ރޮނާލްޑޯ ނުވެއްޓުނަސް ހާލަންޑް ވަރެއްނެތް

މަގުބޫލުކަމަށް ކުއްލި ބޮޑު ބަދަލެއް އެންމެ އަވަހަށް އައި ކުޅުންތެރިއަކީ ވޮޒިންހާ

ރޮނާލްޑޯ ނުވެއްޓުނަސް  ހާލަންޑް ވަރެއްނެތް

ނިމި ދިޔަ ވޯލްޑް ކަޕްގައި އެންމެ މަގުބޫލީ ކޮން ކުޅުންތެރިއެއްތޯ އަހައިފިނަމަ އެކި މީހުން ބުނާނީ އެކި ނަމެވެ. އެއް ބަޔަކަށް އެމްބާޕޭއެވެ. އަނެއް ބަޔަކަށް  ޔަމާލެވެ. ރޮނާލްޑޯ އާއި ނޭމާ އޭ ބުނާ މީހުން މަދެއް ނުވާނެއެވެ. އަދިވެސް މެސީ ގެ ނަން ނުކިޔާ އެހެން ނަމެއް ނުކިޔާނެ މީހުން ވެސް މަދެއް ނުވާނެއެވެ. 

މުޅި ދުނިޔޭގައި ކުޅުންތެރިއެއްގެ މަގުބޫލުކަން ދެނެގަތުމަށް އެންމެ ފަސޭހަ ވަސީލަތަކީ ސޯސަލް މީޑިއާއެވެ. ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމުގެ ތެރެއިންވެސް ކޮންމެ ކުޅުންތެރިއެއްގެ އިންސްޓަގްރާމަކީ ކުޅުންތެރިޔާގެ މަގުބޫލުކަން ދެނެގަންނަން އެންމެ ފަސޭހަ އެއް ޕްލެޓް ފޯމެވެ. 

ވޯލްޑްކަޕް ފެށުނު އިރު ކުޅުންތެރިޔާ ފޮލޯކޮށްފައިވާ ފޮލޯވަރުންގެ އަދަދަށް ވޯލްޑްކަޕް ނިމުނުއިރު އައިސްފައިހުރި ބަދަލަށް ބަލައިލުމުން ކުޅުންތެރިއެއްގެ މަގުބޫލުކަން އިތުރުވެފައި ވާވަރު ވަޒަން ކޮށްލެވެއެވެ. 

ކުޅުންތެރިންގެ އިންސްޓަގްރާމްގެ ފޮލޯވަރުންނަށް ބަލައިލުމުން އެންމެ މަގުބޫލު ކުޅުންތެރިއަކީ އަދިވެސް ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނަލްޑޯއެވެ. އިންސްޓަގްރާމުން ރޮނަލްޑޯ ފޮލޯކުރާ މީހުންގެ އަދަދަކީ 665.6 މިލިޔަނެވެ.

ދެ ވަނައިގައި އޮތީ 506.5 މިލިޔަން މީހުން ފޮލޯކުރާ ލިޔަނަލް މެސީއެވެ. 3 ވަނައިގައި އޮތީ ބްރެޒިލްގެ ނޭމާރ ޖރ. އެވެ. ނޭމާރ ފޮލޯކުރާ މީހުންގެ އަދަދު 234.3 މިލިޔަނަށް އަރައެވެެ. 

ނިމި ދިޔަ ވޯލްޑްކަޕް ތެރޭގައި އަލަށް އެންމެ ގިނަ މީހުން ފޮލޯ ކުރި ތިން މީހުންނަކީ ރޮނާލްޑޯއާއި މެސީއާއި ނޭމާއެއް ނޫނެވެ. އެހެން ނަމަވެސް މި ތިން ތަރިން ވެސް އަލަށް ފޮލޯކުރި ގަދަ 10ގެ ތެރޭގައި ހިމެނެއެވެ. 

އަލަށް އެންމެ ގިނަ މީހުން ފޮލޯކުރި ކުޅުންތެރިއަކީ ނޯވޭގެ އާރލިން ހާލަންޑްއެވެ. 2026ގެ ވޯލްޑް ކަޕް ފެށުނުއިރު އިންސްޓަގްރާމުން ހާލަންޑް ފޮލޯ ކުރަނީ 40.6 މިލިޔަން މީހުންނެވެ. އެހެން ނަމަވެސް ވޯލްޑް ކަޕް ތެރޭގައި އިތުރު 32.1 މިލިޔަން މީހުން ފޮލޯ ކުރުމުން ހާލަންޑްގެ ފޮލޯވަރުންގެ އަދަދު 72.7 މިލިޔަނަށް ވަނީ އަރާފައެވެ. 

އަލަށް އެންމެ ގިނަ މީހުން ދެ ވަނައަށް ފޮލޯ ކޮށްފައި ވަނީ ކޭޕް ވާޑޭގެ ކުޅުންތެރިޔާ ވޮޒިންހާއެވެ. ވޯލްޑް ކަޕް ފެށުނުއިރު އެންމެ 30 ހާސް މީހުން ފޮލޯކުރަމުން ދިޔަ ވޮޒިންހާގެ ފޮލޯވަރުންގެ އަދަދު ވޯލްޑް ކަޕް ނިމުނު އިރުވަނީ 29.4 މިލިޔަނަށް އަރާފައެވެ. އެހެންކަމުން މަގުބޫލުކަމަށް ކުއްލި ބޮޑު ބަދަލެއް އެންމެ އަވަހަށް އައި ކުޅުންތެރިއެއްގެ ގޮތުގައި ވޮޒިންހާ ފާހަގަވެއެވެ. 

އިނގިރޭސި ޓީމްގެ ޖޫޑް ބެލިންހަމަކީ ވޯލްޑް ކަޕާއި ގުޅިގެން އެންމެ ގިނަ މީހުން އަލަށް ފޮލޯކުރަމުން ދިޔަ 3 ވަނަ ކުޅިންތެރިޔާއެވެ. 2026 ގެ ވޯލްޑް ކަޕް ފެށުނުއިރު ބެލިންހަމް ފޮލޯކުރަނީ 41.3 މިލިޔަން މީހުންނެވެ. އެކަމަކު ވޯލްޑްކަޕް ތެރޭގައި ބެލިންހަމް ފޮލޯވަރުން 12 މިލިޔަން އިތުރު ވެފައިވެއެވެ. މިހާރު ބެލިންހަމް ފޮޅޯކުރާ މީހުންގެ ޖުމްލަ އަދަދު އުޅެނީ 53.3 މިލިޔަނަށްވުރެ މަތީގައެވެ.