ހުދުމުހުތާރު ކަމުގައި ކިމްޖޮންގއުން އާއި މުއިއްޒު ތަފާތެއްނޫން

ހުދުމުހުތާރު ކަމުގައި ކިމްޖޮންގއުން އާއި މުއިއްޒު ތަފާތެއްނޫން

ރައްޔިތުންގެ މަޖިލީހާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރަކީ މިނިވަން މުސްތަގިއްލު ދެބާރުކަމަށް ގާނޫނު އަސާސީ ބުނެއެވެ. ދައުލަތުގެ ކަމެއް ހިންގަން ހަވާލުވެ ހުރި މީހަކަސް އެހެން މީހަކަސް މުސްތަގިއްލު ބާރަކަށް ނުފޫޒު ފޯރުވުން ގާނޫނު އަސާސީ މަނާކުރެއެވެ.

ރައީސް މުއިއްޒު ދައުލަތުގެ ބާރުތަކަށް ނުފޫޒު ފޯރުވަނީއެއް ނޫނެވެ. އަޅުވެތި ކޮށްލަނީއެވެ. މުއިއްޒު ނުބުނާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާން އަންގާ އަމުރު ކުރަނީއެވެ. ކޯޓުތަކުން މައްސަލަ ބަލަންވީ ގޮތާއި ބަލަންވީ މައްސަލަވެސް އެގެނީ މުއިއްޒަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބެން ޖެހެނީ މުއިއްޒު ބޭނުންވާ ބައެކެވެ. އެމީހުންގެ ފުރިހަމަ ކޮންޓްރޯލް އޮތީ މުއިއްޒު އަތުގައެވެ. މަޖިލީހުން ފާސްކުރަންޖެހޭ ގާނޫނުތަކާއި ހާޒިރުކުރަން ޖެހޭ މީހުންނާއި ސުވާލުކުރަންޖެހޭ މީހުންނާއި ކުރަންވީ ސުވާލުވެސް އެނގެނީ މުއިއްޒަށެވެ. މިހާވަރު ވީމާ ތިންބާރު ވަކިވެފާ އޮތުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ. 

މުއިއްޒު ކުރާކަމަކާއި ބެހޭ ގޮތުން ސުވާލެއް ކުރެވޭނެ މުއައްސަސާއެއް ނެތެވެ. މުއިއްޒު ޖަވާބުދާރީ ކުރަން ކުރެވޭނެ ކަމެއް ނެތެވެ. މުއިއްޒު ސަރުކާރުން ކުރާކަމަކާ ގުޅޭގޮތުން ޝަކުވާއެއްކޮށް ފިޔަވަޅެއް އެޅޭނެ ޕޮލިހެއް ކޯޓެއް ނެތެވެ. ދުނިޔޭގެ ޑިމޮކްރެޓިކް ދައުލަތެއްގައި ހުރިއްޔާހުރި ހުރިހާ ޗެކް އެންޑް ބެލެންސް މުއައްސަސާއެއް ނަމެއްގައި ރާއްޖޭގައި ހުރެއެވެ. އެއިން ކޮންމެ މުއައްސަސާއެއް ހަދާފައި އޮތީ މުއިއްޒު ހިމާޔަތުގައި އޮންނަ ވޮޗްޑޯގަކަށެވެ. މިނިވަން މުއައްސަސާތައް ވެފައިވަނީ މުއިއްޒު ހިންގާ ޖަރީމާތައް ފޮރުވަން ފަސްއަޅާދޭ މަހާ ޖައްރާފު ތަކަކަށެވެ.

ގައުމެއް އަޅުވެތިވަނީ ހަތިޔާރާއެކު ބޭރު ބަޔަކު އަރާ ގައުމު ހިފުމަކުން އެކަންޏެއް ނޫނެވެ. ގައުމުގެ ރައްޔިތަކަށް ނިސްބަތްވާ ވަކިމީހަކު ނުވަތަ ވަކިބަޔަކު ގައުމުގެ ގާނޫނު އަސާސީ މުގުރާލާ ވަކިމީހެއްގެ މުށުތެރެއަށް ގައުމުގެ ކަންކަން ފުރޮޅާލުމަކީވެސް އަޅުވެތިކުރުމެވެ. މުއިއްޒު ރާއްޖެ އަޅުވެތިކޮށްގެން އުޅޭ އުޅުން ބޭރު ބަޔަކުއަރާ އަޅުވެތި ކުރުމަށްވުރެ މާ ނުރައްކާތެރިއެވެ. މާ ބިރުވެރިއެވެ. 

މިޒަމާނުގައި މިނިވަން ގައުމަކަށް ބޭރު ބަޔަކު އަރައިފިނަމަ އެކަމާ ދެކޮޅަށް އަޑުއުފުލާ ކުރިމަތިލާ މިނިވަން ކަމަށް މަސައްކަތް ކޮށްދޭނެ ގައުމުތައް އޮވެއެވެ. އެހެނެއް ކަމަކު ގައުމުގެ އެތެރޭން ގައުމު އަޅުވެތިކޮށްފިނަމަ ދާހިލީ ކަންކަމުގެ ތެރެއަށް ބޭރު ގައުމުތަކުން ވަދެއެއް ނޫޅެއެވެ. ނަތީޖާއަކަށް ވަނީ ގައުމުގެ ރައްޔިތުން މަތިމައްޗަށް އަޅުވެތިވެ ބިކަވުމެވެ. އަނިޔާވެރިކަން ހައްދު ފަހަނަ އެޅުމެވެ. ދާހިލީ ހަމަނުޖެހުންތަކާއި ދާހިލީ ހަނގުރާމަތައް ފެށުމެވެ. ނަފްރަތުގެ ހުޅުފަޅައިގެން ގޮސް ތަންތަން އަނދާ ހުލިވުމެވެ. ދުނިޔޭގެ އެތަން މިތަނުން މިކަހަލަ މިސާލުތައް އެހުންނަނީ ފެންނާށެވެ. 

ރާއްޖެ އެމަގަށް ފިރާލައިގެން ހިނގައިދާނެތީ ބިރުގަނެއެވެ. އަބަދަކު މީހަކު ކުރާނެހާ ކަމެއް ކުރަން ދީގެނެއް އެންމެނަކު ނުތިބޭނެއެވެ. އެއްދުވަހުން އަނެއް ދުވަހަށް ގޮށްމުށުގެ ބާރު ގަދަކުރަމުން ދިޔަދިޔަހެން ބިރުވެރިކަން އާއްމުވުމަކީ ދުނިޔޭގެ ތަޖުރިބާއެވެ. އަރާބާރު ލިބިގެން ތިބޭ ބައެއްގެ އަނިޔާއާއި ބޭއިންސާފު ހަމަކުރުމުން އާރާބާރެއް ނެތަސް ހަށިފޮޅާލެވޭތޯ އުޅޭކަމީ ދުނިޔެ ދައްކާ ހަގީގަތެވެ.