ރުހުން ނެތް ވަޒީރުންގެ ނިންމުންތައް ބާތިލު!
މަޖިލީހުން ރުހުން ނުލިބުމުން މަތިމައްޗަށް އެ ވުޒާރާއަށް އެ ބޭފުޅަކު އައްޔަނެއް ނުކުރެވޭނެ
- އުޝާމަށް ދައުލަތް ތަމްސީލެއް ނުކުރެވޭނެ!
- ހައިދަރަށް ފްލެޓް ލިސްޓަކާ ނުކުޅެވޭނެ!
- ޝަހީމަށް އިސްލާމީ ކަންކަމަކާ ނުބެހެވޭނެ!
އައު ގާނޫނު އަސާސީގެ ދަށުން އުފެދުނު ފުރަތަމަ ވަޒީރުންގެ މަޖިލިސް އުފެދުނީ 2008 ވަނަ އަހަރުއެވެ. ގާނޫނު އަސާސީ ބުނާ ގޮތުން ވަޒީރުންގެ މަޖިލިސް އެކުލެވިގެންވަނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި އެކިއެކި ވުޒާރާތައް ހިންގުމާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރާ ވަޒީރުންނާއި ބަންޑާރަ ނައިބުގެ މައްޗަށެވެ. ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފިޔަވާ ވަޒީރުންގެ މަޖިލީހަށް އައްޔަންކުރާ އެހެން މެންބަރުން އެ މަޖިލީހަށް ޢައްޔަން ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދާން ގާނޫނު އަސާސީގެ 129 ވަނަ މާއްދާގެ (ނ) ލާޒިމުކުރެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރުހުންނެތި ވަޒީރުންގެ މަޖިލީހުގައި ތިބެވޭނީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އެކަންޏެވެ. އެއީ އެ މީހުނަށް ރައްޔިތުން ރުހުންދީފައި އޮތީމައެވެ.
މަލްޓިޕާޓީ ޑިމޮކްރަސީ ތައާރަފުވެ ބޭއްވި ފުރަތަ ރިޔާސީ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބު ކުރެވުނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ގ. ކެނެރީގެ މުހައްމަދު ނަޝީދެވެ. އެ މަނިކުފާނުގެ ނައިބަކަށް އިންތިހާބު ކުރެވުނީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް ނަޝީދު ފުރަތަމަ ކެބިނެޓްގެ ވަޒީރުން މަގާމާ ހަވާލުވުމުގެ ހުވާކުރީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ރުހުން ހޯދުމަށް ފަހުގައެވެ. ކިހާ ރީތި ފެށުމެއް ހެއްޔެވެ. ވަޒީރެއްގެ ހައިސިއްޔަތުން ރައްޔިތުންގެ ކުޑަކަމެއް ވެސް ނިންމުމުގެ ގާނޫނީ ސައްހަކަމާމެދު ކުޑަވެސް ސުވާލެއް އުފެއްދުމުގެ ޖާގައެއް އޭރަކުން ނުއޮންނާނެއެވެ.
މަޖިލީހުން ރުހުން ނުހޯދާ ވަޒީރުން މަގާމުގެ ހުވާކުރުމުގެ އިޖުރާތެއް އުފެދުނީ ސްޕްރީމް ކޯޓުން ނެރުނު ރޫލިންގ އެއްގެ ސަބަބުންނެވެ. ނޮމިނޭޓް ކުރުމާއި އެޕޮއިންޓް ކުރުމުގެ މަފްހޫމުގައި ނެރުނު ރޫލިންއަކުން މަޖިލީހުގެ ރުހުން ނުހޯދާ ވަޒީރުންނަށް މަގާމާއި ހަވާލުވެވޭނެ ކަމަށް ނިންމާ ޕްރޮސީޑެންޓެއް ގާއިމު ކުރުވީއެވެ. އެ ވަގުތު އޮތް ސަރުކާރުގެ މަސްލަހަތު ނެގެހެއްޓުން ކޯޓަށް މުހިންމު ވީއެވެ.
ވަޒިރުކަމަށް ރައީސް މީހަކު އައްޔަނުކޮށް މަގާމުގެ ހުވާ ކުރުމުން އެ މީހަކު ވަޒީރުން މަޖިލީހުގެ މެންބަރަކަށް ވަންޏާ، ރައީސް އައްޔަނު ނުކުރަނީސް ވަޒީރުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި މީހަކަށް މަޖިލީހުން ރުހުންދީ މަގާމުގެ ހުވާކުރުވާ މީހަކަށް ކެބިނެޓް ވަޒީރަކަށް ނުދެވޭންވީ ސަބަބެއް ނެތެވެ. ހަމަ އެހެން ރައީސް އައްޔަނުކޮށް މަޖިލީހުން ރުހުންދޭ މީހަކު މަގާމުގެ ހުވާނުކުރިޔަސް އެ މީހަކީ ކެބިނެޓް ވަޒީރެއް ކަމުގައި ވެވޭނެ ތާއެވެ. ނޫނެކެވެ. ނުވާނެއެވެ. ވަޒީރުންގެ މަޖިލީހުގެ މެންބަރަކަށް ވެވޭނީ ރާއީސުލް ޖުމްހޫރިއްޔާ އައްޔަނުކޮށް ރައްޔިތުންގެ މަޖީލިހުގެ ރުހުން ލިބިގެން މަގާމުގެ ގާނޫނީ ހުވާ ކުރުމުންނެވެ. އަޖައިބެކެވެ. ކަނު އަނދިރީގާ ބަރަހަނާކޮށް ހުރުމަކީ އޮރިޔާން ނިވާކޮށްގެން ހުރުން ކަމަކަށް ނުވާނެއެވެ.
