ދިވެހިންގެރާއްޖޭގައި ވަޒީރުން އިންޕޯޓްކުރެވޭނެ
ވަޒީރުން ދިވެހި ރައްޔިތުންނަށް ވާންޖެހެނީ ދިވެހިރާއްޖޭގެ ގާނޫނުން
ރާއްޖެއަކީ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ހުރިހާ އެއްޗެއްހެން ބޭރުން އިންޕޯޓްކުރާ ގައުމެކެވެ. ކާޑާއި ތެލާއި ބޭހާއި އުނުއަންނައުނާއި ފަރުނީޗަރާއި ހިފާގެންގުޅޭ ތަކެއްޗަށް ދާންދެން ކުރަނީ އިންޕޯޓެވެ.
ޑޮކްޓަރުންނާއި ނަރުހުންނާއި ޓެކްނީޝަނުން ވެސް އިންޕޯޓް ކުރެވެއެވެ. ޓީޗަރުންނާއި އޮޑިޓަރުންނާއި އެކައުންޓެންޓުން ވެސް އިންޕޯޓް ކުރެވޭލެއް މަދެއްނޫނެވެ. ބޭންކްތަކާއި ބައެއް ބޮޑެތި ކުންފުނި ތަކަށް ސީއީއޯއިން އިންޕޯޓް ކުރުމަކީ ވެސް ކޮށްއުޅޭ ކަމެކެވެ.
އެހެން ވީއިރު ވަޒީރުން ވެސް އިންޕޯޓް ނުކުރާންވީ ވަކި ކީއްވެގެން ހެއްޔެވެ. ދިވެހިންގެރާއްޖެ ތަފާތު ވަނީ އެހެން ވެގެންނެވެ. ދިވެހީންގެ ރާއްޖޭގެ ރައީސް ވިދާޅުވެފައި އޮތީ އެމަނިކުފާނުގެ ސަރުކާރުގެ މަގާމްތަކަށް އިސްކުރައްވާނީ އިލްމީ ގާބިލު ތަޖުރިބާކާރު ބޭފުޅުން ކަމަށެވެ. މަގާމަށް ގާބިލު މީހުން ރާއްޖޭން ލިބެން ނެތިއްޔާ ޖެހިވަޑައި ގަންނަވާނީ ވަޒީރުންނެއް ކަމަކު އިންޕޯޓް ކުރައްވަންތާއެވެ. އެ މީހުންގެ އަތުގައި ހަތަރު ގައުމުގެ ޕާސްޕޯޓް އޮތަސް ވާނީ ކީއްހެއްޔެވެ.
ދިވެހި ރާއްޖެއަކީ އުޅެން ކަމުނުދާ ތަނަކަށް ވެގެން ރާއްޖެ ދޫކޮށް ބޭރުގައުމެއްގައި ވަޒަންވެރި ވެގެން އުޅޭ ބައެއް މީހުނަށް ރާއްޖޭގައި އުޅެލަން ކިރިޔާވެސް ކަމުދަނީ ވަޒީރުކަމަކާއި ދިދައަކާއި ކާރުކޮޅެއް ލިބިގެންނެވެ. އެހެންނޫނީ އެމީހުންގެ ނަމުގެ ކުރިއަށް އޮންނަ ޑރ އަށް ވެސް ހުތުރު ނޫންހެއްޔެވެ. ޑރ. އަލީ ހައިދަރާއި ޑރ. މަރިޔަމް މާރިޔާ ދެ ގައުމުގެ ޕާސްޕޯޓް ގެންގުޅޭތީ ކަންބޮޑުވަނީ ރަނގަޅަށް ނުވިސްނޭތީއެވެ.
ވަޒީރުންނަކީ ދިވެހި ރައްޔިތަކަށް ވުމާއި އެހެން ގައުމެއްގެ ރައްޔިތަކަށް ނުވުމުގެ ވާހަކަ އޮންނަނީ ދިވެހިރާއްޖޭގެ ގާނޫނުގައި ނޫންހެއްޔެވެ. ދިވެހީންގެރާއްޖޭގައި ވަޒީރުކަން ކުރާމީހަކަށް އެ މައްސަލައެއް ނުއޮންނާނެއެވެ. އެބޭފުޅުން ވަޒިރުކަން ކުރައްވަނީ ޑރ. މުއިއްޒުގެ ދިވެހިންގެރާއްޖޭގައެވެ. އެހެންކަމުން ދިވެހިންގެ ރާއްޖޭގައި ވަޒީރުން އިންޕޯޓް ނުކުރާންވީ ވަކީން ކީއްވެގެން ހެއްޔެވެ.
ދިވެހިންގެރާއްޖޭގައި އިންފްރާންސްޓްރަކްޗަރ މިނިސްޓަރުކަމަށް އެމެރިކާގެ ރިޑް ކޮމްޕެނީގެ ސީއީއޯ އަދި ކޯ-ފައުންޑަރ ފިލް ރީޑް ނުގެންނާނެ ކަމެއްނެތެވެ. ޓެކްނޮލޮޖީ މިނިސްޓަރުކަމަށް ޑެލް ކޮމްޕެނީގެ ވެރިޔާ މައިކަލް ޑެލް ނުގެނަހެއް ކަމަކު ނުދާނެއެވެ. މާލީ ވަޒީރަކަށް ގެންނަންވާނީ ދަށްވެގެން ޖިމް ބްލޭންކަންޝިޕް ވަރުގެ މާލީ ތަޖުރިބާ ކާރެކެވެ. އެޓާރނީ ޖެނެރަލްކަމަށް ފުދޭނީ މަޝްހޫރު މައިކް ޔަންގް ވަރުގެ ގާނޫނީ މާހިރެކެވެ. ހަޔަރ އެޑިއުކޭޝަނަށް ކިރިޔާވެސް ކަމުދާނީ ކެނެޑާގެ މައިކަލް ފުލަން ވަރުގެ އިލްމުވެރިއެކެވެ. މިއޮތީވާ ދިވެހީންގެރާއްޖެއެކެވެ.