ފުލުފުލުގައި ރޯވަނީ ކައުންސިލްތަކުގެ ވަރަކޮށާލާފައި އޮތުމުން

ފުލުފުލުގައި ރޯވަނީ ކައުންސިލްތަކުގެ ވަރަކޮށާލާފައި އޮތުމުން

ފުލުފުލުގައި މާލޭގައި އަލިފާނުގެ ހާދިސާތައް ހިނގާ ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް އެބަވެއެވެ. ހަމައެހެން ރާއްޖެތެރޭގައިވެސް އެފަދަ ހާދިސާތައް ހިނގަނީ މަދެއް ސުމާރެއްކޮށް ނޫނެވެ.

މާލޭގައިހުރި ކެމިކަލް ގުދަނެއްގައި ރޯވެ އެތައް ގެއަކަށް ގެއްލުންވެ މީހަކު އަދައިގެން ދިޔަފަހުން މާގިނަ ދުވަހެއް އަދިނުވެއެވެ. ބިދޭސީންގެ ގިނަބަޔަކު ނިދާ ކައިބޮއި ހަދަން ބޭނުންކުރި ތަނެއްގައި ރޯވެ 11 މީހުން އަދައިގެން ދިޔައީވެސް ވަރަށް ފަހުންނެވެ. އެގެ ފަހުންވެސް ކުދިބޮޑު އެތައް އަލިފާނުގެ ހާދިސާއެއް މާލެ ސަރަހައްދުގައި ހިނގާ އެތައް ބޮޑެތި ގެއްލުންތައްވަނީ ލިބިފައެވެ. 

އިހަށް ދުވަހު ދިގުރަށުގައި ސްޓާފް ކުއާޓެއްގައި ރޯވެ ބަޔަކު އަދައި ހުލިވެއްޖެއެވެ. އޭގެ ފަހުންވެސް ގެއްލުން ބޮޑު އަލިފާނުގެ ހަދިސާތަކެއް މާލެ ސަރަހައްދުގައި ވަނީ ހިނގާފައެވެ. މިހާރު މިއޮތީ މާލޭގައި ހުރި ގަސްކާނާ ގުދަނެއްގައި އަލިފާން ރޯވެ އެކަމުގެ ގެއްލުމާ ކުރިމަތިވެފައެވެ.  

ފަސޭހައިން އަލިފާން ހިފާޒާތުގެ ތަކެތި ރައްކާކުރާ ގުދަންތައް މާލޭން ބޭރުކުރުމުގެ އަމަލީ މަސައްކަތްފަށާ އުސޫލުތައް އެކުލަވާލާ ހެދިތާ ކިތަންމެ ޒަމާނެކެވެ. ހަމައެހެންމެ ބިދޭސީން ގެންގުޅޭ ފަރާތްތަކުން ސްޓާފް ކުއާރޓްތައް ފަދަ ތަންތަން ހަދާ ބޭނުން ކުރުމަށްވެސް އުސޫލުތައް ހަދާފައިވެއެވެ. 

އެހެނެއް ކަމަކު ހަދާ ހިންގާ ގާނޫނތަކާއި ގަވައިދުތަކާއި އުސޫލުތައް މޮނިޓަރކޮށް ބެލެހެއްޓުމަށް މުޅި ދައުލަތް ވަނީ ނުކުޅެދިފައެވެ. ސަރުކާރުގެ މުށުތެރެއަށް ހުރިހާކަމެއް ގެނެސް ބައްކުރުމުގެ ސަބަބުން އެއްކަމެއްވެސް ރަނގަޅަކަށް ނުހިނގައެވެ. ނުބެލެއެވެ. ނުބެލެހެއްޓެއެވެ. ސަރުކާރަށް ނާވާއިރުވެސް އެހެން ބަޔަކުވެސް އެކަންކަން ކޮށްގެންނުވެއެވެ. 

ހަގީގަތުގައި ކޮންމެ ލޯކަލް ކައުންސިލެއްގެ އިހުތިސާސްގައި ވާހަތަނެއްގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ކައުންސިލްތަކުގެ ކަމެކެވެ  ކައުންސިލުތަކުން އެ ބާރު ނަގާ ސަރުކާރުން ކުރާކަމަކަށް ހަދާފައި އޮތުމަކީ ނުރައްކާތެރި ހާދިސާތައް ހިނގާން ދިމާވާ މައިގަނޑު ސަބަބެވެ. އެހެނީ ދުވަހުން ދުވަހަށް ރަށްތަކާއި ސިޓީތައް މޮނިޓަރކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ މުނިސިޕަލް ޒިންމާއެކެވެ. ކައުންސިލްތައް މެދުވެރިކޮށް އުސޫލުތަކާއި އެއްގޮތަށް ކަންކަން ހުރޭތޯ ބެލޭނަމަ ހިތާމަވެރި ހާދިސާތައް ހިނގާނީ ވަރަށް މަދުންނެވެ. 

ސަރުކާރުން އުސޫލުތައް ކަނޑައަޅާ އުސޫލާއެއްގޮތަށް މުނިސިޕަލް ހިދުމަތްދޭން ކައުންސިތަކަށް ޖާގަދޭނަމަ އެހެނެއް ނުވީހެވެ. އުސޫލާ އެއްގޮތަށް ކަންކަން ތަރުތީބުކުރުވާ މޮނިޓަރކޮށް ބެލެހެއްޓުމަކީ ކައުންސިލްގެ ކަމެއްގެ ގޮތުގައި ދުވަހުން ދުވަހަށް ބެލެހެއްޓޭނެހެން އިންތިޒާމް ކޮށްގެން މުނިސިޕަލް އިންސްޕެކްޓަރުން ނެރެގެން ކަންކަން ތަރުތީބުން ހިނގާތޯ ބަލުމަކީ ކައުންސިލަށް ކުރެވޭނެ ކަންކަމެވެ. 

ކޮންމެ ކަމަކީ ރައީސްގެ ލަފަޔާއި އިރުޝާދާއި ހެޔޮފުޅުކަމުން ކުރާކަމަކަށް ހަދަން އުޅެން ހަދައިގެން ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބި އެތައް ބައެއްގެ ފުރާނަ ދަނީއެވެ. ކައުންސިލްތަކުގެ މުނިސިޕަލް އިނިސްޕެކްޓަރުން މަދުކޮށް ދޭއިނާޔަތްތައް ކަނޑާލާ ކައުންސިލްތަކުގެ ވާގިނައްތާލާ ބުޅާ ފެސިލީޓިއަށް ދާންދެން ސަރުކާރުން ބަލަހައްޓަން ދިމާކުރީމާ ވާނެއެތި މިހުރެވަނީއެވެ.