ޕެންޝަށް އުނބަށްޖެހީ ވެރިކަން ވައްޓާލަފާނެކަމަށް!
ހިތުހުރި ގޮތެއް ހަދާއިރު ރައްޔިތުން ކެކިއަރައިގެން ފާނެ
އާއްމު ރައްޔިތަކަށް ދައުލަތުން އެއްޗެއް ދޭގޮތަށް ކަނޑައެޅިފައި އޮތިއްޔާ އެއެއްޗެއް ކަނޑާނުލެވެގެން މުއިއްޒު އުޅެނީ އަމަށަކު ވަރަކަށް ނޫނެވެ. ރައްޔިތުންނަށް ދޭން ކަނޑައަޅައިގެން ދެމުން އަންނަ އިނާޔަތްތަކާއި ލުއިފަސޭހަތައް ކަނޑަމުން މުއިއްޒު ދިމާކޮށްފައި ހުރީ ރައްޔިތުން ފެލައިލާށެވެ.
އިސްލާހީ ފިޔަވަޅުގެ ނަމުގައި ކަނޑަނީ ޒަމާނުއްސުރެ ދެމުން އަންނަ ޕެންޝަނެވެ. ކަރަންޓާއި ފެނާއި ތެލާއި ކާބޯތަކެތީގެ ސަބްސިޑީއެވެ. ބަލިމީހާއަށް ދެމުންދާ އާސަންދައެވެ. އުމުރުން ދުވަސްވީ މީހުންގެ އިނާޔަތެވެ. އެކަނިވެރި މައިންނަށްދޭ އެހީއެވެ. އާރުޓީއެލްގެ ސަބްސިޑީއެވެ. ވަޒީފާއިން ވަކިކުރަނީ ސަރުކާރު ކުންފުނިތަކުން އާދައިގެ މުއައްޒަފުންނެވެ. މަސްގަންނަ އަގު ކުރީ ބޮޑުތަނުން ދަށެވެ.
ކުރީ ސަރުކާރުން ނަގަންފެށި ކޮތަޅު ޓެކްސްއާއި ބޮޑުކުރި ޖީއެސްޓީ މުއިއްޒަށް ވެރިކަން ލިބުމުން ހަލާލުވެއްޖެއެވެ. ބޮޑުކުރި ޓެކްސްތައް ކަނޑާނުލިތާ ޕްރޮފިޓް ޓެކްސްކުރީ ބޮޑެވެ. ގްރީންޓެކްސް ކުރީ ބޮޑެވެ. ޑިޕާޗަރ ޓެކްސްއާއި އެއަރޕޯޓް ޑިވްލޮޕްމެންޓް ފީ ކުރީ ދެގުނައަށް ބޮޑެވެ.
އާނއެކެވެ. އާމްދަނީ އިތުރު ކުރަންވީއެވެ. ހަރަދުތައް ކުޑަކޮށް އިސްރާފުތައް ކުޑަކުރަންވީއެވެ. ގައުމަށް ދިމާވެފައިވާ މާލީ ބުރަކަމުން އަރައި ގަތުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. އެކަމަކު އިސްލާހީ ފިޔަވަޅުގެ ނަމުގައި އަޅާ ފިޔަވަޅުން އިތުރަށް ރައްޔިތުންނަށް ބުރައަކަށްވެ އިހުނަށްވުރެ ގޯސްވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ.
މާލީ ބުރަ ކުޑަކުރަން ރައްޔިތު މީހާގެ ޖީބަށް އަތްބާނާ ރައްޔިތުމީހާއަށް ލިބޭ އެތިކޮޅު އަތުލައިގަންނަން ހިފުމުގެކުރިން ހިންގުމުގެ ހަރަދު ކުޑަކުރާކަށް ހިތަށްވެސް ނާރައެވެ. 22 ވުޒާރާ ހަދައިގެން އެތަންތަން ހިންގަން މުއިއްޒަފުންނާއި އިމާރާތްތަކަށާއި އިދާރީ ހަރަދަށް މަހަކު އެތައް މިލިޔަން ރުފިޔާ ހަރަދުނުކޮށް ސަރުކާރު ހިންގޭ ކަމަކަށް މުއިއްޒަކަށް ނުވެއެވެ.
ވެރިކަމުގެ ހައިބަތަށްޓަކާ ބޭކާރު އަގުބޮޑު އިސްރާފުތައް ކުރަނީ މަދެއް ސުމާރެއްކޮށް ނޫނެވެ. ހާލަތަށް ރިއާޔަތްކޮށް ކޮންމެހެން ބޭނުން ނުވިޔަސް ސަރަހައްދު ބަލަހައްޓާ ޑްރޯނާއި އަލިފާން ނިވާ ޑްރޯން ގަނެގެން ކުރީ އިންތިހާއަށް ބޮޑު އިސްރާފެވެ. މުއިއްޒު ވެރިކަމަށް އެރިގޮތަށް އެތައް މިލިޔަން ރުފިޔާ ހަރަދުކޮށްގެން 20 ކާރުގަތުމާއި ފުލުފުލުގައި ހަވާއަރުވަން ކުރިހާ އިސްރާފާއި އިސްލާމީ ދިއްލުން ދިއްލަން އީދުތަކުގައި ކުރިހާ ހޭދައިގެ ވާހަކަ ދެއްކުމެއް ނެތެވެ. ތިން ގަނޑުވަރު އަޕްގްރޭޑްކުރަން ކުރިހާ ހޭދަޔާއި ހުވާކުރުމަށް މިލިޔަނުން ކުރި އިސްރާފުގެ ވާހަކަ ނުދެއްކޭ ވަރެއް ނޫނެވެ. މިނިސްޓަރުންނާއި މިނިސްޓަރުން ފެންވަރުގެ އެތައް ބަޔަކާއި ސްޓޭޓް މިނިސްޓަރުންނާއި ނައިބުންނާއި ގޮނޑި މޭޒުނެތް ސިޔާސީ އެތައްހާސް މުއައްޒަފުންނަށް މަހުން މަހަށް ކުރާ އިސްރާފް ޒަމީރަށް އެއްޗަކަށް ނުވިޔަސް ރައްޔިތުންނަށް އެކަމަކީވެސް ނިކަން ބޮޑުވެފައިވާ ކަމެކެވެ.
މުއިއްޒުގެ އިސްރާފުތައް އިންތިހާއަށް ހުރިއިރު އާއްމުކޮށް މުޅި ރައްޔިތުންގެ ލުއި ފަސޭހައަށް ދައުލަތުންކުރާ ހޭދަ ބޮޑު އިސްރާފަކަށް ވެގެން ކަނޑާ ކެނޑުމަކީ ބަލައިގަނެވޭ ކަންކަމެއްނޫނެވެ. ޕެންޝަން ކަނޑާލާ ގޮތަށް ހަމަޖެއްސުމުން ސިފައިންނާއި ފުލުހުން ރުޅިގަދަވެ ވެރިކަން ވައްޓާލަފާނެ ކަމުގެ ބިރަށް ޕެންޝަން ނުކަނޑާ ގޮތަށް އުނބަށް ޖެހީއެވެ. ސިފައިންނާއި ފުލުހުން އަތުގައި ހަތިޔާރު އޮންނާތީ އެ މީހުން ދެކެ ބިރު ގަންނަހެން، ހިތުހުރި ގޮތެއް ހަދާއިރު ރައްޔިތުން ކެކިއަރައިގެން ފާނެކަމަށް ބިރުނުގަތުމަކީ އަޖައިބެކެވެ.