މުއިއްޒުގެ އިންވެސްޓެކޭ ޒިލޭބިޒަކަރިޔާގެ ޒިލޭބިވިއްކުމެކޭ ތަފާތެއްނެތް

އެންމެ ފަހުން ދޫކުރި 12 ތަނުން ދައުލަތަށް ލިބިފައިވަނީ 2 މަސް ދުވަހު މުސާރަދޭހާ ފައިސާ

މުއިއްޒުގެ އިންވެސްޓެކޭ ޒިލޭބިޒަކަރިޔާގެ ޒިލޭބިވިއްކުމެކޭ ތަފާތެއްނެތް

ދިވެހި ދައުލަތުގެ އެންމެ ބޮޑު އެސެޓަކީ ރާއްޖޭގެ ރަށްރަށާއި ފަޅުތަކެވެ. ރާއްޖޭގެ އަގުބޮޑު އެސެޓްގެ ބޭނުން ސަރުކާރުން ކުރަނީ އެންމެ ރަނގަޅަށް ކަމާމެދު ސުވާލު އުފެދެއެވެ. ކުޑަކުޑަ އަގެއް ނަގާފައި ނުއަގުގައި އިންތިހާ ދަރަޖައިގެ ލުއިތަކާއެކު ރަށްރަށާއި ބިންބިމާއި ފަޅުތައް ދިގު މުއްދަތަށް ބޭރު ފަރާތްތަކަށް ދޫކޮށްލުމަކީ އެންމެ ފައިދާހުރި ގޮތް ހެއްޔެވެ. 

މުއިއްޒު ސަރުކާރު އައިފަހުން ނުއަގުގައި 165 އަށްވުރެ ގިނަ ތަން ކުއްޔަށް ދީފިއެވެ. އޭގެތެރެއިން ގިނަ ތަންތަން ކުއްޔަށް ދިން މުއްދަތު 90 އަހަރަށް ވުރެ ދިގެވެ. އެންމެ ފަހުން ކުއްޔަށް ދޫކުރި 12 ތަނުން ދައުލަތަށް ލިބިފައިވަނީ އެންމެ 16 މިލޔަން ޑޮލަރެވެ. ނިސްބަތުން އެއީ ކޮންމެ ތަނަކަށް 1.3 މިލިޔަން ޑޮލަރެވެ. 

އެވްރެޖުކޮށް ސަރުކާރު މުއައްޒަފުންގެ މުސާރައަށް 70 މިލިޔަން ޑޮލަރ ހޭދަކުރާއިރު 12 ތަން ކުއްޔަށް ދީގެން އެ ލިބުނީ ގާތްގަޑަކަށް ދެ މަސް ދުވަހު މުއައްޒަފުންނަށް ދޭނެހާ ފައިސާއެވެ. މިހުރިއްޔަކީ މުސާރަ ދެވެން ނެތިގެންވެސް ކުރަން ހެޔޮވާ ވަރުގެ ކަންކަމެއް ނޫނެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައްޔާއި ރައީސް ސޯލިހުގެ ވެރިކަމުގައި ދޫކޮށްފައިވާ ގިނަ ތަންތަން އަދިވެސް އޮތީ އޮޕަރޭޝަނަށް ނުގެނެވިއެވެ. ތަރައްގީކުރުމުގެ މަސައްކަތް އެއްވެސް ވަރަކަށް ނުހިނގާ ހުރި ތަންތަން ވެސް އޭގެތެރޭގައި އަދިވެސް ބައިވަރެވެ. ރިސޯޓް ތަރައްގީ ކުރުމުގެ ހާލަތު އެހާ ދަށުގައި އޮއްވާ އަނެއްކާ 165 ތަން ދުކޮށްލުމުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ޑިމާންޑް ވަނީ އެކީ އެކައްޗަކަށް ނެތިފައެވެ. 

އެހެން ނޫނަސް މުއިއްޒު ސަރުކާރާމެދު ދުނިޔޭގެ މާލީ އިދާރާތަކާއި އެހީދޭ ސަރުކާރުތަކުގެ އިތުބާރެއް ނެތެވެ. އިންވެސްޓަރުންގެ އިތުބާރު ވެސް ވަނީ ގެއްލިފައެވެ. އެހެން ކަމުން އިތުބާރުހުރި އިންވެސްޓަރުން ލިބުމާއި މާލީ އެހިތެރިކަން ލިބުމުގެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަނިވެފައިކަމީ ފެންނަން އޮތް ހަގީގަތެކެވެ. ބޭރާއި އެތެރޭގެ ދަރަނި އިންތިހާއަށް ބޮޑުވެ ގޮތް ހުސްވަމުން މުއިއްޒު އަމާޒު ހިފާފައިވަނީ ދުނިޔޭގައި މަނީލޯންޑްކުރާ މާފިޔާ ނެޓްވޯކްތަކަށް ރާއްޖެ ހުޅުވާލުމަށެވެ. 

ނުއަގުގައި ސްކޭމަރުންނަށް ތަންތަން ދީގެންވެސް މުއިއްޒު ބޭނުންވަނީ ކޮންމެ ގޮތެއް ހަދައިގެންވެސް މުއިއްޒަށް ބައިއެޅޭގޮތަށް އެއްމަހުން އަނެއް މަހަށް މުސާރަދެވޭ ވަރުކޮށްލުމަށޭ ހީވެއެވެ. އެހެން ނޫންނަމަ ރަށްރަށާއި ބިންތަކާއި ފަޅުތަކާއި ފަރުތަކާ ނުއަގުގައި ދީގެން ރާއްޖޭގެ 100 އަހަރުގެ މުސްތަގުބަލު މޯގޭޖެއް ނުކުރާނެއެވެ. ގައުމުގައި ގައުމުގެ ދަރިން އުޅޭނެ ތަންތަނާއި އިންވެސްޓްކުރާނެ ތަންތަން ނުބާއްވާ ޖެހުނުހާ ތަނެއް ޖެހުނުހާ ބޭރު ބަޔަކަށް ދީގެން މުސްތަގުބަލުގެ ދިވެހިންނަކީ ބޭރު ބައެއްގެ ނޯކަރުންނަށް ވެދާނެކަމެއް ނުކުރާނެއެވެ.  

ލިބޭ މަދު ފައިސާކޮޅަކަށްޓަކާ ދިވެހިންގެ މުސްތަގުބަލު މޯގޭޖްކޮށް ދިޔަ ފެލައިލާއިރު އެއިން ތަނެއްގައި މަސައްކަތެއްކޮށްގެން ދައުލަތަށް ސެންޓެއް ވެސް އަދި ލިބޭނެ ދުވަހެއް ނޭނގެއެވެ. ވާނީ އެހެންތާއެވެ. ގޮތް ނޭނގޭ ސްކޭމަރުން ރާއްޖޭގެ ޓޫރިޒަމްގެ ތެރެއަށް ވެއްދީމާ މޮޅެތިހާ ގޮތްގޮތަށް ކޮންސެޕްޓް ޑިޒައިންކޮށްގެން އެ ތަންތަން ދުނިޔޭގެ ބާޒާރުގައި ވިއްކަން އެމީހުން އުޅެނީ ޒިލޭބި ޒަކަރިޔާ ބޮލަށް ދޮލަނގުލައިގެން ޒިލޭބި ވިއްކަން އުޅޭހެންނެވެ.