މޫނަށް ކަނދުރާއަށް ނުބަލާ ފިޔަވަޅުއެޅެނީ ބައިނާޅާ ވަގުންނަށް

އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދެވޭނީ ރަނގަޅު ކަމެއް ކުރާނަމަ

މޫނަށް ކަނދުރާއަށް ނުބަލާ ފިޔަވަޅުއެޅެނީ ބައިނާޅާ ވަގުންނަށް

ސަރުކާރުން ކުރާ ރަނގަޅުކަންކަމަށް އިދިކޮޅު ފަރާތްތަކުން އެއްބާރުލުން ދެވޭނީ ރަނގަޅު ކަމެއް ކުރާނަމަތާއެވެ. ބައެއް ކަންކަމުގައި ރައީސްގެ ވާހަކަ ކިތަންމެ ރީއްޗަސް އަމަލެއް ރީއްޗެއް ނޫނެވެ. މުޅިންހެން ދައްކަނީ ހޮޅިވާހަކައެވެ. މޫނަކަށް ކަނދުރާއަކަށް ނުބަލާ ފިޔަވަޅު އަޅާނެކަމަށް މުއިއްޒު ބުނާ ބުނުމަކީ އެކަހަލަ ހޮޅި ވާހަކައެކެވެ.

ކޮރަޕްޝަނާއި ވައްކަން ނައްތާލުމުގައި ވަކި މީހެއްގެ މޫނަކަށް ކަނދުރާއަކަށް ނުބަލާ ފިޔަވަޅު އަޅާނެ ކަމަށް އެތައް ފަހަރަކު އެތައްތާކު ރައީސް މުއިއްޒު ވަނީ ތަކުރާރުކޮށް ބުނެފައެވެ. އެހެން ބުނާއިރު މޫނާ ކަނދުރާއަށް ނުބަލާ ވަޒީރުކަމާއި މޭޔަރުކަމުގައި މުއިއްޒު ހިންގާފައިވާ ކޮރަޕްޝަނާއި ވައްކަންތަކުން އެކަނިވެސް  ފިޔަވަޅު އެޅޭނެގޮތް ސާފުވާނެއެވެ. އަމިއްލަ މޫނާ ކަނދުރާއަށް ނުބަލާ އެ ކަންކަން ބަލާ ފިޔަވަޅު ނާޅުވާ ހުންނަނީ ކީއްވެހެއްޔެވެ. އަނެއްކޮޅުން މުއިއްޒު ވެރިކަމަށް އެރީއްސުރެ ހިންގުވަމުންދާ ވައްކަމާއި ކޮރަޕްޝަންތަކުގެ ތަހުގީގު މޫނާއި ކަނދުރާއަށް ނުބަލާ ހިންގާ ފިޔަވަޅު ނާޅާ ހުންނަނީ އަމިއްލަ މޫނާއި ކަނދުރާ އަމިއްލަ ލޮލަށް ނުފެންނާތީ ހެއްޔެވެ. 

ރެއަކަށް އިރުއޮއްސިފައި އިރު އެރި އިރު މަޖިލީހުން އެމްޑީޕީ 13 މެންބަރުން ޕީއެންސީއަށް ބަދަލުކޮށްލި ރިޝްވަތާއި މަޖިލީހުގެ ވަކި ހާއްސަ މެންބަރުން ތަކަކަށް ކޮންމެ މަހަކު ދިން 50000ރ ރިޝްވަތުގެ މައްސަލަވެސް މޫނާއި ކަނދުރާއަށް ނުބަލަންޏާ ފެންނަން އޮންނާނެއެވެ. މުއިއްޒު ސަރުކާރުގެ އެކިވަރުގެ ވެރިން ހިންގާކަމަށް ތުހުމަތުކޮށް އޭސީސިއާއި ޕޮލިހަށް ހުށަހެޅިފައި ހުރި މައްސަލަތަކާއި އާއްމުކޮށް މީޑިއާއަށް ތިލަވެފައިވާ އެތައް މައްސަލައެއް ނުހިންގާ އޮތީ ހަމަ މޫނަކަށް ކަނދުރާއަކަށް ނުބަލާތީ ހެއްޔެވެ.

އެމްއެމްޕީއާރުސީގެ ވައްކަމުގެ އެތައް ބައިވެރިން ކުރީ ގޮނޑިބަރީގައި އަތުރާފައި ބައިތިއްބައިގެން ޖަގަހަ ޖަލްސާއެއްގައި އެމައްސަލަތައް ބަލާ ފިޔަވަޅުއެޅުމުގައި މޫނަކަށް ކަނދުރާއަކަށް ނުބަލާ ފިޔަވަޅު އަޅާނަމޭ ބުނިފަހުން ވެސް ދެ އަހަރަށް ވުރެ ގިނަ ވީއެވެ. އެމްއެމްޕީއާރުސީގެ މައްސަލައެއް ނުބެލުނުތާ އެމައްސަލައާއި ގުޅިގެން އާޒިމާ ޝުކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާވެސް އަނބުރާ ގެނައީ މޫނަކަށް ކަނދުރާއަކަށް ނުބަލާތީ ހެއްޔެވެ. 

އެމްއެމްއޭގެ ފިނޭންސަލް އިންޓަލިޖެންސުން ބާރަށު ޝުޖާއާއި ދެކޮޅަށް އޭސީސީއާއި ޕޮލިހަށް ހުށަހަޅާފައި އޮތް ކޮރަޕްޝަންގެ މައްސަލަ އޮބަހައްޓާފައި އޮންނަނީ މޫނަކަށް ކަނދުރާއަކަށް ނުބަލާތީހެއްޔެވެ. ވަޒީރު ފެންވަރުގެ އެމްޑީ ފަޒުލް އެޗްޑީސީގައި ހިންގުވިހާ ކޮރަޕްޝަނާއި ފަސާދައިގެ ބިޔަ ބޮޑެތި ޖަރީމާތައް ހިންގުން ހުއްޓުވާފައި އޮންނަނީ މޫނާއި ކަނދުރާއަށް ލޮލުގެ ކުޑަކޮޅުންވެސް ނުބެލޭތީ ހެއްޔެވެ. 

ނަންކިޔާ ލިސްޓުކުރަން ވެއްޖެއްޔާ ކޮޅުން ނުލާވަރުގެ ލިސްޓެއް ހެދިދާނެއެވެ. ކޮންމެ ވާހަކައެއް ކިތަންމެ ބާރަށް ދެއްކިޔަސް މޫނަކަށް ކަނދުރާއަކަށް ނުބަލާތީ ބަލާ ފިޔަވަޅު އެޅެނީ ބައިނާޅާ ވައްކަންކުރި އިމިގްރޭޝަން ކޮންޓްރޯލަރ ކަހަލަ މީހުންނަށެވެ.