ދިވެހިފައިސާ ގިނަވެގެން އުޅެނީ ބާޒާރަކުނޫން | ސިޔާސީންގެ ޕޮކެޓްގައި
ފިހާރަތަކުގެ ވިކުރައިން ބާޒާރުގައި ދިވެހި ރުފިޔާ ގިނަވެގެން ނޫޅޭކަން ސާފެވޭ
ޑރ. މުއިއްޒު ގައުމު އިނދަޖައްސާލި ގޮތުގެ ކުޑަ ތަސައްވަރެއް ހިތައް ގެންނަވާށެވެ. ކަމުން ރެކެން މުއިއްޒު ސަރުކާރުން ކޮންމެ ބަހަނާއެއް ދެއްކިޔަސް ހަގީގަތް ވަރަށް ތަފާތެވެ. ކުއްލި ކުއްލިއަށް ގާނޫނާއި ގަވައިދަށް ގެންނަ ބަދަލަކުން ރާއްޖޭގެ މާލީ ނިޒާމް ހަމައަކަށް އެޅުވޭނެ ގޮތަކީ ނެތް ގޮތެކެވެ.
ތެދެކެވެ. މުއިއްޒު ވެރިކަމާ ހަވާލުވިއިރު 2026 ގައި ދައްކަން މަޖުބޫރު 1.2 ބިލިޔަން ޑޮލަރާ ގާތްކުރާ މިންވަރަށް ބޭރުގެ ދަރަނި އޮތެވެ. ކޮވިޑް19 އާއި ގުޅިގެން އާމްދަނީ ލިބުން ހުއްޓުމުން ގައުމު ހުއްޓި ރައްޔިތުން ބަނގުރޫޓް ވިޔަނުދިނުމަށް 800 މިލިޔަން ރުފިޔާ ޗާޕްކުރަން ކުރީ ސަރުކާރަށް މަޖުބޫރުވިއެވެ.
ޑޮލަރުގެ އަގު ބޮޑުވެގެން އަތްނުފޯރާފަށަށް އަރައިގެން ދިޔައީ 800 މިލިޔަން ރުފިޔާ ޗާޕްކުރުމަކުން އެކަންޏެއް ނޫނެވެ. މުއިއްޒު ވެރިކަމަށް އައިރު ކަޅުބާޒާރުން ޑޮލަރު ގަންނަން ލިބޭއަގު 16.5 ރުފިޔާއަށް ވުރެ މައްޗަކަށް ނުދެއެވެ. އެހެން ނަމަވެސް މުއިއްޒުގެ ވެރިކަމާއެކު އެއްދުވަހުން އަނެއް ދުވަހަށް ޑޮލަރުގެ އަގު އުފުލެމުންގޮސް -/23 ރުފިޔާއަށް ވުރެ ޑޮލަރެއްގެ އަގު ބޮޑުވެގެން ދިޔައީ މުއިއްޒަށް ދައުލަތް ހިންގަން ނޭނގުމުގެ ސަބަބުންނެވެ.
ކުރީ ސަރުކާރުން ޗާޕްކުރި ފައިސާއަށްވީ ކިހިނެއް:
ޗާޕްކުރި ފައިސާގެ ތެރެއިން ކުރީ ސަރުކާރުން ބަޒާރަށް ނެރުނީ ޗާޕްކުރި ފައިސާގެ 20 ޕަސެންޓަށްވާ 160 މިލިޔަން ރުފިޔާއެވެ. ބާކީ ހުރި 640 މިލިޔަން ރުފިޔާ ހުރީ އެމްއެމްއޭގައި ހިފެހެއްޓިފައެވެ.
ކުރީ ސަރުކާރުން ޗާޕްކުރި ފައިސާއިން ހިފެހެއްޓިފައިހުރި 80 ފަސެންޓް ކަމުގައިވާ 640 މިލިޔަން ޗާޕްކުރި ރުފިޔާ ބާޒާރަށް ނެރެ ބޭނުން ކުރީ މުއިއްޒު ވެރިކަމަށް އައިސް އުފެއްދި އެތައް ހާސް ސިޔާސީ ވަޒީފާތަކުގައި އުޅޭ މީހުނަށް މުސާރަ ދިނުންފަދަ މަންފާއެއް ނެތް ކަންކަމަށެވެ. ހަގީގަތުގައި ރައީސް ސޯލިހު ސަރުކާރުން ޗާޕްކުރި ފައިސާގެ 80 އިން ސައްތަ ތަޅާ ބުރުއްސާލީ މުއިއްޒެވެ.
