ވެންޓިލޭޓަރ ފައިސާ މިހާރު ނުލިބި އޮންނާނީ މުއިއްޒުގެ އިހުމާލުން

ވެންޓިލޭޓަރ ފައިސާ މިހާރު ނުލިބި އޮންނާނީ މުއިއްޒުގެ އިހުމާލުން

ކޮވިޑް-19 ގެ ތެރޭގައި ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި ފައިސާތައް ގެއްލުނު މައްސަލައަކީ ރައްޔިތުން ހަނދާން ނެތޭނެ ކަމެއް ނޫންކަމަށް ބުނެ ކަންކަން އޮޅުވާލަން ރައީސް މުއިއްޒެއް ކަމަކު އުޅޭނެ ކަމެއްނެތެވެ. ކަނޑައެޅިގެން ހަގީގަތް އެނގިހުރެ ނަފްރަތު އުފެދޭގޮގޮތަށް ރައްޔިތުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަ ދެއްކުމަކީ ބަލައިގަނެވޭނެ ކަމެއްނޫނެވެ. 

ކޮވިޑް19 ގެ ތެރޭގައި ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރ ހޯދުމަކީ ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުމަށްޓަކާ ލިބެން އޮތްގޮތަކަށް ހޯދަން ސަރުކާރަށް މަޖުބޫރުވީ އެއްޗެކެވެ. ރާއްޖެއަށްވުރެ މާފޯރުންތެރި ގައުމުތަކުންވެސް ވެންޓިލޭޓަރ ނުލިބިގެން އޭރު ދިޔައީ މަސައްކަތް ކުރަމުންނެވެ. އެޑްވާންސްކޮށް ފައިސާދީގެންނޫނީ ލިބޭވަރަށްވުރެ ވެންޓިލޭޓަރގެ ޑިމާންޑް ދުނިޔޭގައި އޭރު މާބޮޑެވެ. އެހެން ކަމުން ރާއްޖޭގައި ހުންނަ ޑަބްލިޔުއެޗްއޯ އޮފީހުން ދެއްކި ބަޔަކަށް އެޑްވާންސްކޮށް ފައިސާ ދީގެން ވެންޓިލޭޓަރ ގަތުމަށް ނިންމުން ނޫން ގޮތެއް އެވަގުތަކު ރާއްޖެއަކަށް ނެތެވެ. 

ސިއްހީ ހިދުމަތްދޭ އެއްޗެއް ހޯދުމަށް ޑަބްލިޔުއެޗްއޯ އޮފީހުން ދައްކާ ބަޔަކަށްވުރެ އިތުބާރު ހުރި އެހެން ބަޔަކު ނުތިބޭނެއެވެ. ފައިސާ ލިބުމުން މުދާ ފޯރުކޮށް ނުދިނުމަކީ ސަރުކާރުން ކުރާނެކަމެއް އެކަމުގައި އޮންނާނެ ކަމެއްނޫނެވެ. ފައިސާ ދިނުމުން މުދާ ފޯރުކޮށް ނުދިނުމުން ސަރުކާރަށް ކުރެވޭނެހާވެސް ކަމަކީ އެބައެއްގެ އަތުން އަނބުރާ އެފައިސާ ހޯދަން މަސައްކަތް ކުރުމެވެ. 

ވެންޓިލޭޓަރ ގެނެސްދިނުމަށް ޖާމިނުވި ދުބާއީ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުނިން އެފައިސާ ހޯދުމަށް ރައީސް ސޯލިހުގެ ވެރިކަމުގައި ގިނަގުނަ މަސައްކަތްތަކެއްކޮށް އެ ކުންފުންޏާ ދެކޮޅަށް ދައުވާކޮށް 31 މިލިޔަން ރުފިޔާ ހޯދަން މަސައްކަތްކޮށްފައިވެއެވެ. ކުރިދައުވާ ސާބިތުވެ އާބިޓްރޭޝަނުން ވަނީ ބަދަލާއި އާބިޓްރޭޝަނަށް ދައްކަންޖެހޭ ފައިސާއާ އެކު 32 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދެއްކުމަށް އަމުރުކޮށްފައެވެ.

އާބިޓްރޭޝަންގެ އަމުރާ އެއްގޮތަށް އެ ކުންފުނިން ފައިސާ ނުދައްކައިގެން 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ހަތް ދުވަހުގެ ތެރޭގައި ދެއްކުމަށް އެ ކުންފުންޏާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށް ދުބާއީ ކޯޓުން އަމުރުކުރީ މުއިއްޒުގެ ވެރިކަމުގައި 2025 ވަނަ އަހަރެވެ.

އެހެން ކަމުން މިހާރު އޮންނަން ވާނީ ސަރުކާރަށް އެފައިސާ ލިބިފައެވެ. ނުލިބި އޮތްނަމަ އެ ފައިސާ ހޯދުމަށް ދެން ކުރަން އޮތްކަމެއް ކުރަންޖެހިފައި އޮތީ މުއިއްޒަށެވެ. ވެންޓިލޭޓަރ ފައިސާ ހޯދުމަށް މުއިއްޒު ކުރަންޖެހޭ ކަމެއް ނުކޮށްހުރެ ސިޔާސީގޮތުން ނަފްރަތު އުފައްދަން ވެންޓިލޭޓަރޭ މުއިއްޒު ނުކިޔާށެވެ.