ހުސްވި ހަތަރު އަހަރު ގައްސާން އޮތީ ކޯމާގައި!
ގެއްލުނު އަރާމާ ލައްޒަތުގެ މަސްތުގައި މޮޔަ ނުގޮވާ
ތިރީސް އަހަރު މުޅި ރާއްޖެއަކީ އަމިއްލަ މިލްކަކަށް ހަދައިގެން އުޅުނު ބައިގަނޑު ނިކުމެ ގެއްލުނު ފުރާވަރު ހޯދަން ދަތްދިލުވާތީ ދަތް ވިކެއެވެ. ދައުލަތުގެ ފައިސާކައިކައި ތިއްބާ އުފެދުނު ދަރިފަންޏަކުން ދަރިމައިވެ ދައުލަތުގެ ތަންމައްޗަށް ވިހާ ދައުލަތް ކައިގެން ބޮޑުވި މަސްގަނޑެއް ދައުލަތުގެ ފައިސާގެ ވާހަކަ ދައްކާތީ ދަތްކޮޅު ފައިބާހާ ވެއެވެ.
ކަށިނުޖެހޭ ގޮމައްޓެއްހެން ބާންދީންނާއި ގަހުރަމާނުން ކިހިލިން އުދުހުނު ހަނދާން އާވެ ލޮލަށް ފިޔާ ދިލަ ވިޔަސް ނާރުވާ ނުހުރެވޭނެތާއެވެ. ދައުލަތުގެ ބޭރު ފައިސާގެ ރަސްމީ ރިޒާވްގެ މައްޗަށް ކުޑަކަމު ދިޔަ ދުވަސް ހިތަކުން ނުފިލާނެއެވެ. އެރި އޮވެ ބޮޑުކޯމަހެއްހެން ބަކަތެޅި ޕޫލުމަތިން ހިތެއް ނުކެނޑޭނެއެވެ.
ހާޖަތަށް ދިޔަ ރަންތަށީގެ ވިދުވަރުން ލޮލުގެ ކޮއެ އަނދާ ވަރަށް ވިދުން ގަދަވެ ކަންނާޑިއެއްގެ ފަހަތަށް ލޯލައިގެން އުމުރު ހުސްކުރަން ޖެހުނު ތަށިމައްޗަށް ތިރި ނުވެވޭތީ އަސަރު ފަށެއް ކުރާނެއެވެ.
ކަލޯ ކުޑަ ސޮރާއެވެ. އުފެދި ވިހާ ބޮޑުވީ ވެސް ރައްޔިތުންގެ ފައިސާއިންނެވެ. މިހާރު ތިޔައިން ގޮނޑިއެއް ހޫނުކޮށްގެން ވެސް ތިޔަކައި ނަގަނީ ރައްޔިތުންގެ ފައިސާއެވެ.
އުފަންކުރުވާ ކާންދީ ބަލާ ބޮޑުކޮށް ޝާނާ ޝައުކަތު ހޯދާ ދިން ބަފާމިހާ ދޮޅިއަޅާލި ބޮޑުބޭބެގެ ކަފުގައި ތިޔަ ހުންނަނީ ދައުލަތުގެ ބޮޑު ތިޖޫރިއަށް އަތްދަރާ ލެވެން ދެން ކަން ނޭގެނީ ކާކަށް ހެއްޔެވެ.
ފޭބި ހަތަރު އަހަރުގެ ވާހަކަ ދައްކަން އެންމެ ތާހިރީ ގައްސާނެވެ. ގަމާރު ކަމުން ވާނުވާ ނޭގެނީ ހެއްޔެވެ. ނޫނީ ގަސްދުގައި ފިތުނަ އުފައްދަނީ ހެއްޔެވެ. ފޭބި ހަތަރު އަހަރުން ދެއަހަރު މުޅި ދުނިޔެ އޮތް ހާލު ނޭނގޭ ހާ ގަމާރީވިއްޔާ އިގްތިސާދީ ވާހަކަ ނުދައްކާށެވެ. ރާއްޖޭގެ ބޯޑަރ ހުޅުވުނަސް ދުނިޔޭގެ ތާކުން މީހުން އެއްތަނުން އަނެއްތަނަށް ދަތުރު ނުކުރާކަން އެނގޭ ވަރަށް ވުރެ ލޮލުހާލު ދެރައީތާއެވެ. ދުނިޔޭގެ ބޯޑަރުތައް ބަންދުވެ އެއްތަނުން އަނެއްތަނަށް ދަތުރުކޮށް މުދާ އުފުލާ ނުހެދުނުކަން ހަނދާނެއް ނެތް ދޯއެވެ. ބޭނި މަސްކޮޅު ވިއްކަން ބޯޓެއްގައި ގޮސް ވަދެވުނު ބަނދަރެއް އޮތް ހެއްޔެވެ. ކޮވިޑްގެ ވަބާގައި ދުނިޔޭގެ ގައުމުތައް ހުއްޓި ބަނގުރޫޓްވެ އިނދަ ޖެހުނުތައް ނުދެކެން ހެއްޔެވެ.
