މުއިއްޒު ސައިޒުވަންދެން އެމްޑީޕީ މަގުމަތީގައި އޮންނާނެ
މާވަރަކަށް ފައި ތުރުތުރު އަޅާ ބިރު ނަގަނީ ހާދަހާވާ ކަމެއް ނެތިގެންނެވެ. ރަސްފަންނަށް އެމްޑީޕީން އެއްވެލާ ވާހަކަ ބުނާ އިރަށް މުއިއްޒަށް ތިޔަވާ ވަރެއްގެ ބޮޑުކަމާއެވެ.
އަރިއަޅާލާފައި އޮތް އެއްޗެއް ކޮށްޕާލާނެ ކުޑަ ބާރެއް ނެތިގެން ނުވެއޓި އޮންނަންޏާ ކޮނޑު ވިއްދައިގެންވެސް ހިފެހެއްޓޭތޯ އުޅެނެތާއެވެ. ފުޅަށް ބުޑުން ދަންޏާ ކެޔޮގަނޑު ކަނޑަނެހެން ހީވަނީތާއެވެ.
މިރެއަކު މާބާރަކަށް ގިންފައި ޖައްސުވާފައި މަގު ބަލަހައްޓަން ފުލުހުން ނެރެނީ ބިރަކުން ނޫނޭ ބުނާކަހަލައެވެ. މީގެ ކުރީންވެސް މާލޭގައި މަގުތައް އޮތެވެ. ފުލުހުން މަގުތައް ވެސް ބަލަހައްޓައެވެ. މިރެއަކު މާ ބޮޑު އިސްކަމެއް ދީގެން މަގުމައްޗަށް މަގުބެލެހެއްޓުމުގެ ނަމުގައި ފުލުން ނެރެނީ ގަންނާ ކުރައްވާ ބިރުންނެވެ.
އެއްވެ އުޅުމާ މުޒާހަރާ ކުރުމަކީ ގާނޫނު އަސާސީން ކަށަވަރު ކޮށްދޭއިރު އެއްވުން ގައިރު ގާނޫނީ އެއްވުމަކަށް ބަދަލުކުރުވަން ފުލުހުން ނެރެގެން ޖަހަން އުޅޭ ސަކަރާތަށް އެމްޑީޕީ އޮތީ ހޭލައެވެ. ފުލުހުން ނެރެގެން އެމްޑީޕީގެ އެއްވުން ހަމަ ނުޖެހުމަކަށް ވިސްނާ ވެރިންނަށް ނޭނގޭ ކަމަކީ ފުލުހުންގެ ގިނަ ބަޔަކު މުއިއްޒު ސަރުކާރު ދެކެ ރުޅިއަރާފައި ތިބިވަރެވެ.
ސަރުކާރުގެ ތެރެއިން ނާޖާއިޒު ގޮތުގައި ބައިއެޅޭ ޅިޔަނަކު ފުލުހުންގެ ތެރޭގައި ބަސްކިޔޭ ހިސާބުގައި ހުރުމަކީ މުޅި ފުލުސް މުއައްސަސާ މުއިއްޒާ ރުހިގެން އޮތްކަމުގެ ލައިސަންސެއް ނޫނެވެ. ފުލުހުންގެ ތެރެއިން ގިނަ ބަޔަކު މަގަށް ނެރެގެން ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެކުށް އުފައްދަން ޖަހަންއުޅޭ ސަކަރާތަށްވުރެ ރައްޔިތުންގެ ބާރު މާ ގަދަވާނެއެވެ.
ރައީސް ނަޝީދު އިސްވެހުރެ އެމްޑީޕީ ލަޝްކަރު މަގުމަތީގައި ރުކުރުވާލާތީ މޭބޮޑުވަނީތާއެވެ. ކަރުނަގޭހާއި އަސޭމިރުހު ސްޕްރޭ ޖަހާ ކަންފަން ބައްކުރާ އަޑު ގޮއްވަން ފުލުހުން ނެރުނަސް އެންމެނަކު އަބަދަކު ނުސިހޭނެއެވެ. ސަރުކާރުން ހިންގާ ގައިރުގާނޫނީ ކަންކަން ހުއްޓުވަން އެމްޑީޕީން އަޅާ އެންމެ ފިޔަވަޅެއްވެސް ފަހަތަކަށް ނުޖެއްސުވޭނެއެވެ. މުއިއްޒު ސައިޒުވަންދެން އެމްޑީޕީ މަގުމަތީގައި އޮންނާނެއެވެ.


