ބްރޯޒް ތީތި ކަޑަ | ރަނގަޅުކޮށްލާ

މާލެއާއި ރަސްމާލެ ގުޅުވާލާ ޓަނަލް ޓެކްނޮލޮޖީ ހޯދަން ތިއްބާ ދައުރު ދެބައިވެއްޖެ

ބްރޯޒް ތީތި ކަޑަ | ރަނގަޅުކޮށްލާ

ގުޅިފަޅާއި ގިރާވަރު ފަޅުން ގޯތި ދޫކުރާކުރުމަށް އިޝާރާތްކޮށް މިހާރުގެ ސަރުކާރުން ވަރަށް މަލާމާތްކޮށް ޖޯކު ޖެއްސެވެ. ކަނޑުފަޅުން ބިން ދޫކުރީ ކަމަށް ގޮވާ މަލާމާތް ކުރިއެވެ. މުއިއްޒު ތަފާތެވެ. ކެމްޕެއިންއަށް ރައްޔިތުންނަށް އޮޅުވާލީ ކުރީ ސަރުކާރުން ދިން ފުލެޓެއްވިއްޔާ ހަމަ އެ ފްލެޓު އަދި ބިމެއް ދީފައިވިއްޔާ އެ ބިމެއް ރަނުން ރަނަށް ދޭނެކަމަށް ބުނެ އިގުރާރުވެއެވެ. ކަނޑު މެދުން ދިން ބިމެއް ވިއްޔާ އެތަނެއް ރަގަޅަށް ހިއްކާ އެއްވެސް ބަދަލެއް ނެތި ބިންތައް ހަވާލު ކުރާނެ ކަމަށް ބުންޏެވެ. 

މުއިއްޒުގެ ސަރުކާރު ހުވާ ކުރުމާއި އެކު ކުރިން ބުނިއެތި ވީ ކެންސަލެވެ. ކުރީ ސަރުކާރުން ދީފައިވާ ފުލެޓާއި ބިންތައް ކުރީސަރުކާރުން ދީފައިވަނީ ހަމައެއް ލަމައެއް ނެތި ކަމަށް ބުނަން ފެށިއެވެ. ބައެއް ފުލެޓުތައް ނުދެވޭނެ ކަމަށާއި ހިއްކަން ބުނި ބިންތައް ހިއްކުމުގައި ކޫސަނި ސަބަބުތައް ދައްކަން ފެށިއެވެ. 

މުއިއްޒުގެ ވިސްނުންތައް ހުރީ 10 އަހަރަށް އަމާޒު ހިފާފައިކަމަށް ވެރިކަމަށް ހޮވުނު ފުރަތަމަ ދުވަހު ޕީޕީއެމް ޕީއެންސީ ސެނެޓަރުންގެ ތެރެއިން ބަޔަކު ދިމްޔާތަށް އެއްކޮށް ބުންޏެވެ. އަދި މި ކަމަށް ދެބަސް ވާ މީހަކު ހުރިނަމަ އެ މީހަކީ މުއިއްޒުގެ ސަރުކާރާއި ދޮކޮޅު މީހެއް ކަމަށް ބުނެފައިވާ ކަމަށް އެ ބައްދަލުވުމުގެ ބައިވެރިވި ބައިވެރިޔަކު ބުންޏެވެ. 

މުއިއްޒު ބޭނުންވީ މާލެ ފަދަ ދެވަނަ ސަހަރެއް ބިނާ ކުރާށެވެ. ރަސްމާލެ ކަމެއް، ރާޖޫ މާލެކަމެއް ނޭނގެއެވެ. 8 މަސް ދުވަހުން ހިއްކަން ފެށި ބިން ދައުރުގެ ދެބައިކުޅަ އެއްބައި ނިމުނުއިރުވެސް ނުނިމެއެވެ. 1152 ހެކްޓަރު ބިން ހިއްކުމުގައި މުއިއްޒުގެ ސަރުކާރުން ކޮރަޕްޝަނަށް މަގުފަހި ގިނަ ކަންތައްތަކެއް ހުރި ކަމަށް ސިޔާސީ ގިނަ ބަޔަކު ބުނެއެވެ.

ކޮންމެ އަކަސް ރާޖޫ އަށް ނުދެވޭނެ ނާޖާއިޒް ލުއިތަކެއް ދީފައިވެއެވެ. ބަދަލެއްގެ ގޮތުގައި ބޮޑު ބިމެއް ހުޅުމާލޭން ދިނެވެ. ހިއްކަން ފެށި 1152 ހެކްޓަރު އަދި އޮތީ ވަރަށް ނިކަމެތި ކޮންނެވެ. މުއިއްޒު އިއުލާނު ކުރީ މާލެއާއި ބައެއް މީހުން ބުނާ ރާޖޫ މާލެ އާއި ގުޅުވާލަނީ ކަނޑުއަޑީގެ ޓަނަލަކުންކަމަށެވެ. އިއުލާނު ކުރި ދުވަހުގެ އަސަރުތައް އަދިވެސް ބައެއްމީހުންގެ ހަށިތަކުން ފެނެއެވެ. އެ ދުވަހުގެ އަތްޖެހުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އަދިވެސް ގިނަ ބަޔަކު ދަނީ ރުއްގަލު ބޭސް ކުރަމުންނެވެ.

