ބާސެލޯނާ ލީގުން ކެޓުމަކީ ލިބުނު ފިލާވަޅެއް: ލަމީން ޔަމާލް

ބާސެލޯނާ ލީގުން ކެޓުމަކީ ލިބުނު ފިލާވަޅެއް: ލަމީން ޔަމާލް

ކުއާޓާ ފައިނަލުގައި އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ، އެފް.ސީ ބާސެލޯނާ ޔޫއެފާ ޗެމްޕިއަންސް ލީގުން ކެޓުމާ ގުޅިގެން، އެ މުބާރާތުގެ ތަށި އަލުން އަނބުރާ ކްލަބަށް ހޯދައިދޭނެ ކަމަށް ލަމީން ޔަމާލް ވައުދުވެއްޖެއެވެ.

ދެވަނަ ލެގުގެ މެޗު 2-1 އިން ބާސެލޯނާ ކާމިޔާބު ކުރި ނަމަވެސް، ފުރަތަމަ ލެގުން 2-0 އިން ބަލިވެފައި އޮތުމުން އެ ޓީމު ވަނީ މުބާރާތުން ވަކިވާން ޖެހިފައެވެ. އުމުރުން 18 އަހަރުގެ ތަރި ޔަމާލް އިންސްޓަގްރާމް މެދުވެރިކޮށް ސަޕޯޓަރުންނަށް ފޮނުވި މެސެޖެއްގައި ބުނީ، އެ ޓީމު އަލުން އެނބުރި އަންނާނީ އެންމެ އުސްމިނަށް ކަމަށާއި، ޔޫރަޕްގެ އެންމެ ޝަރަފުވެރި މުބާރާތް ކާމިޔާބު ކުރުމަށް އޭނާ ވެފައިވާ ވަޢުދު ފުއްދުމުގައި ދޫނުދޭނެ ކަމަށެވެ.

މެޗުގައި ލަނޑުވެސް ކާމިޔާބުކުރި ޔަމާލް ސިފަކުރި ގޮތުގައި، މި ނާކާމިޔާބީއަކީ ކުރިއަށް ދިއުމަށް ލިބުނު ފިލާވަޅެކެވެ. އަދި ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ޒުވާން ސްކޮޑަށް މި ގޯސްތަކުން ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ. ބާސެލޯނާއަށް އެންމެ ފަހުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރެވިފައިވަނީ ލިއޮނަލް މެސީގެ ކެޕްޓަންކަމުގެ ދަށުން 2015 ވަނަ އަހަރުއެވެ.

މި ނަތީޖާއާ ގުޅިގެން ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ހިމެނޭހެން ކްލަބުގެ އިސްވެރިން ވަނީ ދެ ލެގުގެ މެޗުތަކުގައިވެސް ރެފްރީން ނިންމި ނިންމުންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި އެ މައްސަލަ ޔޫއެފާއަށް ހުށަހެޅުމަށްވެސް ކްލަބުން ދަނީ ތައްޔާރުވަމުންނެވެ.

މި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، ސްޕެނިޝް ލަލީގާގައި ބާސެލޯނާ އޮތީ ވަރުގަދަ ފޯމެއްގައެވެ. ތާވަލުގެ އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑަކާއެކު އެ ޓީމު އޮތުމަކީ ކުރިއަށް އޮތް ތަނުގައި ކާމިޔާބީތަކެއް ލިބޭނެ ކަމުގެ އުންމީދު ބޮޑުވާ ސަބަބެކެވެ.