މަތިބަރު ސަރުކާރުގެ އިސއްރާފު
މުއިއްޒު ވެރިކަން ކުރަން ފެށީ 25 ވުޒާރާ ހިމެނޭ ބޮޑު ސަރުކާރަކުންނެވެ. ވުޒާރާތައް ހިންގަން އެތައް ބިލިޔަން ރުފިޔާއެއް ހޭދަކުރަމުން ކެބިނެޓް މިނިސްޓަރުންގެ އިތުރަށް މިނިސްޓަރ ފެންވަރުގެ އެތައް ބޭފުޅުންނަށް ދަައުލަތުން މުސާރަ ދެމުން ގެންދަން ފެށިއެވެ. ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނާއި އެސްޕީޑީންނާއި ޕީޑީން ގެ ގޮތުގައި އެތައްހާސް ބަޔަކަށް އަތްގުޅިނުކާވަރުގެ ބޮޑު މުސާރަތައް ދިނީ މަދެއް ސުމާރެއްކޮށް ނޫނެވެ.
ނަތީޖާއެއްގެ ގޮތުން އެމްއެމްއޭގައި ހިފެހެއްޓިފައި ހުރި ހުރިހާ ފައިސާ ބޭކާރު ސިޔާސީންގެ މުސާރައަށާއި އަޗާތެޅުމަށް ކުރުމުއްދަތެއް ތެރޭގައި ނެރެލުމުން ވީގޮތް އެކަކަށްވެސް ނޯޅެއެވެ. ގުއިނުދެކޭ ކާޅުތަކެއް ފަދައިން މުއިއްޒުގެ ސިޔާސީ އަނދޮޅުން ހޮލިޑޭ ހެދުމަށާއި ވީކެންޑަށް ބޭރު ގައުމުތަކަށް އުދުހިގަތީ ތަނެއް ދޮރެއް ބެލުމެއްނެތިއެވެ. އެކަމުގެ ސަބަބުން ދައުރުވަމުން ދިޔަ ގިނަ އަދަދެއްގެ ޑޮލަރު ރާއްޖޭން ބޭރުވީ ލައްކަ ލައްކައިންނެވެ.
ކަރުދާހު އެތައް ކުންފުންޏެއް އުފަންކޮށް އެކުންފުނިތަކަށް ބޮޑު މުސާރައިގައި އެތައް ސަތޭކަވެރިންލާ އެކުންފުނިތަކުން ސިޔާސީ އެތައް އެކްޓިވިސްޓުންނަށް މުސާރަދޭން ފެށުމަކީވެސް މާލީ ނިޒާމަށް ލޮޅުން އަރުވާލި ކަމެކެވެ. މުއިއްޒުގެ ޕްރަމޯޝަނަށް ކުންފުނިތައް މެދުވެރިކޮށް ހުއްޓުމެއްނެތި ކުރުވަމުންދާ އިސްރާފުގެ ވާހަކަ ދެއްކުމެއް ނެތެވެ.
ހަމަތެދެކެވެ. ދިވެހި އިގްތިސޯދުގެ ތެރޭގައި ދިވެހި ފައިސާ ދައުރެއް ނުވެއެވެ. ފިހާރަތަކުގެ ވިކުރާ ބަލާލުމުން ބާޒާރުގައި ދިވެހި ރުފިޔާ ގިނަވެގެން ނޫޅޭކަން ވަރަށް ސާފެވެ. ދިވެހި ފައިސާ ގިނަވެގެން އުޅެނީ ސިޔާސީ ވެރިންގެ ޕޮކެޓްގައެވެ. ސިޔާސީ ވެރިން އެފައިސާ އިން ޑޮލަރު ގަނެގެން ޑޮލަރުތައް ތަޅާބުރުވަނީ ބެންކޮކާއި އިންޑޮނޭޝިޔާއާއި މެލޭޝިއާއާއި ދުބާއީ ފަދަ ތަންތަނުގައި ބިރަކާނުލާ މަޖާކުރުމަށެވެ.


