ދުނިޔޭގައިހުރި އެންމެ ދުވަސްވީ ޒައިތޫނިގަސް
4000 އަހަރު ވެދާނެކަމަށް ބެލެވޭ މި ޒައިތޫނިގަހުގައި މިހާރުވެސް ޒައިތޫނިއަޅާ
ވޫވްސްގެ ޒައިތޫނި ގަހަކީ ގްރީސްގެ ކްރީޓްގައިވާ ޗާނިއާ ސަރަޙައްދުގެ ކޮލިމްވަރީގައި އޮންނަ އާނޯ ވޫވްސް އަވަށުގައި ހުރި ގަހެކެވެ. މިއީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ ޒައިތޫނި ގަސްތަކުގެ ތެރޭގައި ހިމެނޭ ގަހެއް ކަމަށް ބެލެވޭއިރު، މި ގަހުން އަދިވެސް ޒައިތޫނި ލިބެއެވެ.
ވޫވްސްގައި ހުންނަ މި ޒައިތޫނި ގަހުގެ އުމުރު ކަނޑައެޅިގެން ބުނުމަކީ އުނދަގޫ ކަމެކެވެ. ރޭޑިއޯއައިސޯޓޯޕް ބޭނުންކޮށްގެން އެ ގަހުގެ އުމުރު ދެނެގަތުމަކީ ކުރެވޭނު ކަމަކަށް ނުވިއެވެ. އެއީ ގަރުނުތަކެއް ވެފައިވާ ގަހުގެ އާރުގަނޑު ހަލާކުވެފައިވާތީއެވެ.
އެހެންނަމަވެސް، ގަހުގެ ބޮޑުމިނާއި އޭގައި ހުރި ރިންގުތަކަށް ބަލައި ކުރި ދިރާސާތަކުން ދައްކާގޮތުގައި، މި ގަހުގެ އުމުރަކީ މަދުވެގެން 2000 އަހަރެވެ. އަނެއްކޮޅުން، ޔުނިވަރސިޓީ އޮފް ކްރީޓްގެ ސައިންސްވެރިން އަންދާޒާކުރާ ގޮތުގައި މި ގަހަށް 4000 އަހަރު ވެދާނެއެވެ.
ގަސް ހުރި ސަރަޙައްދުގެ ކައިރިން ފެނިފައިވާ "ޖިއޮމެޓްރިކް ޕީރިއަޑް" އަށް ނިސްބަތްވާ ދެ ގަބުރުސްތާނަކީ ވެސް މި ގަހުގެ ގަދީމީކަން އަންގައިދޭ ހެއްކެކެވެ. ކްރީޓާއި އެހެނިހެން ގައުމުތަކުގައި ކުރެވޭ ދިރާސާތަކުން ދައްކާގޮތުގައި، ޒައިތޫނި ގަސްގަހުގެ އުމުރު ދެނެގަތުމަށް ބޭނުންކުރާ ސައިންޓިފިކް ގޮތްތަކާމެދު އަދިވެސް އިލްމީ ގޮތުން ބަހުސްތަކެއް އެބަހުއްޓެވެ. އެހެންކަމުން، ވޫވްސްގެ މި ގަހަކީ ކުރިން ހީކުރި ވަރަށްވުރެ ދޮށިގަހެކެވެ. ފިނިކްސްގައި ހުރި ގަދީމީ ގަހަށްވުރެ ވެސް ދުވަސްވީ ގަހަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
ވޫވްސްގައި ހުންނަ މި ޒައިތޫނި ގަހަކީ މިހާރު ވެސް މޭވާ އަޅާ ގަހެކެވެ. ގަހުގެ ބޮޑުމިނަށް ބަލާއިރު، ވަށައިގެން 12.5 މީޓަރު (41 ފޫޓު) ހުރެއެވެ. ފުޅާމިނުގައި 4.6 މީޓަރު (15 ފޫޓު) ހުރެއެވެ.
1997 ވަނަ އަހަރު، މި ގަހަކީ ހިމާޔަތްކުރެވިފައިވާ ގުދުރަތީ ތަރިކައެއްގެ ގޮތުގައި ކަނޑައެޅުނެވެ. އަދި 2009 ވަނަ އަހަރުގެ އޮކްޓޫބަރު މަހު، މި ގަހުގެ ކައިރީގައި ހުރި 19 ވަނަ ގަރުނުގެ ގެއެއްގައި "އޮލިވް ޓްރީ މިއުޒިއަމް އޮފް ވޫވްސް" ހުޅުވުނެވެ. އޮލިވްޓްރީ މިއުޒިއަމްގައި ޒައިތޫނި ހެއްދުމަށް ބޭނުންކުރާ ސަގާފީ އާލާތްތަކާއި އޭގެ މަސައްކަތްތައް ދައްކާލުމަށް ބަހައްޓާފައިވެއެވެ.
މީގެ އިތުރުން، 2004 ވަނަ އަހަރު އެތެންސްގައި ބޭއްވުނު އޮލިމްޕިކްސް އާއި 2008 ވަނަ އަހަރު ބީޖިންގްގައި ބޭއްވުނު އޮލިމްޕިކްސްގެ މުބާރާތްތަކުން މޮޅުވާ ފަރާތްތަކުގެ ބޮލުގައި އަޅުވާ "ވިކްޓަރސް ވްރީތު" ނުވަތަ މާބޮނޑި ތައްޔާރުކުރުމަށް ބޭނުންކޮށްފައިވަނީ މި ގަހުގެ ކުރިތަކެވެ.


