ހިންގުމުގެ އޮނިގަނޑު ކުޑަކުރުމުން ސަބްސިޑީ ބުރައަކަށް ނުވާނެ!
ދައުލަތް ހިންގުމުގެ ހަރަދު ބޮޑު އޮނިގަނޑު ކުޑަކުރޭ!
ސަރުކާރެއް އޮތުމުގެ ބޭނުން އޮޅިއްޖެއެވެ. އެކި ނަންނަމުގައި މުއައްސަސާތައް ހަދައިގެން މުސާރަދީގެން އުޅެނީ ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަމާއި ލުއިފަސޭހަކަން ހޯދާދޭކަށް ނޫންހެއްޔެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ގައުމުގެ ފުދުން ތެރިކަން އިތުރުކުރަނީ ރައްޔިތުން ހެޔޮ ހާލަތުގައި ތިބުން ނޫން ކޮން ބޭނުމަކު ހެއްޔެވެ.
ހަގީގަތުގައި ސަރުކާރަކީ އުސޫލުތަކާއި ހަމަތަކެއްގެ ތެރެއިން ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮންނަ އެއްޗެކެވެ. ދައުލަތުގެ ވަސީލަތްތައް ބޭނުން ކޮށްގެން އާމްދަނީ ހޯދައިގެން ރައްޔިތުނަށް ހެވާއި ލާބައާއި ރައްކާތެރިކަމާއި އަމާންކަން ހޯދާދިނުން ނޫން ކަމެއް ސަރުކާރަކަށް ނުއޮންނާނެއެވެ. ސަރުކާރެއްގެ ފުރަތަމަ ޒިންމާއަކީ އާއްމުކޮށް ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ކަށަވަރު ކޮށްދީ ލިބިދިނުމެވެ.
ބޭސް ފަރުވާ ކުރުމަށާއި އަސާސީ ހިދުމަތް އަގުހެޔޮކުރުމަށް ސަރުކާރުން ސަބްސިޑީ ދިނުން ބޮޑު ބުރައަކަށް ވެގެން ވާހަކަ ދައްކާއަޑު ނިކަން ގަދައެވެ. ދައުލަތް ހިންގުމުގެ އޮނިގަނޑު އިންތިހާއަށް ބޮޑުކޮށްގެން ތިބެ ހިންގުމުގެ ހަރަދު އިންތިހާއަށް ކުރަމުން ރައްޔިތުންނަށްދޭ ހިދުމަތް އަތްފޯރާ ފަށަށް ގެންނަންދޭ ސަބްސިޑީ ބުރައަކަށް ވެގެން އުޅޭތީ ހައިރާންވެއެވެ.
އަތްފޯރާފަށުގައި ރައްޔިތުންނަށް ކަންކަން ކޮށްދިނުމަށް މަގުފަހިކޮށް ދިނުމަކީ ސަރުކާރެއް އޮތުމުގެ ބޭނުމެވެ. ކާޑާއި ތެލާއި ޒަރޫރީ އާއްމު މުދާ އަގުހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ ގޮތަށް ސަރުކާރުން އިންތިޒާމް ކުރަންޖެހެއެވެ. އެސްޓީއޯ ފަދަ ކުންފުނިތައް ހަދައިގެން ސަރުކާރުން ވިޔަފާރި ކުރަން ޖެހެނީ އެހެންވެގެންނެވެ. ބޭސްފަރުވާ ރައްޔިތުންނަށް ސަރުކާރުން ކަށަވަރު ކޮށްދޭންޖެހެއެވެ. ސަރުކާރުން ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތައް ހިންގަން ޖެހެނީ އެހެންވެއެވެ. ކަރަންޓާއި