ބްލެކް ޑާލިއާ : 84 އަހަރު ވީއިރުވެސް ހަގީގަތް ނުހޯދުނު މަރެއް
ކޮށާލާފައި އޮތް ހަށިގަނޑު އޮތް ސަރަހައްދުން އެންމެ ލޭ ތިއްކެއްވެސް ފެންނާކަށް ނެތެ
ހޮލީވުޑުން ފުރުސަތު ހޯދުމަށް އުންމީދުކުރަމުންދިޔަ 22 އަހަރުގެ ޒުވާން އަންހެނަކު 1947 ވަނަ އަހަރު ލޮސް އެންޖެލިސްގައި މަރުވި މައްސަލައަކީ، މިއަދާ ހަމައަށްވެސް ހައްލެއް ހޯދިފައިނުވާ ބޮޑު ސިއްރެކެވެ.
15 ޖެނުއަރީ 1947 ގެ ހެނދުނުގެ ވަގުތެއްގައި، ލޮސް އެންޖެލިސްގެ އަވަށްޓެރި ސަރަހައްދެއްގައި ދަރިފުޅު ގޮވައިގެން ހިނގާލަން ނިކުމެ އުޅުނު މައެއްގެ ލޮލުގައި އަޅައިގަތީ ބިރުވެރި މަންޒަރެކެވެ. އެއީ އުނަގަނޑުން ދެބުރިކޮށްލާފައި އޮތް ޒުވާން އަންހެނެއްގެ ބަރަހަނާ ހަށިގަނޑެވެ.
އެ ހަށިގަނޑު އޮތީ ހިނގާ މަގާ ވަރަށް ކައިރީގައެވެ. ބުނެވޭ ގޮތުގައި، ހަށިގަނޑު ބާއްވާފައި އޮތް ގޮތުން ފުރަތަމަ ނަޒަރުން އެ މަންމައަށް ހީވީ އެއީ ފިހާރަތަކުގައި ބޭނުންކުރާ ޒާތުގެ ބުދެއް ކަމަށެވެ.
ހަށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ދީ، ކޮށާލާފައި އޮތް ނަމަވެސް، އެ ސަރަހައްދުން އެންމެ ލޭ ތިއްކެއްވެސް ފެންނާކަށް ނެތެވެ. މިއީ އެ ޒުވާން އަންހެން މީހާ މަރާލާފައިވަނީ އެހެން ތަނެއްގައިކަން އަންގައިދޭ ވަރަށް ބޮޑު ހެއްކެކެވެ.
މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ ލޮސް އެންޖެލިސް ޕޮލިސް ޑިޕާޓްމަންޓުންނެވެ. އެފް.ބީ.އައި ގެ އެހީތެރިކަމަށް އެދުމުން، "ސައުންޑްފޮޓޯ" (އެ ދުވަސްވަރު ހަބަރު ފަތުރާ އިދާރާތަކުން ބޭނުންކުރި ފެކްސް މެޝިނެއްގެ ބާވަތެއް) މެދުވެރިކޮށް ލިބުނު ފިންގަޕްރިންޓްތަކެއް ބޭނުންކޮށްގެން، އެންމެ 56 މިނެޓް ތެރޭގައި އެއީ ކާކުކަން ދެނެގަނެވުނެވެ.
އެ ޒުވާން އަންހެން މީހާއަކީ އެލިޒަބަތު ޝޯޓް ނަމަކަށް ކިޔާ، ހޮލީވުޑުން ކުރިއަށްދިއުމުގެ ހުވަފެންތަކެއް ދެކެމުން އައި މީހެކެވެ. އޭނާ ކަޅުކުލައިގެ ހެދުން އެޅުމަށް ލޯބިކުރާތީއާއި، އެ ދުވަސްވަރު ނިކުތް "ބްލޫ ޑާލިއާ" ފިލްމާ ގުޅުވައި ނޫސްވެރިން އޭނާއަށް "ބްލެކް ޑާލިއާ" ގެ ނަމުން ނަންދިނެވެ.
