އެމްޕީއެލް ފްލެޓުތައް ޖުލައި މަހު ހަވާލު ކުރާނެ!

މިހާރު ކުރަނީ އެންމެ ފަހުގެ މަސައްކަތްތައް

އެމްޕީއެލް ފްލެޓުތައް ޖުލައި މަހު ހަވާލު ކުރާނެ!
އެމްޕީއެލްއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅަމުން އަންނަ ފްލެޓްތަކަކީ އެ ސަރަހައްދުގައި ހަދަމުން އަންނަ އެހެން އެޕާޓްމަންޓުތަކާ އަޅައިބަލާއިރު ޖާގައިގެ ގޮތުން ބޮޑެތި އެޕާޓްމަންޓުތަކެކެވެ. އެ އެޕާޓްމަންޓުތައް ޑިޒައިންކޮށްފައިވަނީ ވީހާވެސް ފަސޭހަކަމާއެކު ދިރިއުޅެވޭ ގޮތަކަށް ބަލައިގެންނެވެ. އެމްޕީއެލް އިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނަކޮށްފއިވަނީ  15 ބުރީގެ 3 ޓަވަރެވެ. މި ޓަވަރުތަކުގައި 534 އެޕާޓްމަންޓް ހިމެނެއެވެ. އެޕަރޓްމެންޓްތަކުގައި ހިމެނެނީ 1 ކޮޓަރީގެ 204 ފްލެޓާއި 2 ކޮޓަރިއާއި މެއިޑް ރޫމް ހިމެނޭ 330 ފްލެޓެވެ.

އެމްޕީއެލް ގެ ތިން ޓަވަރުގައި ޖާގައަށް ބަލައި ދެވައްތަރެއްގެ އެޕާޓްމެންޓް ހިމެނެއެވެ. އެއީ އެއްކޮޓަރި އާއި، 1+2 ކޮޓަރީގެ ފްލެޓްއެވެ. މި ދެ ބާވަތުގެ ފްލެޓްތައްވެސް ދެ ކެޓަގަރީއަކަށް ވަނީ ބަހާލާފައެވެ.

އެގޮތުން 1 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭ ފްލެޓުތަކުގައި 454 އަކަފޫޓު ހުރެއެވެ. ޓައިޕް ބީގައި ހުންނަނީ 471 އަކަފޫޓެވެ.

1+2 ކޮޓަރީގެ ފްލެޓްތަކުގެ ޓައިޕް އޭގައި 670 އަކަފޫޓު ހުންނައިރު ޓައޕް ބީގައި 686 އަކަފޫޓު ހުރެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހަދަމުން އަންނަ ފްލެޓުތައް ޖުލައި މަހު ހަވާލު ކުރުމަށް ދަނީ ތައްޔާރު ވަމުންނެވެ. މިހާރު ކުރިއަށް ދަނީ ފްލެޓްތަކުގެ އެންމެ ފަހުގެ މަސައްކަތް ތަކެވެ. ޖުލައި މަހުގެ ތެރޭގައި ފްލެޓް ލިބުނު މުއައްޒަފުންނަށް ފްލެޓް ހަވާލު ކުރުމަށް މަސައްކަތް ކުރެވެމުން ދާކަމަށް އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވެއެވެ.

މިހާރު ގްރައުންޑް ފްލޯގެ މަސައްކަތްތައް ދަނީ ކުރިއަށެވެ. ލޮބީ އޭރިޔާގައި މުށިޖެހުމާއި، ސީލިންގ އެޅުމާއި، ލިފްޓް ޓެސްޓު ކުރުން ފަދަ މަސައްކަތްތައް ބާރަށް ކުރިއަށް އެބަދެއެވެ. ދާއިމީ ކަރަންޓްގެ މަސައްކަތް ނުނިމުނު ނަމަވެސް ފްލެޓް ހަވާލު ކުރުމުން ފްލެޓްގެ ވެރިފަރާތަށް ފްލެޓްގައި ކުރަންޖެހޭ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ. 

ކޮންމެ ޓަވަރެއްގެ މަތިން ފެށިގެން ތިރިއަށް އެޕާޓްމަންޓްތައް ސާފުކުރަމުން މުއައްޒަފުންނަށް އެއްކޮށް ވަދެވޭއިރު އެއްކޮށް ސާފުކުރެވި އޮންނަ ތަނަކަށް ހެދުމަށް އެމަސައްކަތް ވެސް ކުރިއަށްއެބަދެއެވެ. ސައިޓް ކްލިއަރ ކުރުމާއި ސައިޓްގައި ހުރި ހުރިހާ ކޮންސްޓްރަކްޝަން ސާމާނުތައް ހުސްކުރުމާއި އެކަހަލަ މަސައްކަތްތައް ވެސް ދަނީ ކުރެވެމުންނެވެ.

ފެނާއި ނަރުދަމާ ކަރަންޓްގެ ކަނެކްޝަން ދިނުމުގެ މަސައްކަތް ވެސް ކުރިއަށް އެބަ ގެންދެއެވެ. ފެނުގެ ވެސް ގިނަ ކަނެޝަންތައް ހުރީ ހެދިފައެވެ. އެކަންވެސް އޮތީ ޓެސްޓިންގ ސްޓޭޖްގައެވެ.

ކަރަންޓް ޕެނަލްތައް ބެހެއްޓުމާއި ބޭރުން ވައްދާ ކޭބަލްތައް ޖެހުން ކުރިއަށް ކުރިއަށް އެބަ އޮތެވެ. އެ މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި އޮތީ ސްޓެލްކޯއަށެވެ. އެ މަސައްކަތް ސްޓެލްކޯއިން ކުރިއަށް އެބަ ގެންދެއެވެ.