މީޑިއާއަށް އޮތް މިނިވަންކަމަކީ މުއިއްޒަށް ސަނާކިޔުމާއި ކުރުވާހަކަ ކިޔުން
މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ނޫސްވެރިކަމުގެ ސްލޫކީ މިންގަނޑެއް ހަދާ އާއްމުކޮށްފިއެވެ. އާއްމުކުރި ސުލޫކީ މިންގަނޑުގައި ހިމެނޭ ގިނަ ކަންކަންހުރީ ވަރަށް ދާއިރާ ފުޅާކޮށް ކަމިޝަނުން ބޭނުންވާހާ މާނައެއް ކުރެވޭ ގޮތަށެވެ. ނޫސްވެރިންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ބޭނުންވެއްޖެ ހިނދެއްގައި ކޮންމެ މީޑިއާއެއްވެސް ބަނދެލެވޭނެހެންނެވެ.
މީޑިއާ ކޮންޓްރޯލް ކޮމިޝަނުން ނޫސްވެރިކަމުގެ ސްލޫކީ މިންގަނޑުން ތަފާތު ހިޔާލަކަށް ޖާގައެއް ނުދެއެވެ. ވިސްލްބްލޯއަކަށް ޖާގައެއް ނުދެއެވެ. މަސްދަރު ސިއްރުކުރާކަށް ޖާގައެއް ނުދެއެވެ. ތަހުގީގީ ނޫސްވެރިކަމަކަށް ޖާގައެއް ނުދެއެވެ. ސިޔާސީ ފާޑުކިޔުމަކަށް ޖާގައެއް ނުދެއެވެ. ހަގީގަތް ހާމަކުރުމަކަށް ޖާގައެއް ނުދެއެވެ. ލަފާކުރުމާއި ދެކޭގޮތް ހާމަ ކުރުމަކަށް ވެސް ޖާގައެއް ނުދެއެވެ.
ސަރުކާރުގެ އިދާރާއަކުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ނޫނީ ވަކިކަހަލަ މައުލޫމާތެއް ހާމަކުރުން ގައުމީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގެ ނަމުގައިވަނީ ހިފެހެއްޓިފައެވެ. އަސްކަރަށްކުރާ ބޭކާރު ހަރަދުގެ ވާހަކައާއި ތުރުކީން ގަންނަ ޑްރޯންތަކާއި ހަތިޔާރުގެ ވާހަކަ ފަދަ ވާހަކަތައް މީޑިއާތަކުން ގެނެސް ދެންޏާ އެކަމަކީ ގައުމީސަލާމަތަށް ނުރައްކާކުރުން ކަމުގައިބަލާ މީޑިއާތަކަށް ފިޔަވަޅުއަޅަން ޖާގަހެދީއެވެ.
ދޮގަކަށް ވެދާނެކަމަށް ބެލުމުގެ ފުރުސަތު ބޮޑު ވާހަކައިގެ ގޮތުގައި ބަލާ ސަރުކާރުން ހިންގާ ބޮޑެތި ކޮރަޕްޝަނާއި ފަސާދައާއި އެހެނިހެން ޖަރީމާތަކުގެ ވާހަކަ މީޑިއާތަކުން ގެނެސްދިނުް ހުއްޓުވުމަށް ޖާގަހެދީއެވެ. ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކަ ދޮގަކަށް ވެދާނެކަމަށްޓަކައި ދެއްކޭކަށް އޭރަކުން ނޯންނާނެއެވެ. ކިތަންމެ ބޮޑު ހަގީގަތެއް ނަމަވެސް އެކަމެއްގައި ސަރުކާރުގެ މަސްލަަހަތެއް އޮތްނަމަ އެކަމެއް ދޮގުކުރުމަކީ ސަރުކާރުން އާއްމުކޮށް ކުރާކަމެކެވެ. އެހެން ކަމުން ދޮގަކަށް ވެދާނެ ކަމަށްޓަކައި ހެއްކާ ގަރީނާ ކިތަންމެ ގިނަޔަސް ނޫސްވެރިޔާއަށް އެޒާތުގެ އެއްވެސް މައުލޫމާތެއް ހާމަ ކުރެވޭކަށް ނެތެވެ.
މަތި މައްޗަށް ރައީސް މުއިއްޒު ދޮގުހަދާ އޮޅުވާލަމުން ދިޔަޔަސް ވަރިހަމައެވެ. ސަރުކާރުގެ މަތިބަރުވެގެން ގޮސް އިނދަޖެހުނަސް ވަރިހަމައެވެ. ހުއްޓާނުލާ ދަތުރުކޮށް ދައުލަތުގެ ފައިސާ ބޭކާރުގޮތުގައި ތަޅާބުރުއްސިޔަސް ވަރިހަމައެވެ. ރަށްރަށުގައި ހިންގަންފަށާފައިވާ މަޝްރޫއުތައް ހުއްޓި ފޫނުބެދޭހާ ބޮޑެތި ގެއްލުންވިޔަސް ވަރިހަމައެވެ. އާސަންދަ ނުލިބި މީހުން މަރަށް ތެޅުނަސް ހެވެވެ. ބޭސްނުލިބި ރައްޔިތުން އެދުމަތިވިޔަސް ވަރިހަމައެވެ. ދަރަނި އަދާނުކުރެވި މުޅި ގައުމު ބަޑަށްޖެހޭ ހިސާބަށް ދިޔަސް ހެވެވެ. އެފަދަ އެއްވެސް ވާހަކައެއް މީޑިއާއަކުން ދައްކާލައިފިނަމަ ނަފްރަތުގެ ކޮންޓެންޓާއި ނަފްރަތު އުފައްދަން ހިތްވަރުދޭ ކޮންޓެންޓުގެ ގޮތުގައި ބަލާ މާނަކޮށް މީޑިއާތަކަށާއި ނޫސްވެރިންނަށް ފިޔަވަޅުއަޅަން ކޮންޓްރޯލް ކޮމިޝަން އެއޮތީ ތައްޔާރުވެފައެވެ.
ކޮންޓްރޯލް ކޮމިޝަނުގެ ސްލޫކީ މިންގަނޑުން ކުރާ ނޫސްވެރިކަމެއްގައި ސަރުކާރުން ފަތުރަން ބޭނުންވާ ހަބަރާ މައުލޫމާތު ފެތުރުން ނޫން ކަމެއް ނުކުރެވޭނެއެވެ. މީޑިއާ ތަކުން މިހާރު ކުރަން އޮތްކަމަކީ ރައީސް މުއިއްޒަށް ސަނާކިޔުމާއި ސަރުކާރުގެ އިދާރާތަކުން ބުނާއެއްޗެއް ބުނިގޮތަކަށް ގެނެސް ދިނުމާއި ފުރުސަތުގެ ފުރުސަތުކުޅުމާއި ކުރުވާހަކަ މުބާރާތް ބޭއްވުމެވެ.