ފެނާއި ހެޔޮއަގުގައި ރައްޔިތުންނަށް ކަށަވަރުކޮށްދޭން ސަރުކާރަށް ޖެހެއެވެ. ސްޓެލްކޯއާއި ފެނަކަ ފަދަ ކުންފުނިތައް ހުންނަން ޖެހެނީ އެހެންވެއެވެ. މަގާއި ބަނދަރާއި ދަތުރު ފަތުރާއި އެނޫންވެސް ޕަބްލިކް އިންފްރާންސްޓްރަކްޗަރތައް ސަރުކާރުން ގާއިމު ކޮށްދޭން ޖެހެއެވެ. އެމްޓީސީސީ ފަދަ ކުންފުނިތައް އޮންނަން ޖެހެނީ އެހެންވެއެވެ. އެއްގަމާއި ކަނޑާއި ވައިގެ އަގުހެޔޮ ފަސޭހަ އަވަސް ދަތުރު ފަތުރު ރައްޔިތުންނަށް ކަށަވަރުކޮށް ކޮށްދޭން ޖެހެއެވެ. ދަތުރު ފަތުރާއި ގުޅޭ ކުންފުނިތައް ސަރުކާރުން ހިންގަން ޖެހެނީ އެހެންވެއެވެ. ހަމައެކަނި ކޮށްލަން ޖެހޭހާވެސް ކަމަކީ ބޮޑު ފައިދާ ނެރެން ގެންގުޅޭ ވިސްނުން ބަދަލުކޮށްލުމެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނިތަކާއި ސަރުކާރު ބައިވެރިވާ ޕަބްލިކް ކުންފުނިތަކުގެ ފުރަތަމަ ޒިންމާއަކީ އެބަޔަކާ ގުޅިފައިވާ ހިދުމަތެއްގެ އަސާސީ މިންވަރު އަގުހެޔޮކޮށް ލުއިފަސޭހަކޮށް ކޮންމެ ރައްޔިތަކަށްވެސް ލިބިދިނުމެވެ. ސަރުކާރުން ސަބްސިޑީ ދީގެންވެސް ކުރަންޖެހެނީ އެކަމެވެ. ވިޔަފާރީގެ ފައިދާ ހޯދަން ޖެހޭނީ އަސާސީ މިންވަރު ރައްޔިތުންނަށް ކަށަވަރުކޮށް ދިނުމަށްފަހުގައެވެ. މުއްސަންޖަކަސް ފަގީރަކަސް ރައްޔިތަކަށް ވީތީ އޮންނަ އަސާސީ މިންވަރު ފޯރުކޮށް ދިނުމުގައި ތަފާތު ވެގެން ނުވާނެއެވެ. މުއްސަދި މީހާ އަތުން ބޮޑު އަގު ނެގެންވާނީ އަސާސީ މިންވަރަށްވުރެ އިތުރަށް ހޯދާ އެއްޗަކުންނެވެ.
ވަކި ރައްޔިތަކު ތަފާތުނުކޮށް އެންމެންނަށް ކާނާއާއި ބޯފެނާއި ބޭސްފަރުވާއާއި ހިޔާވަހިކަމާއި އުނުއަންނައުނާއި ލުއި ފައިސޭހަކަމާއެކު ހޯދާ ނުދެވެންޏާ ސަރުކާރެއް އޮތުމުގެ ބޭނުމެއްނެތެވެ. ކަރަންޓާއި ލަފާފުރުމާއި ތައުލީމާއި އަޅުކަން ކުރެވޭނެ ގޮތް ހޯދާނުދެވޭ ސަރުކާރެއް އޮތުމުގެ ބޭނުމެއް ނެތެވެ. ރައްކާތެރި އަމާން ވެއްޓެއް ހޯދާނުދެވޭ ސަރުކާރެއްގެ ބޭނުމެއްނެތެވެ. ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ މަސައްކަތްކޮށްގެން ކުރިއަރާ ދިޔުމަށް ޖާގަނުދެވޭ ސަރުކާރެއްގެ ބޭނުމެއްނެތެވެ. ހަށިހެޔޮ ދުޅަހެޔޮ މުޖުތަމައެއް ބިނާކޮށްނުދެވޭ ސަރުކާރެއްގެ ބޭނުމެއްނެތެވެ.