މުއިއްޒުގެ އެންމެ ގާތް އެންމެ އިތުބާރު ކުރާ ހައުސިންގ މިނިސްޓަރުގެ ބަހުން ނަމަ އެފަދައިން ދައްކާ ހުރިހާ ވާހަކައެއް ގަބޫލު ކުރަން ހެޔޮ ނުވާނެ ކަމަށެވެ. ބުނީ އެ ފަދަ ޓެކްނޮލޮޖީއެއް އަދި ދުނިޔޭގައިވެސް ނެތް ކަމަށެވެ. ކޮންމެ ހެނެއް ވިޔަސް މިހާރު ބިން ދޫކުރަނީ އެއްކަލަ ބުނާ ރާޖޫ ނޫނީ ރަސް މާލޭން ނޯލައެވެ. އަދި ހިއްކާ ނުނިމެއެވެ. މާލެއާއި އެ ތަނާއި ގުޅުވާލާ ޓަނަލްގެ ޓެކްނޮލޮޖީ ހޯދަން ތިއްބާ ދައުރު ދެބައި ވެއްޖެއެވެ. އަދި ކުރިއެރުމެއްނެތެވެ. 

މިއަށް ކިޔަންވީ ކައްޒާބެއްގެ މަގުފުރެއްދުން ތޯއެވެ. ނޫނީ ކުރީ ސަރުކާރަށް ކުރި މަލާމާތް މި ސަރުކާރާއި އަރާ ހަމަކުރީ ނޫން ބާވައެވެ. މާތް ރަސްކަލާނގެ ކުޅަދުންވަންތަ ކަމާއެވެ. މި ޖެހުނީ ކުރިންވެސް ޖެހުނު ތާއެވެ. ސަކަ މީހަކު ހަމަ ބުނާނީ ކަނޑުން ދޫކުރި ބިންތަކެކޭއެވެ. މުއިއްޒު ސަރުކާރުގެ މީހުންގެ ބަހުރުވައިން ނަމަ ބުނަން އޮތީ ކަނޑުން ބިންދިނުމުގައި އިބޫ އެކޭ މުއިއްޒެކޭ ތަފާތެއް ނެތެވެ. އެހެން ވީމާ މުސްކުޅިން ބުނަނީ އެކަކުންޏެއް ހަރުކޮންނަންވާނީ އެކަކުންޏެއްގެ ވަރުންނެވެ. ފެންވަރު އޮޅިވަޑައި ނުގަންނަވާށެވެ. 

އިއްޒަތްތެރި ރައީސް އެވެ. “ތާހިރުވުމަށްވެސް ތާހިރުކަން ބޭނުމެވެ.” ރައީސް ހަމަ އިތުރު ފުޅު ހައްދަވަނީ ތޯއެވެ. ރައީސަކީ ކައްޒާބު ފުޅަކީ ތޯއެވެ. ޓަނަލެއް ނުފެނެއެވެ. އެކަމުގެ ހަބަރެއްވެސް ނެތެވެ. ބިން ހިއްކާ ނުނިމެއެވެ. ބިންހިއްކަން ގެނައި އޮޑިތަކަށް ފައިސާ ނުދައްކައިގެން ނައްޓާލައިފިއެވެ. ދެން ކުރާނީ އާބިޓްރޭޝަނުން ހުކުމެކެވެ.

ބިން ދޫކުރުމުގެ މަސައްކަތް ފެށީއެވެ. މި ވާހަކަތަކާއި ކުރިން މަލާމަތްކޮށް ދެއްކި ވާހަކަ ތަކާއި ތަފާތެއް ނެތެވެ. ވިސްނުމުގައި ހުރީ މަކަރާއި  ހީލަތާއި އޮޅުވާލުމެވެ. ދޮގުހެދުމުގެ އިންތިހާއެވެ. ދޮގުހެދުން “ޓު ދަ މެކްސް”އެވެ. މީހުން ބުނެ އުޅެއެވެ. “ބާދަގަނޑުގައި ކިތަންމެ ވަރަކަށް ދަވާދު ލިޔަސް ދަބަރު ހިލޭނެ އެވެ.” ދޮގު ހެދުން އާންމުވެ ކަށީގައި ހިފާފައިވާނަމަ ބަދަލު ކުރަން ވަރަށް އުނދަގޫ ވާނެއެވެ.

ދިވެހީންނަކީ ދޮގާއި މަކަރާއި މުންކަރާތްތަކާއި ދުރުހެލި ދީނެއްގެ އަހުލުވެރީންނެވެ. ވެރީން މަގުދައްކާ ދޭންޖެހެއެވެ. އަންނާން އޮތް ޖީލުތަކަށް ދިވެހިރާއްޖެ އިސްލާމީ އަހުލާގުގެ މަތީގައި ދަމަހައްޓަން ދަތިވާވަރަށް ސަރުކާރުގެ ވެރީންގެ އަމަލުތައް ހުތުރުވެއްޖެއެވެ. އިސްލާހު ކޮށްލާށެވެ. ބުރޯޒް ތީތި ކަޑައެވެ.