މުއިއްޒު އުޅެނީ ފެލައިލާ ދަވާލައިގެން ފިލާރައްކާވުމަށް!؟

ގައުމަށް ހެޔޮއެދޭވެރިއަކު ނުކުރާނެ ހުރިހާ ކަމެއް މުއިއްޒު ދަނީ ކުރަމުން

މުއިއްޒު އުޅެނީ ފެލައިލާ ދަވާލައިގެން ފިލާރައްކާވުމަށް!؟

ރައީސް މުއިއްޒުގެ ލާހޫރޭ ސަރުކާރުގެ ދޯހަޅިކަމާއެވެ. ކުރާ އެއްކަމެއްގައިވެސް ފެނެއް ނުހިފައެވެ. ގާބިލުކަމެއް ހިންގުންތެރި ކަމެއް ނެތެވެ. އިސްްރާފާއި ކޮރަޕްޝަނުގައި ސުމާރެއް ނެތެވެ. ދެއްކުންތެރިކަމާއި ބައިސާ ކެނޑުމުގައިވެސް ހައްދެއް ނެތެވެ. އުނބަށް ޖެހުމުގައި ދެވަނައެއް ނެތް ހޮޅި ސަރުކާރުގެ ވާހަކަ ދައްކަނީ ދައްކަންވެގެންނެވެ.

މުއިއްޒާއި އޭނާގެ ސަރުކާރުގެ ދެއުޅިއެއްނުވާ ސިޔާސަތުތަކާއި ނާގާބިލު ކަމުގެ ވާހަކަ ދެއްކުން ހުއްޓުވަން ހަންކެނޑުނަސް އެކަމެއް ނުވާނެއެވެ. އޮނަރަބަލް ފައްޔާޒު އިސްމާއީލް ވިދާޅުވާހެން އެލް ސޯފާ މަނާކުރަން ނެރެނީ ގެގް އޯޑަރެވެ. ޑޮލަރު ރޭޓު މަތިވާ ވާހަކަ އޮއްބާލަން ގާނޫނެވެ. އޭގެ ކުރިން ނޫސްވެރިންގެ އަނގަ ބަންދުކުރަން ކޮންޓްރޯލް ކޮމިޝަނެވެ.

ކުރާނެހާ ގޮތަކަށް ކަންކަން ކުރީމާ މީހުން އެ ވާހަކަ ދައްކާނެއެވެ. އަގުބޮޑިއްޔާ އަގުބޮޑު ވާހަކަ ދައްކާނެއެވެ. ނުލިބެންޏާ ނުލިބޭ ވާހަކަވެސް ދައްކާނެއެވެ. ކަންޏާ ކާވާހަކަވެސް ދައްކާނެއެވެ. ކޯޓު އަމުރާއި ގާނޫނުން އަނގައިގާ ތަޅެއް ނޭޅުވޭނެއެވެ. ފުލުފުލުގައި ގާނޫނު ހަދައިގެންނާއި ކޯޓުއަމުރުން މަނާ ކުރެވޭނީ ވަކިވަރަކަށެވެ. އެހެން ކޮންމެ ކަމެއް މަނާކޮށްގެން އުޅެނިކޮށް ފެންނާނީ މަނާތައް މަންތިރި ވާތަނެވެ. 

ޑިމާންޑާއި އެއްވަރަށް ސަޕްލައިކޮށް ނުދެވޭ ކޮންމެ އެއްޗެއްގެ ކަޅުބާޒާރެއް ނެތި ނުދާނެކަން ނޭނގޭ ވަރަށް ވެރިން ގަމާރުވީމާ ހައްތަހާ އެޅޭނީ ޅަ އިހަލުންނެވެ. އެންމެ އާދައިގެ މީހާއަށްވެސް ފަހުމް ވާވަރަށް ކަންކަން ފެނުއެޅުނީމާ ފޮރުވޭނެ އެއްޗެއް ނުއޮންނާނެއެވެ. ފޮރުވަން އުޅޭޥަރަކަށޤ ވާނީ ބަރަހަނާއެވެ.

ފައްޔާޒު އިސްމާއީލް ވިދާޅުވާހެން ޑޮލަރު ތާށިވީ ސަރުކާރަށް ތަންދޮރު ނޭނގުމާއި ކުރަމުންދާ ބޮޑު އިސްރާފުގެ ސަބަބުންނެވެ. ކުރިމަތީ ފެންނަން އޮންނަ ކަންކަމުގެ ވާހަކަތައް ދިވެހިން ދައްކާނެއެވެ. ނޫސްތަކުން ލިޔާނެއެވެ. ހަގީގަތުގައިވެސް ފައްޔާޒު އެ ވިދާޅުވަނީ ވަރަށް ބޮޑު ތެދެކެވެ. މައްސަލަ ހައްލުކުރުމުގެ ބަދަލުގައި އަބަދުވެސް މުއިއްޒު ސަރުކާރުން މަސައްކަތްކުރަނީ ރައްޔިތުންގެ އަނގަ ބަންދުކުރާށެވެ. އަޑު ކަނޑުވާލާށެވެ. 

މުއިއްޒަކީ ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދޭން ވެރިކަން ހޯދި މީހެއް ނޫނެވެ. ގައުމަށް ހެޔޮއެދޭވެރިއަކު ނުކުރާނެ ހުރިހާ ކަމެއް މުއިއްޒު ދަނީ ކުރަމުންނެވެ. ރައްޔިތަކަށް ހާލަތަކަށް މުސްތަގުބަލަކަށް ބަލާލުމެއްނެތެވެ. ހިތުހުރިކަމެއް ހިތުހުރިގޮތަކަށް ކުރަމުން ދަނީ ގައުމު ބަނގުރޫޓް ވިޔަސް ހެޔޮކަމަށެވެ. ގާނޫނު އަސާސީއާއި ހިލާފު ގާނޫނުތައް ހަދާ ރައްޔިތުންގެ އަޑުކަނޑުވާލައިގެން މުއިއްޒު އުޅެނީ މުސްތަގުބަލަށް ދާންދެން ފެލައިލާ ދަވާލައިގެން ފިލާރައްކާވުމަށެވެ.