އަދިވެސް މުއިއްޒު އުޅެނީ ކެންޕޭނުގައި!
2023 ވަނަ އަހަރު ނިންމާލީ މާލޭގައި ދިރިއުޅޭ އެތައް ބަޔަކު އިންތިހާ ދަރަޖައިގެ އުދަނގުލާ ތުރާލުގަ
ކާރިސާއެއްގެ ދަރަޖައަށް ފުރަމާލެ އޮތީ ފެން ބޮޑުވެފައެވެ. ފެން ބޮޑުކަމުން މާލޭގެ މަގެއްގައި ދުއްވާލެވެން ނެތެވެ. ހިނގާ ބިނގާވެ އުޅެވޭކަށް ނެތެވެ. މިސްކިތްތަކާއި ފިހާރަތަކާއި ގޭގޭގައި ފެން ބޮޑުވެފައެވެ. ބޮޑުވެފައިވާ ފެނާއެކު ބައެއް ހިސާބު ހިސާބުގައި ނަޖިސް ފެނާއެކުވެ ހިސާބުގަނޑު އެކުގައި ވަނީ ނަޖިސްވެފައެވެ.
މާފަންނުކޮޅު ވަކީން ހާލު ބޮޑެވެ. މައިހޮސްޕިޓަލް ހުންނަ މަގުގައި ކަކޫތާފެނެވެ. ބައެއް ގޭގޭގެ ގްރައުންޑް ފްލޯރގައި ދިރިއުޅޭ މީހުނަށް ކައްކާ ކެވޭވަރެއް ނޫނެވެ. ހިފާ ގެންގުޅޭ އާލާތާއި އިލެކްޓްރިކް އަދި އިލެކްޓްރޯނިކު ގެވެހި ކަންވާރާއި މެޝިނަރީ ބޭނުން ކުރެވޭވަރެއް ނުވެއެވެ.
2023 ވަނަ އަހަރު ނިންމާލީ މާލޭގައި ދިރިއުޅޭ އެތައް ބަޔަކު އިންތިހާ ދަރަޖައިގެ އުދަނގުލާ ތުރާލުގައެވެ. ކާރިސާގެ ހާލަތްތަކުގައާއި ކުއްލި ނުރައްކަލުގެ ކޮންމެ ހާލަތެއްގައިވެސް އެއިރަކު ތިބި ވެރި ބަޔަކު ދަތި އުދަގޫ ހާލު ތަހައްމަލުކުރާ އާއްމު ރައްޔިތުންނާ ހަމައަށް ގޮސް ހާލު އަހުވާލު ބެލުމަކީ އަންދުހު އާދަ މަގުން ކޮށްއުޅޭ ކަމެކެވެ. އެވަގުތަކަށް ވެދެވެން އޮތް ހުރިހާ އެހީތެރިކަމެއް ފޯރުކޮށް ދިނުމަކީ އައުކަމެއް ނޫނެވެ. އެއްޔަކީ މާ ހިތްތިރި މައިތިރި އޯގާތެރި ކަމަކުންކުރާ ކަމެއްވެސް ނޫނެވެ. އެމީހުންގެ ވާޖިބެކެވެ. ޒިންމާއެކެވެ.
ބޮޑުރާޅު އެރުމާއި ސްނާމީއާއި އަލިފާން ރޯވުމާއި ފެންބޮޑުވުމާއި ފެނަށްޖެހުން ފަދަ އެތައް ހަދިސާއެއް ދިވެހިންވަނީ ތަޖުރިބާ ކޮށްފައެވެ. އެއިން ކޮންމެ ފަހަރަކު ވެސް އެއިރަކު ހުރި ވެރިއަކު އެކަމެއްގައި ނިކަން ރަނގަޅަށް އިޖާބީ ގޮތެއްގައި ބައިވެރިވެފައި ވެއެވެ. ރައީސް މައުމޫނެއް ނަޝީދެއް ވަހީދެއް ޔާމީނެއް ސޯލިހެއް ތަފާތެއް ނެތެވެ.
ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ 140 އަށްވުރެ ގިނަ ތަންތަނަށް ބޮޑެތި ގެއްލުންވެ 11 ގެއަކުން މީހުން ބަދަލު ކުރަން ޖެހުމަކީ ކުޑަކަމެއް ނޫނެވެ. އިއުލާނު ނުކުރިޔަސް އެއީ ކުއްލި ނުރައްކަލުގެ ހާލަތެކެވެ. ރައްޔިތުންގެ ތެރެއިން ބަޔަކަށް ކުރިމަތިވި ހިތްދަތި ހިތާމައިގެ މި ދަނޑިވަޅަކީ ރައީސް މުއިއްޒުގެ އޯގާތެރިކަން އިސްތިހާރު ކުރަން އޮތް ހާލަތެއް ނޫނެވެ. ގެއްލުން ލިބުނު ރައްޔިތުންގެ ހާލުބަލާ ސަރުކާރަށް ކޮށްދެވެން އޮތް ހުރިހާ ކަމެއް އެންމެ އަވަހަށް އެންމެ ރަނގަޅަށް ކުރުމަކީ ދައުލަތުގެ އެންމެ މަތީވެރިޔާގެ ޒިންމާއެކެވެ. ވާޖިބެކެވެ. އެކަމަކީ ވެރިއެއްގެ އޯގާތެރިކަމުން ކުރާ ކަމެއް ނޫނެވެ.
މާލޭގެ ފެންބޮޑުވުމުގެ ހާދިސާއަކީ ވެސް މުއިއްޒުގެ ސޯޝަލް މީޑިއާ ބޮޓުންނަށްވީ މުއިއްޒު ޕްރަމޯޓް ކުރަން ލިބުނު ރަނުގެ ފުރުސަތަކަށެވެ. ރައީސް އޮފީހުގެ މީޑިއާއިން ފެށިގެން މުއިއްޒަށް ތާއީދުކުރާ ނޫސްތަކާއި މުއިއްޒުގެ ސޯޝަލް މީޑިއާ ބޮޓުންނަށް ހިނގައިގެން އުޅޭ ހާދިސާއަށްވުރެ ބޮޑުވީ މުއިއްޒު އެތަންތަނަށް ދިޔަ ދިޔުމެވެ. ހީވަނީ އެހެން ވެރިއަކު ދުވަހަކު ނުކުރާ ކަމެއް ކުރެވިގެން އުޅޭހެންނެވެ.
ކިތަންމެ ހައްސާސް ހިތާމަވެރި ކަމެއް ކަމަށްވިޔަސް ސިޔާސީ ކޮށްގެން މުއިއްޒަކީ މާ އޯގަތެރި އެހީތެރި މީހެއްކަމަށް ދައްކަން ޖެހެނީ އެސިފަ ހަގީގަތުގައި ނެތީމައެވެ. ނަމާދަށް މިސްކިތަށް އެރުމާއި ކުޑަކުއްޖެއްގެ ގައިގާ ލޯބިން ފިރުމާލުމާއި ހާލުގައި ޖެހިފައިވާ ބައެއްގެ ހާލުބަލައިލުމަކީ އިސްތިހާރުކޮށް ކަންދައްކަން ޖެހޭ ކަމެއް ނޫނެވެ. އެހާވަރަކުން އިސްތިހާރުކޮށް ވަކި ސިފައެއް ހުރިކަން ދައްކަން ޖެހެނީ އަސްލުގައި އެސިފައެއް ނެތުމާއި އެސިފައެއް ހުރިކަން ބަޔަކު ގަބޫލު ނުކުރާތީއެވެ.
އަޅުވެތިކަމާއި ތަވާޟުޢުވެރިކަން ހުންނަ މީހަކު ފަތިސްނަމާދު ޖަމާއަތުގައި ކުރާ ވާހަކައެއް ނުދައްކުވާނެއެވެ. ބަޔަކު ދެއްކިޔަސް ހުއްޓުވާނެއެވެ. ނިކަމެތިންނާއި ކުޑަކުދިންގެ ގައިގައި ފިރުމާލާ އެހީތެރިކަމެއް ފޯރުކޮށްލާ ކޮންމެ ފަހަރަކު ހިތްތިރިކަމާއި އޯގާތެރިކަން ސޭލެއް ނާޅުވާނެއެވެ. ހުވާކޮށްގެން ހުރި ގާނޫނީ ޒިންމާއެއް އަދާކުރުމަކީ ހެޔޮކަމުން ކުރާ ކަމަކަށް ހަދައިގެން އެވާހަކައެއް ނުފަތުރާނެއެވެ.