ޓްރަމްޕްގެ ނުފޫޒު ވޯލްޑްކަޕަށް | ފީފާގެ ބޭއިންސާފް ނިންމުމެއް
ޓްރަމްޕްގެ އެދުމަކަށް ރަތްކާޑު ލިބިފައިހުރި އެމެރިކާގެ ބަލޯގަނަށް ކުޅުމުގެ ފުރުސަތު ދީފި
ފީފާ އިން ބަލޯގަންގެ ސަސްޕެންޝަން ފަސްކޮށްފި:
- ޓްރަމްޕްގެ އެދުމަކަށް ބަލޯގަން އަށް ކުޅުމުގެ ފުރުސަތު ދީފި
- ބަލޯގަން އަށް ދީފައިވާ އެއް މެޗުގެ ސަސްޕެންޝަން، އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތަކަށް ފީފާ އިން ފަސްކޮށްފި.
- ޓްރަމްޕް ވަނީ ބަލޯގަން އަށް ދެއްކި ރަތް ކާޑު މުރާޖައާ ކުރުމަށް އިންފަންޓީނޯގެ ކިބައިން އެދިވަޑައިގެންފައި.
- މީގެ ކުރިން ވެސް މިފަދަ ހާލަތްތަކުގައި އަދަބު ފަސްކޮށްފައިވާ ކަމަށް ޕޮޗެޓީނޯ ބުނެފި.
- ބެލްޖިއަމް އިން ބުނަނީ ފީފާގެ ގަވާއިދުތަކާ މި ނިންމުން ފުށުއަރާ ކަމަށް .
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ކުރެއްވި ފޯނު ކޯލަކަށް ފަހު، އެމެރިކާގެ ފޯވާޑް ފޮލަރިން ބަލޯގަން އަށް ދެއްކި ރަތް ކާޑުގެ ސަސްޕެންޝަން ފީފާ އިން ފަސްކޮށްފިއެވެ. މިއާއެކު، ވޯލްޑް ކަޕްގައި އެމެރިކާ ކުރިއަށްގެންދާ ކެމްޕޭނަށް ބޮޑު ބަދަލެއް އައިސް، ބަލޯގަން އަށް އަލުން ކުޅުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.
މި ނިންމުމާއެކު ފީފާގެ އަދަބު ދިނުމުގެ ނިޒާމަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، މުބާރާތުގެ ކުއާޓަރ ފައިނަލުން ފުރުސަތު ހޯދުމަށް ހޯމަ ދުވަހު އެމެރިކާއާ ދެކޮޅަށް ނުކުންނަ ބެލްޖިއަމް އިން ވަނީ މިކަމާ މެދު ނުރުހުން ފާޅުކޮށްފައެވެ.
މި ނިންމުމުގެ ސަބަބުން މުބާރާތުގެ އެންމެ ބޮޑު ބަހުސަކަށް ވެފައިވަނީ ޓީމުގެ ރޭވުންތެރިކަމަށްވުރެ ބޮޑަށް، ފުޓްބޯޅައިގެ މައި އިދާރާ އާއި ސިޔާސީ ބާރުވެރިކަމާ އޮތް ގުޅުމެވެ. ނިންމުން އިއުލާންކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކުޅިވަރުގެ ހަބަރުތަކުގެ ފަލަ ސުރުހީއަށް މިކަން އަރާފައިވާއިރު، ފީފާ އިން އިންސާފު ގާއިމުކުރީތޯ ނުވަތަ އަމިއްލަ ގަވާއިދުތަކުގެ އަގު ވައްޓާލީތޯ ކުރީގެ ކުޅުންތެރިންނާއި ކޮމެންޓޭޓަރުން ދަނީ ބަހުސްކުރަމުންނެވެ.
ބޮސްނިއާ އެންޑް ހެރްޒެގޮވީނާ އަތުން 2-0 އިން އެމެރިކާ މޮޅުވި މެޗުގައި ބަލޯގަން ވަނީ އޭނާގެ ތިންވަނަ ލަނޑު ޖަހާފައެވެ. ނަމަވެސް އެ މެޗުގައި ދިފާއީ ކުޅުންތެރިޔާ ތާރިކް މުހަރެމޮވިޗްގެ ފައިޔަށް އެރުނު މައްސަލައިގައި ވީއޭއާރު ބެލުމަށްފަހު އޭނާއަށް ވަނީ ރަތް ކާޑު ދައްކާފައެވެ. އެމެރިކާގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނި ގޮތުގައި އެއީ ދުވަހަކުވެސް ރަތް ކާޑު ދައްކަންޖެހޭ ވަރުގެ ކުށެއް ނޫނެވެ.
