މުއިއްޒު ސްޕީޑް އޮމަދޫ ގޮނޑުދޮށުން
180 ދުވަހުން ނިންމަން ހަވާލުވީކަމެއް 900 ދުވަހުންވެސް ނުނިންމޭ
ވެރިކަމަށް މީހުން އިސްކުރަނީ ކުރީ ސަރުކާރަށް ޖެއްސުމަށް ރައްޔިތުންނާއި ރަށްރަށް ދެމިއޮތުމަށް ކުރަންޖެހޭ ކަންކަން ނުކޮށް ލަސްކޮށް ފަސްކުރާކަށް ނޫނެވެ. ރަށްގިރުން ހައްލުކުރުން ލަސްކޮށް ފަސްކުރުމަކީ ތިމާވެއްޓަށާއި މާލިއްޔަތަށް ގަސްދުގައިދޭ ބޮޑުގެއްލުމެކެވެ. ކަނޑައެޅިގެންވާ ހިޔާނާތެކެވެ.
ރަށްގިރުމަކީ ކުޑަކުޑަކަމެއް ނޫނެވެ. ރަށްގިރުން ހައްލުކުރުމަށް ދޭންޖެހޭ ސަމާލުކަން ދިނުމަކީ ސަރުކާރަށް މަޖުބޫރު ކަމެކެވެ. އެހެން ނަމަވެސް ރައީސް މުއިއްޒަށް އެއްވެސް ކަމަކީ އެއްވެސް ކަމެއްނޫނެވެ. ސިޔާސީ ޖަދަލުކުރުމާއި ބަދަލުހިފުން އިސްކޮށް ގައުމަށް ބޮޑެތި ގެއްލުންތައް ގަސްދުގައި ދިނުމަކީ މުއިއްޒަށް އޮތް ހައްގެއް ނޫނެވެ.
ރައީސް މުއިއްޒަކީ ކަމަށް ކަމޭ ހިތާ މީހެއްނަމަ ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ސަރުކާރުން ހަވާލުވެ ސޮއިކޮށްފައި އޮތް ކަމެއް އެ މުއްދަތުގެ ތެރޭގައި ނިންމާނެއެވެ. ކުރިއަށް ގެންދެވެން ނެތްކަމެއްނަމަ މަގުބޫލު ސަބަބެއް ދައްކާ އެކަމަކަށް އެހެން ހައްލެއް ހޯދާނެއެވެ. ކުރީ ސަރުކާރުން ކުރަން ހަވާލުވެފައި އޮތް ކަމަކަށްވީތީ ރަށްރަށް ދިރި ދެމިއޮތުމާ ގުޅުންހުރި ކަންކަން ގަސްދުގައި ލަސްކޮށް ފަސް ކުރުމަކީ ގައުމަށްދޭ ބޮޑުގެއްލުމެކެވެ.
ބަޔަކު ގަބޫލުކުރިޔަސް ނުކުރިޔަސް ކުރީ ސަރުކާރުން ވަނީ ރަށްގިރުމުގެ މައްސަލަ ބޮޑު އެތައް ރަށެއްގެ ގޮނޑުދޮށް ހިމާޔަތް ކޮށްދީފައެވެ. އެތައް ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އެމްޓީސީސީއާވެސް ހަވާލުކޮށްފައިވެއެވެ. ގިނަ މަސައްކަތްތައް ހަވާލުކޮށްފައިވަނީ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެހެން ނަމަވެސް މުއިއްޒު ވެރިކަމާ ހަވާލުވީ ގޮތަށް އެހުރިހާ މަސައްކަތެއްހެން ނުކޮށް އޮތީ ބާއްވާފައެވެ.
އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ އެގޮތުން އެމްޓީސީސީން ކުރަން ހަވާލުކުރެވިފައި މަސައްކަތެކެވެ. އެމްޓީސީސީއަށް ހަވާލުކޮށްފައިވަނީ 10 މިލިއަން ރުފިޔާއަށް 180 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. އެމްޓީސީސީން ކުރަން ހަވާލުވީ އެ ރަށުގެ ހުޅަނގު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން ބޮޑުހިލައިގެ ގްރޮއިން ތަކެއް ޖެހުމަށާއި އެ ރަށުގެ ދެކުނުފަރާތާއި ހުޅަނގު ފަރާތު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ޖިއޯ-ބޭގް ރިވެޓްމެންޓް ޖެހުމަށެވެ.
އދ. އޮމަދޫ ގޮނޑުދޮށް 180 ދުވަހުގެ ތެރޭގައި ހިމާޔަތްކުރަން އެމްޓީސީސީން ހަވާލުވިތާ 90 ދުވަސްތެރޭގައި ރައީސް ސޯލިހުގެ ވެރިކަން ނިމިއްޖެއެވެ. މުއްދަތަށް މަސައްކަތް ނިންމަން މުއިއްޒަށް ވެސް 90 ދުވަސް އޮތެވެ. އެކަމަކު މުއިއްޒުގެ ވެރިކަމަށް 900 ދުވަސް ވެގެން ދިޔައިރުވެސް އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިންމުނު ކަމަކަށްނުވިއެވެ. އިއްޔެއާއި ހަމައަށް އައިރު އެމަސައްކަތުން ނިންމުނީ %86 އޭ ބުނަން މި ސަރުކާރު ލަދެއް ނުގަތެވެ. އދ. އޮމަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުން މުއިއްޒުގެ ސްޕީޑް އެބަފެނެއެވެ.
މުއިއްޒުގެ ވެރިކަމަށް 900 ދުވަސް ވެގެން ދިޔައިރުވެސް ކުރިއަށްނުކަނޑާ ވާނުވާގައި ކުރީ ސަރުކާރުން ފަށާފައިވާ އެތައް ސަތޭކަ ޕޮރޮޖެކްޓެއް ރާއްޖޭގެ ކަންކޮޅުގައި އެބައޮތެވެ. އަނެއްކޮޅުން މުއިއްޒު އަލަށްފެށި ޕްރޮޖެކްޓްތައް ވެސް ހުރީ ގަލުއަޅާފައެވެ. މަޑުގިނީގައިވެސް ހިނގަނީ މަދު ދެތިންކަމެކެވެ. އޭޓީއެމް ބެހެއްޓުން ކަހަލަ 500 އަށް ވުރެ ގިނަ މަޝްރޫއު ނިންމިގެން ވާޅުވަންދެން އަތްޖަހަންޏާ ޖަހަންވީއެވެ.


