ރަސްމާލެ ބިން ހިއްކާދެނީ ސީއެމްސީސީއެއް ނޫން!

ހިއްކާދޭ ޕާޓީއަށް ދެނީ ހުޅުމާލޭ ފޭސް ތިނަކުން ލިބޭ 10 ހެކްޓަރ އެކަނި

ރަސްމާލެ ބިން ހިއްކާދެނީ ސީއެމްސީސީއެއް ނޫން!

ފުށިދިއްގަރުފަޅު "ރަސްމާލެ" ނަމުގައި ތަރައްގީ ކުރުމުގައި ބައިބެރިވަނީ ހަމައެކަނި ބިން ހިއްކުމަށް ހަވާލުވެފައިވާ ސީއެމްސީސީ އެކަންޏެއް ނޫނެވެ. އޭގެ ފަހަތުގައި އޮތީ ޔޫއޭއީގެ ކުންފުންޏެކެވެ. އެކަންވަނީ އާބަންކޯއާއި ސަރުކާރުން ސިއްރުކޮށްފައެވެ. ރަސްމާލެ ހިއްކުމުގެ ޕްރޮޖެކްޓަށް ފައިސާ ދެނީ މިބުނާ ޔޫއޭއީ ކުންފުނިންނެވެ.

ފުށިދިއްގަރުފަޅު "ރަސްމާލެ" ނަމުގައި ތަރައްގީ ކުރުމަށް ފުށިދިއްގަރު ހިއްކާ ދޭތީ ސީއެމްސީސީއަށް ދެނީ ރަސްމާލޭގެ ބިމުގެ ގޮތުގައި ހިއްކާ ބިމުގެ 10 ހެކްޓަރ ބިން ހުޅުމާލޭ ފޭސް ތިނަކުންނެވެ. ސީއެމްސީސީއަށް އެ ބިންދެނީ ހަގީގަތުގައި 99 އަހަރަށެވެ. 

ފުށިދިއްގަރުފަޅުން ހިއްކާ ބިމުން ސީއެމްސީސީއަށް ދޭން އެއްބަސްވެފައިވާ ކަމަށް ބުނާ 70 ހެކްޓަރު ބިމަކުން ސީއެމްސީސީއަށް އަކަ އިންޗިއެއްވެސް ނުލިބެއެވެ. ލިބެނީ ހުޅުމާލޭ ފޭސް ތިނަކުން ލިބޭ 10 ހެކްޓަރ އެކަންޏެވެ. ފުށިދިއްގަރުފަޅުހިއްކާފައި 70 ހެކްޓަރު ބިން ދެނީ ޔޫއޭއީ ކުންފުންޏަކަށެވެ. އެ ބިމަކީވެސް 99 އަހަރަށް ދެވޭ ބިމެކެވެ.  

ޔޫއޭއީ ކުންފުންޏަކީ ފުށިދިއްގަރުފަޅު ހިއްކުމަށް ކޮންޓެކްޓަރަށް ފައިސާދޭ ފަރާތެވެ. ފުށިދިއްގަރުފަޅު ހިއްކުމަކީ ޔޫއޭއީ ކުންފުނީ މަސްލަހަތު ވަރަށް ބޮޑަށް އޮތްކަމެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރަސްމާލެ ހިއްކުމަށް ހަރަދުކުރާ ޔޫއޭއީ ކުންފުނީގެ މަސްލަހަތު އޮތް ވިޔާފާރިއެއް ރާއްޖޭގައި ހިނގާކަމަށްވެއެވެ. ބުނެވޭ ގޮތުގައި ޔޫއޭއީގެ އެކުންފުނީގެ މަސްލަހަތު އޮންނަނީ ނ. މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓްގައެވެ. އެއަރޕޯޓްގެ ބޭނުމަށް މާފަރު އެކީއެކައްޗަކަށް ހުސްކޮށްލުމަކީ އެއަރޕޯޓް ހިންގާ މީހުންގެ ވަރަށް ބޮޑު އަމާޒެއް ކަމަށްވެއެވެ. 

ފުށިދިއްގަރުފަޅަކީ މާފަރު ރައްޔިތުންނަށް ހޯދާދޭ ހައްލެއް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ފުށިދިއްގަރުފަޅުގައި ޒަމާނީ ފެންވަރުގެ ހިޔާވަހިކަން ބިނާކޮށްދީ މާލެ ކައިރިއަށް މާފަރު މީހުން ބަދަލުކޮށް ދިނުމަށް ދުބާއީ ކުންފުނީން ޖާމިނު ވެފައިވާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.