ޓޫރިޒަމާއި މަސްވެރިކަމަށް ބިނާވެފައި އޮތް މި ރާއްޖެ ބަނޑަށް ނުޖެހި ބޭރު ފައިސާގެ ރަސްމީ ރިޒާވު ހުސްނުވެ 491 މިލިއަން ޑޮލަރަށް ތިރިވެފައި އޮތްކަން ވެސް ނަސީބެވެ. ޓޫރިސްޓަކަށް އެތެރެއެއް ނުވެވެއެވެ. ބާނާ މަހެއް ބޭރެއް ނުކުރެވެއެވެ. ރާއްޖެއިން މަސް ބޭރުކުރާ މިންވަރު ހަތަރު ހާސް ޓަނު މަދުވެފައިވާ ވާހަކަ މިހާރު ދައްކަނީ ލަދު ހަޔާތް ކުޑަކަމުންނެވެ. އެހާލުގައި ގައުމުތައް އޮތް އިރު މަޖިލިސް ބަންދުކޮށް ގޭގައި ތިބެގެންވެސް ބޮޑު މުސާރަ ނަގައިގެން ކޭ އިރު ކައިރި ގެއަކަށް ރޯދަ ވީއްލުމެއްހާ ވަރުވެސް ދިއްކޮށް ނުލާ ތިބެ ހަތަރު އަހަރޭ ރައްޔިތުންނޭ ރިޒާވޭ ކިޔައިގެން ދަތް ދިލުވާކަށް ލަދެއް ހަޔާތެއް ނެތެވެ.
ކައިރީގަ އޮތް ލަންކާ ބަނގުރޫޓްވެ ހަސްނެތިގެން ދިޔަ ގޮތަށް ރާއްޖެ ބަނގުރޫޓޫ ނުވެ ސަލާމަތްވެފައި އޮތީ ވެރިއަކަށް ހުރި މީހެއްގެ ހިކުމަތްތެރިކަމުން ކަން ނޭގުމަކީ ޖާހިލުކަން ނޫން ކޮން ކަމެއް ހެއްޔެވެ. ތަންތާނގައި މިލިޔަނުން ލައްކައިން ހާހުން ސަތޭކައިން މީހުން މަރުވަމުން ދިޔަ ތަނެއް ނުފެނޭ ހެއްޔެވެ. ރާއްޖޭގައި ދިރިއުޅުނު މަދު މީހަކު ނޫނީ މަރުން ސަލާމަތްވެ ބަނޑުފުރާނަ މުއްތިކޮށް ހެލިފެލިވެ އުޅެވޭވަރު ސަރުކާރަކުން ކުރިތަނެއް ނުދެކެން ހެއްޔެވެ. ދުނިޔޭގައި އެންމެ ރަނގަޅަށް އެންމެ އަވަހަށް ކޮވިޑް މެނޭޖުކުރި ގައުމަކަށް ރާއްޖެ ވީއިރު ގައްސާނު އޮތީ ކޯމާގަހެއްޔެވެ.
ގެއްލުނު އަރާމާ ލައްޒަތުގެ މަސްތުގައި މޮޔަ ނުގޮވާ 30 އަހަރު ދައުލަތް މިލްކު ކޮށްގެން އުޅުނީތީ ބަފާމީހާއަށް ކޮންމެ މަހަކު ދޭ ލާރިގަނޑާ ގޮނޑި ހޫނުކޮށްގެން ތިޔަ ހޯދާ ފައިސާ ގަނޑު ބައްކޮށްގެން މަޑުން ތިބެވޭތޯ ބަލާ ބަލާށެވެ.