އެފް.ބީ.އައިގެ ބޮޑު ރެކޯޑް ތަކުގެ ތެރެއިން ޝޯޓްގެ ފިންގަޕްރިންޓް ދެ ފަހަރެއްގެ މަތިން ފެނުނެވެ. ފުރަތަމަ ފަހަރަކީ، ޖެނުއަރީ 1943 ގައި ކެލިފޯނިއާގެ އާމީ ކޭމްޕް ކޫކްގެ ކޮމިސަރީގައި ކްލާރކެއްގެ ވަޒީފާއަށް އޭނާ ކުރިމަތިލީ ފަހަރެވެ.
ދެވަނަ ފަހަރަކީ، އޭގެ ހަތް މަސް ފަހުން ގަވާއިދާ ހިލާފަށް ރާބޮއެގެން ސަންތާ ބާބަރާގެ ފުލުހުން އޭނާ ހައްޔަރުކުރި ފަހަރެވެ. އެފް.ބީ.އައިގެ ފައިލްތަކުގައި އޭނާގެ "މަގް ޝޮޓް" (ކުށްވެރިންގެ ގޮތުގައި ނަގާ ފޮޓޯ) ވެސް ހުއްޓެވެ. އަދި އެ އިދާރާއިން އެ ފޮޓޯ ނޫސްވެރިންނަށް ފޯރުކޮށްދިނެވެ.
ލޮސް އެންޖެލިސްގެ ފުލުހުންނަށް އެހީތެރިވުމުގެ ގޮތުން، އެފް.ބީ.އައި އިން ތުހުމަތުކުރެވޭ މީހުންގެ ރެކޯޑްތައް ބަލައި، މުޅި ގައުމުގައި މީހުންނާ ސުވާލުކުރިއެވެ.
ހަށިގަނޑު ވަރަށް ސާފުކޮށް ބުރިކޮށްލާފައި އޮތުމުން، ގާތިލަކީ އިންސާނާގެ ހަށިގަނޑު ކޮށައި ވަކިކުރުމުގެ ހުނަރު ލިބިފައިވާ މީހަކަށް ވެދާނެ ކަމަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން، ޔުނިވަރސިޓީ އޮފް ސަދަން ކެލިފޯނިއާގެ މެޑިކަލް ސްކޫލްގެ ދަރިވަރުންތަކެއްގެ މައުލޫމާތު ބެލުމަށްވެސް އެޖެންޓުންނަށް އެންގުނެވެ.
މީގެ އިތުރުން، މި މައްސަލައަށް ހައްލެއް ލިބިދާނެ ފަދަ ކަމެއްގެ ގޮތުގައި، ގާތިލު ކަމަށް ބެލެވޭ މީހަކު ފޮނުވި ނަން ނުޖެހި ސިޓީއަކުން ފެނުނު ފިންގަޕްރިންޓާ ދިމާވާ މީހަކު އެފް.ބީ.އައި އިން ހޯދިއެވެ. ނަމަވެސް އެ ފިންގަޕްރިންޓާ ދިމާވާ މީހެއްގެ ރެކޯޑެއް އެ އިދާރާއަކުން ނުފެނުނެވެ.
"ބްލެކް ޑާލިއާ" މަރާލީ ކާކު ހެއްޔެވެ؟ އަދި އެކަން ކުރީ ކީއްވެ ހެއްޔެވެ؟ އެއީ މިއަދާ ހަމައަށްވެސް އޮތް ބޮޑު ސިއްރެކެވެ.
މި ގާތިލު ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އަދި މިހާ ގިނަ ދުވަސް ވެފައިވާތީ، ދެން ދުވަހަކުވެސް އެ ގާތިލަކީ ކާކުކަން އެނގުމަކީ ނާދިރު ކަމެކެވެ.