މިހާރު ރާއްޖޭގައި ވަޒީރުންގެ މަޖިލީހަށް މެންބަރުން އައްޔަނު ކުރަމުން އަންނަ އުސޫލަށް ބެއްޔަސް މަޖިލީހުގެ ރުހުން ނުލިބުނު 3 މީހުންނަކީ ވަޒީރުން ކަމުގައި ބެލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތެވެ. ޑރ. ޝަހީމާއި ޑރ. ހައިދަރާއި އުސްތާޒް އުޝާމާ 3 ބޭފުޅުންނަށް އެ ބޭފުޅުން އައްޔަނުކުރި މަގާމުތައް ދިނުމަކަށް މަޖިލީހުގެ ރުހުމެއް ނެތެވެ. އެ 3 ބޭފުޅުން ކެބިނެޓްގައި ތިއްބެވުމަށް ފުރިހަމަ ވާންޖެހޭ ކަމަށް ގާނޫނު އަސާސީ ބުނާ މައިގަނޑު ތިން ރުކުނުން އެއް ރުކުން އެބޭފުޅުންގެ ފުރިހަމައެއް ނޫނެވެ. ފުރިހަމަ ވާންޖެހޭ 3 ރުކުނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރުމާއި ރައްޔިތުންގެ މަޖިލީހުގެ ރުހުން އޮތުމާއި މަގާމުގެ ގާނޫނީ ހުވާކުރުމެވެ.
ވަކި ވުޒާރާއަކަށް އައްޔަނުކުރާ ވަޒީރަކަށް އެ ވުޒާރާގެ ވަޒީރުކަން ކުރުމަށް މަޖިލީހުން ރުހުން ނުލިބުމުން މަތިމައްޗަށް އެ ވުޒާރާއަށް އެ ބޭފުޅަކު އައްޔަނު ކުރިޔަސް މަޖިލީހުގެ ރުހުން އޮތް ބޭފުޅަކަށް އެ ބޭފުޅަކު ނުވާނެއެވެ. މަޖިލީހުގެ ރުހުން ނެތްކަމަށް މަޖިލީހުން ކަނޑައަޅާފައި ބޭފުޅަކު ހަމަ އެ މަގާމަށް އައްޔަނުކޮށްގެން މަގާމުގެ ހައިސިއްޔަތުން ދައުލަތުގެ އެއްވެސް ކަމެއް ކުރުމަކީ ގައިރު ގާނޫނީ ކަމެކެވެ. ވަކި ވުޒާރާއެއްގެ ވަޒިރުކަމަށް ރުންނެތް ކަމަށް މަޖިލީހުން ނިންމަފައިވާ މީހަކު އެ ވުޒާރާއެއްގެ ވަޒީރުގެ ހައިސިއްޔަތުން ނިންމާ ނިންމުންތަކާ ކުރާ ކޮންމެ ކަމަކީ ގައިރު ގާނޫނީ ކަމެކެވެ. ދައުލަތުގެ އެއްވެސް ކަމެއް ގާނޫނީ ހައިސިއްޔަތު ނެތި ކުރާ މީހާއާއި ކުރުވާ މީހާއަކީ މުޖުރިމުންނެވެ.
މަޖިލީހުން ރުހުން ނެތްކަމަށް ކަނޑައެޅި ފަހުން ބަންޑާރަ ނައިބުގެ ހައިސިއްޔަތުން އަލްއުސްތާޒު އަހުމަދު އުޝާމް ކުރާ ހުރިހާ ކަމަކާއި ނިންމާ ނިންމުމަކީ ގައިރު ގާނޫނީ ކަންކަމެވެ. މަޖިލީހުގެ ރުހުންނެތް ބަންޑާރަ ނައިބަށް ދައުލަތް ތަމްސީލެއް ނުކުރެވޭނެއެވެ.
މަޖިލީހުން ރުހުން ނެތްކަމަށް ކަނޑައެޅިފަހުން ހައުސިން މިނިސްޓަރުގެ ހައިސިއްޔަތުން ޑރ. ހައިދަރު ކުރާ ހުރިހާ ކަމަކާއި ނިންމާ ނިންމުމަކީ ގައިރު ގާނޫނީ ކަންކަމެވެ. މަޖިލީހުން ރުހުން ނެތްކަމަށް ކަނޑައެޅިފަހުން އިސްލަމިކް މިނިސްޓަރ ހައިސިއްޔަތުން ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކުރާ ހުރިހާ ކަމަކާއި ނިންމާ ނިންމުމަކީ ގައިރު ގާނޫނީ ކަންކަމެވެ.
ބުނެވިދިޔަ 3 މިހުން ލައްވާ ގައިރު ގާނޫނީ ކަންކަން ކުރުވަމުން ގެންދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޑރ. މުއިއްޒު ގާނޫނު އަސާސީއާއި ހިލާފަށް އެ 3 މީހުން ލައްވާ ހިންގުވާ ގައިރު ގާނޫނީ ކަންކަން ދައުލަތުން ހުއްޓުވާ ފިޔަވަޅު އަޅަން ޖެހެއެވެ. ކޯޓުތަކާއި މަޖިލީހުން އެކަން ނިމުމަކަށް ގެންނަން ޖެހެއެވެ. ސަލާމަތީ ހިދުމަތް ތަކުން ވިޔަސް މި ދައުލަތް ހަމަ މަގަށް އަޅުވަން ޖެހެއެވެ. ޑރ. މުއިއްޒު އިސްވެހުރެ ގާނޫނު އަސާސީގެ ބާރުކަނޑުވާލަން ހިންގާ ޖަރީމާ ރައްޔިތުން ނުކުމެވެސް ހުއްޓުވާ ހިސާބަށް ހިނގައްޖެއެވެ.