މުއިއްޒު ވެރިކަމުގާ ބަހައްޓައިގެން ރައްކާތެރިކަމެއް ނެތް
އަންޑިއާ ދެކެނީ އަންޑިއާ އައުޓް އަކީ ދިވެހިންގެ ނިންމުންކަމަށް
ދައްކާ ވާހަކައަކުން ދެކޮޅު ޖެއްސޭކަށް ނެތެވެ. ވާނެ ހަތަރެއްޗެއް ވެއްޖެއެވެ. ދަމައިގެން އުޅޭ މިނިވަންކަމުގެ ފަލަ ރޮނގުގެ ފަންވަރެއް ނެތެވެ.
މުއިއްޒު ވެރިކަމަށް އައީ ނަފްރަތާއި ދެކޮޅުވެރިކަން ވިއްކައިގެންނެވެ. އިންޑިއާ އާއި ދެކޮޅަށް ރައްޔިތުންގެ ތެރޭގައި ނަފްރަތު އުފައްދާ ދެކޮޅުވެރިކަން އަށަގަންނަވައި ގެންނެވެ. ދިވެހި ރައްޔިތުންގެ މެޖޯރިޓީ އިންޑިއާއަށް ނަފްރަތު ކުރުވައިގެންނެވެ.
ގަބޫލު ކުރަން ބޭނުން ނޫނަސް ދިވެހި ރާއްޖޭގެ މެޖޯރިޓީ އިންޑިއާާ ދެކޮޅުކަމަށް އިންޑިއާއިން މިހާރު ގަބޫލުކުރެއެވެ. އިންޑިއާގެ ނޫސްތައް ބުނާ ގޮތުން ރާއްޖޭގެ މެޖޯރިޓީ މީހުން އިންޑިއާ އަށް ނަފްރަތު ނުކުރާނަމަ އިންޑިއާ އައުޓް ކުރަން ގޮވާލާ ފުޅާކެންޕޭނެއް ހިންގި ބަޔަކު ވެރިކަމަކަށް ނައިހެވެ.
އިންޑިއާއަށް ފުރައްސާރަ ކުރި ދެތިން ޑެޕިއުޓި މިނިސްޓަރުންގެ ބޮލަށް އެކަން ކަނޑާލައިގެން މަޝްރަހު ފިނި ކުރެވޭކަށް ނެތެވެ. އެމީހުން އެކަންކުރާނީ ސަރުކާރުގެ ވިސްނުމަށް ވާތީކަމަށް އިންޑިއާގެ ގިނަ ބަޔަކު ދެކެއެވެ.
ކަމަކީ ކުރިޔާލާ ރާވައިގެން ދިވެހި ސަރުކާރުން ހިންގި ޖަރީމާއެއް ކަމަށް އިންޑިއާ މީހުން ސިފަކުރެއެވެ. ކުޅަނދުރު ހަތަޔަށް އޮއްގާ ލީމާ ކުޅަދުރުތައް ބުރައި ނުގަނެ ހިމޭނަކުން ނުތިބޭނެއެވެ.
އިންޑިއާގެ އެންމެ މަތިން ތިރިއަށް "ބޮއިކޮޓް މޯލްޑިވްސް" އެއޮތީ ޖެހިފައެވެ. ރަސްމީކޮށް އިއުލާން ނުކޮށް ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ފަށައިފިއެވެ.
މަޝްރަހު ފިނި ކުރަން ކޮށްލާ ޓްވީޓަކުން ހައްލުވާ ވަރަށްވުރެ މައްސަލަ ހޫނުވެ ގުޅުން ގޯސް ވެއްޖެއެވެ. ޑރ. މުއިއްޒުގެ ޕީއެންސީ ސަރުކާރަށް އިންޑިއާގެ ފިއްތުން ތަކުން އަރައި ގަތުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ.
މުއައްޒު ވެރިކަމުގައި ބަހައްޓައިގެން ރާއްޖެއަށް ރައްކާތެރިކަމެއް ނެތެވެ. ރާއްޖޭގެ ޓޫރިޒަމް ފުނޑުފުނޑުވެ ކާބޯތަކެއްޗަށް ޖެހި ބަނގުރޫޓް ވުމުގެ ކުރިން ގައުމު ސަލާމަތް ކުރަން ނިކުންނަން ޖެހެވެ. މުއިއްޒު ވެރިކަމުގައި ބެހެއްޓުމަށް ވުރެ ގައުމު ސަލާމަތް ކުރުން ރައްޔިތުންނަށް މިއަދު މުހިންމެވެ.