2027 ވަނަ އަހަރު ފެނަކައިގެ 90 އިންސައްތަ ދަރަނި ދައްކާ ނިންމޭނެ

2027 ވަނަ އަހަރު ފެނަކައިގެ 90 އިންސައްތަ ދަރަނި ދައްކާ ނިންމޭނެ

ކުރީ ސަރުކާރުން ފެނަކަ ދަރުވާލާފައިވާ ކަމަށް ބުނާ ބުނުމާ އެއްބަސްވެވޭކަށް ނެތެވެ. ކަމުގެ ހަގީގަތަށް ފީނާލުމުން ފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ސިޔާސީ ބޭނުމަށް ވެސް ހަގީގަތް އޮޅުވާލުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ.

ރަނގަޅަށް ވިސްނާ ފިކުރުކުރާށެވެ. 2027 ވަނަ އަހަރު ނިމޭއިރު ފެނަކައިގެ 90 އިންސައްތަ ދަރަނި ދައްކާ ނިމޭނެ ކަމަށް އެކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދު ވެސް ވަނީ ވިދާޅުވެފައެވެ. 

ކުރީގެ ވެރިކަމުގައި ފެނަކައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ފެނަކައިން ހިންގި ޕްރޮޖެކްޓްތަކުގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ 2024 ވަނަ އަހަރުގެ އެޕްރީލް މަހާ ހަމައަށް ނިންމަން ޓާގެޓްކޮށްފައިވާ ޕްރޮޖެކްޓްތަކެއް ކަމަށެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ ފޯކާސްޓު ދައްކާ ގޮތުން 2027 ވަނަ އަހަރު ނިމޭއިރުގަ ފެނަކައަށް ލިބޭ އާމްދަނީން ފެނަކައިގެ ދަރަނި ދައްކަމުން ގޮސް ހަމަ ގާތްގަނޑަކަށް 90 އިންސައްތަ ދަރަނި އަޅުގަނޑުމެންނަށް ހަލާސްކުރެވޭނެ." ކަމަށް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވެފައިވާ ގޮތުގައި ފެނަކައިގެ ދަރަނި ބޮޑުވީ ކުންފުނީގެ އިންފްރާސްޓްރަކްޗާ ގާއިމުކުރުމަށް ކުރި މަސައްކަތާއި ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމުން ކަމަށެވެ. އަގުތައް އުފުލުމުންވެސް އިންފްރާސްޓްރަކްޗާގެ މަސައްކަތް ނުހުއްޓުމާއި ގުޅިގެން އަންދާޒާ ކުރި ވަރަށްވުރެ ބޮޑަށް ދަރަނި އިތުރުވި ކަމަށް ސަޢީދު އެއްބަސްވެއެވެ. އޭރު ސަރުކާރުން ރާއްޖޭގައި ހިންގި ބޮޑެތި މަޝްރޫޢުތަކަށް ބަޖެޓުން ބޭރުން ބޮޑެތި ޚަރަދުތައް ކުރަން ޖެހުންވެސް ދަރަނި ބޮޑުވުމުގެ އެެއް ސަބަބެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ކުންފުނީގެ މާލީ ޙާލަތަށް އަލިއަޅުވާލައްވަމުން ސަޢީދު ފާހަގަކުރެއްވި ގޮތުގައި ފެނަކައަކީ އާމްދަނީ ހޯދަން ޤާއިމުކުރެވިފައިވާ ތަނެއް ނޫނެވެ. އެކަމަކު، ރަށްރަށުގެ ގެތަކުގައި ބޭނުންކުރާ ކަރަންޓު ވަސީލަތްތައް ރައްކާތެރިކަމާއެކު ބޭނުން ކުރެވޭނެ ގޮތަށް ފެނަކައިން ކަރަންޓު ފޯރުކޮށްދިނުމުން އާމްދަނީ އިތުރުވި ކަމަށް ސަޢީދު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވިގޮތުގައި ކުރީ ސަރުކާރުން ފެނަކައާއި ހަވާލުވި ފަހުން ކުންފުނީގެ އާމްދަނީ 40 އިންސައްތައިން އިތުރުވިކަމަށެވެ.

ރާއްޖޭގެ ކޮންމެ ރައްޔިތަކަށް އެއް ކަނެކްޝަން ހިލޭ ގުޅައިދިނުމަށް ޤާނޫނަކުން ކަނޑައެޅުމުގެ ސަބަބުން އެކުންފުންޏަށް ފެނާއި ނަރުދަމާގެ ސަބަބުން ލިބެމުންދިޔަ ބޮޑު އާމްދަނީ ނުލިބުނު ކަމަށް ސައީދު ވިދާޅުވިއެވެ. ސަޢީދު ވިދާޅުވިގޮތުގައި މިނިމަން ވޭޖް ކަނޑައެޅުމުން ކުންފުނީގެ މުވައްޒަފުންގެ ޕޭރޯލަށް އައި ބަދަލުތަކާއި ގުޅިގެން ވެސް އާމްދަނީއަށް ލޮޅުންތަކެއް އެރިކަމަށެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އާންމުކޮށްފައިވާ ކުންފުނިތަކުގެ މާލީ ރިޕޯޓުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު ނިމުނުއިރު ފެނަކައިން އެކި ފަރާތްތަކަށް ދައްކަން ހުރި ދަރަނި 2.22 ބިލިއަން ރުފިޔާއަށް އަރައެވެ.