ހަބަރު ލިބޭ ގޮތުގައި ރައީސް ޓްރަމްޕް އިންފަންޓީނޯއަށް ގުޅުއްވީ މި ނިންމުން މުރާޖައާ ކުރުމަށް އެދިވަޑައިގަތުމަށެވެ. ފީފާ އިން ބަލޯގަން އަށް ކުޅުމުގެ ހުއްދަ ދިން ނަމަވެސް، އޭނާއަށް ދެއްކި ރަތް ކާޑު ބާތިލެއް ނުކުރެއެވެ.
"ފީފާގެ ޑިސިޕްލިނަރީ ކޯޑުގެ 27 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، މެޗު ސަސްޕެންޝަން ތަންފީޒުކުރުން އެއް އަހަރު ދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތަކަށް ވަނީ ފަސްކުރެވިފައި،" ފީފާގެ ބަޔާނުގައިވެއެވެ. މި މުއްދަތުގެ ތެރޭގައި ބަލޯގަން މިފަދަ އިތުރު ކުށެއް ކޮށްފިނަމަ، މިހާރު ފަސްކުރި ސަސްޕެންޝަންގެ އިތުރުން އާ ކުށަށް ދެވޭ އަދަބު ވެސް ތަންފީޒު ކުރެވޭނެއެވެ.
"ބޮޑު ބޭއިންސާފެއް"
"ރަނގަޅު ގޮތް ނިންމައި، މި ބޮޑު ބޭއިންސާފު ބަދަލުކޮށްދިނީތީ ފީފާ އަށް ޝުކުރު ދަންނަވަން،" ޓްރަމްޕް އޭނާގެ 'ޓްރޫތް ސޯޝަލް' ގައި ލިޔުއްވާފައިވެއެވެ. ހަމައެއާއެކު ވައިޓް ހައުސް އިން ވެސް ވަނީ އެކްސްގައި "USA-USA-USA" ޖަހައި މި ނިންމުމަށް މަރުހަބާ ކިޔާފައެވެ.
އެމެރިކާގެ ފުޓްބޯޅަ އިދާރާ އިން މި ނިންމުން ބަލައިގަނެފައިވާއިރު، ކޯޗު ޕޮޗެޓީނޯ ބުނީ ފުޓްބޯޅައިގެ %99.9 މީހުންނަށް އެއީ ބޭއިންސާފު އަދަބެއްކަން އެނގޭ ކަމަށެވެ. އިންގްލެންޑްގެ ކޯޗު ތޯމަސް ޓުޗެލް ވެސް ވަނީ މި ނިންމުމާމެދު ސުވާލު އުފައްދާފައެވެ. އޭނާ ބުނި ގޮތުގައި ބަލޯގަން އަށް ދެއްކި ރަތް ކާޑަކީ ހައްގު ކާޑެއް ނޫން ކަމަށް ވިޔަސް، ސިޔާސީ ނުފޫޒުން އަދަބު ފަސްކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. "މިކަން ފެށެނީ ކޮން ހިސާބަކުން، އަދި ނިމެނީ ކޮން ހިސާބަކުން؟" ޓުޗެލް ސުވާލު ކުރިއެވެ.
ބެލްޖިއަމް އޮތީ ހައިރާންކަމެއްގައި
ރޯޔަލް ބެލްޖިއަމް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ ފީފާގެ މި ނިންމުމުގެ ސަބަބުން "ހައިރާންކަން" ލިބިފައިވާ ކަމަށާއި، މިއީ މުބާރާތުގެ ގަވާއިދުތަކާ ސީދާ ފުށުއަރާ ކަމެއް ކަމަށެވެ. އަދި ޖަރުމަނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ބާންޑް ނިއުއެންޑޯފް ވިދާޅުވީ ޓްރަމްޕާއި އިންފަންޓީނޯގެ ފޯނު ކޯލާ ގުޅޭގޮތުން ފީފާ އިން ތަފްސީލީ ބަޔާނެއް ނެރެންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން މުބާރާތުގެ ނަޒާހަތްތެރިކަމާއި ފީފާގެ އިތުބާރާ މެދު ވަނީ ސުވާލު އުފެދިފައެވެ.
މީގެ ކުރިން ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވެސް މިފަދަ ލުޔެއް ދީފައިވާއިރު، ގަތަރުގެ މިޑްފީލްޑަރު އާސިމް މަދީބޯ އަށް ވަނީ ނުރައްކާތެރި ފައުލަކާ ގުޅިގެން ފަސް މެޗުގެ ސަސްޕެންޝަނެއް ދީފައެވެ.


