނުކުރައްވަން ނިންމަވައިފިނަމަ އޭގެ މުގާބިލުގައި ރައީސް މުއިއްޒު ހިންގެވި އެއްވެސް ޖަރީމާއެއް ނުބައްލަވާ "ސޭފް އެގްޒިޓް"އެއް ރައީސް މުއިއްޒަށް އަރުވާނެ ކަމުގެ ޔަގިންކަންވެސް ޔާމީނު ދެއްވާނެއެވެ.
އެމަގަށް ޖާގަ ހެއްދެވުމަށްޓަކައި ލަވަމުން ގޮނި ކުޑަކުރައްވަން ރައީސް ޔާމީނަށް ގެންގުޅުއްވެން އޮތް ހަތިޔާރަކީ އެމްޑީޕީއަށް ބަހުގެ ހަމަލާތަށް ފުލުފުލުގައި ދެއްވުމެވެ. ރައީސް މުއިއްޒަށް ހަމްދަރުދީ ފާޅުކުރެއްވުމެވެ. ޕީއެންސީ ފިކުރުގެ މީހުންނާ އެކުގައި އަދިވެސް ހުންނެވިކަން ދެއްކެވުމެވެ. މުއިއްޒުގެ ފަހަތްޕުޅުގައި ތިބި ސަޕޯޓަރުން އެއަށްވުރެ ވަކީން އުފާވާނެ އެހެން ކަމެއް ނުއޮންނާނެއެވެ. ރައީސް ޔާމީނުގެ ހޫނު ބަހުގެ ހަމަލާތައް އަމާޒުނުވުމަކީ ރައީސް މުއިއްޒަށް ވެސް ހިތްޕުޅު ހަމަޖެހުމަކަށް ވާނެއެވެ.
ރިޔާސީ ޓިކެޓް ހޯއްދެވުމަށްޓަކައި އެމްޑީޕީއާއި ގުޅިގެން ރައީސް ޔާމީނު ޖަލުގައި ބޭއްވެވީ މުއިއްޒު ކަމަކަށް މިއަދަކު ރައީސް ޔާމީނަކަށް ނުވާނެއެވެ. ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭ ގޮތަށް ހުކުން ނެރުމަށް މުއިއްޒު ފަނޑިޔާރުންނަށް ރިޝްވަތު ދެއްވި ކަމަކަށްވެސް މިއަދަކު ރައީސް ޔާމީނަކަށް ނުވާނެއެވެ. ހުރިހާ ކަމެއް ރައީސް ސޯލިހުގެ އިސްތަށިފުޅަށް ކަނޑުއްވަމުން ޕީއެންސީގެ ރިޔާސީ ޓިކެޓާ ދިމާލަށް ރައީސް ޔާމީނު ވަޑައިގަންނަވަނީކަން ރައީސް މުއިއްޒަށް އޮޅިވަޑައިގެންފާނެ ބާވައެވެ.


