ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިޔުމުގެ ނުރައްކާ ބޮޑުވުން

ރޭލުދަތުރުތަކަށް ބުރޫއަރައި، 16000 އަށްވުރެ ގިނަ މީހުންނަށް އަސަރުކޮށްފި

ފެންބޮޑުވެ ބިންގަނޑު ކަޑައިގެން ދިޔުމުގެ ނުރައްކާ ބޮޑުވުން

އިންޑިއާގެ އިރުއުތުރު ސަރަހައްދަށް ކުރަމުންދާ ބޯ ވިއްސާރާގައި ފެންބޮޑުވުމުގެ ސަބަބުން ރޭލު ދަތުރުފަތުރަށް ބުރޫއަރައި، އާސާމްގެ 16000 އަށްވުރެ ގިނަ މީހުންނަށް އޭގެ އަސަރުކޮށްފިއެވެ. އަދި އަރުނާޗަލް ޕްރަދޭޝްއަށް ވަނީ "ރެޑް އެލާޓް" ނެރެފައެވެ.

މި މަހުގެ ކުރީކޮޅުން ފެށިގެން އަރުނާޗަލް ޕްރަދޭޝްއަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ފެންބޮޑުވުންތަކާއި ކުއްލި ކުއްލިއަށް ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގައި، މަގުތަކުގެ ގުޅުން ވަނީ ވަރަށް ބޮޑަށް މެދުކެނޑިފައެވެ.

އާދިއްތަ ދުވަހުވެސް އިންޑިއާގެ އިރުއުތުރުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެފައިވާއިރު، އާސާމްގެ ދޭމާޖީ ޑިސްޓްރިކްޓްގައި ފެންބޮޑުވުމުގެ ހާލަތު ވަނީ އިތުރަށް ގޯސްވެފައެވެ. އެ ސަރަހައްދުގެ ކޯރުތަކުގެ އައްސޭރިފަށް ގިރުމުގެ ސަބަބުން ރޭލު ދަތުރުފަތުރުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ. 

ރޭލު ބްރިޖަކަށް ގެއްލުންވުން:

ދޭމާޖީ ޑިސްޓްރިކްޓްގެ އަރްޗިޕަތާރް އާއި ސިމެން ޗަޕާރީ ސްޓޭޝަނާ ދެމެދު އޮންނަ ރޭލު ބްރިޖެއްގެ ބައެއް، ކޯރުގެ ފެންގަނޑު ބޮޑުވެ އައްސޭރިފަށް ގިރުމުގެ ސަބަބުން ވަނީ ކައްސާލާފައެވެ. ނޯތުއީސްޓް ފްރޮންޓިއާ ރޭލްވޭ (އެން.އެފް.އާރް) އިން ބުނި ގޮތުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ބްރިޖްގެ ތަނބެއް ވަނީ ނުރައްކާތެރި ހާލަތެއްގައެވެ. ފެންބޮޑުވުމާ ގުޅިގެން ރޭލު ދަތުރުތައް ކުރިން މެދުކެނޑާލާފައި އޮތުމުން، އެއްވެސް ރޭލަކަށް ގެއްލުމެއް ނުލިބެއެވެ. އަދި މީހަކަށް އަނިޔާއެއްވެސް ނުވެއެވެ.

ބަހުގެ ހިދުމަތް ހަމަޖެއްސުން:

އެން.އެފް.އާރް އިން ވަނީ މުރްކޮންގްސެލެކް އާއި ސިލަޕަތާރް ސެކްޝަނާ ދެމެދު ކުރާ ރޭލު ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. މި މަގުން ދަތުރުކުރާ ރޭލުތައް މިހާރު ދަތުރު ނިންމާނީ އަދި ފަށާނީ ސިލަޕަތާރް އިންނެވެ. ދަތުރުވެރިންނަށް ލުއިކޮށްދިނުމުގެ ގޮތުން ރޭލްވޭ އިން ވަނީ ބަހުގެ ހިދުމަތް ހަމަޖައްސާފައެވެ. އަދި ދޭމާޖީ، ސިލަޕަތާރް އަދި މުރްކޮންގްސެލެކް ސްޓޭޝަންތަކުގައި އެހީތެރިކަން ފޯރުކޮށްދޭނެ ޑެސްކުތައް ވަނީ ގާއިމުކޮށްފައެވެ.

ދޭމާޖީގެ 16,000 އެއްހާ މީހުންނަށް އަސަރުކުރުން:

އާސާމް ސްޓޭޓް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އޭ.އެސް.ޑީ.އެމް.އޭ) އިން ބުނި ގޮތުގައި ދޭމާޖީ ޑިސްޓްރިކްޓްގެ 69 އަވަށެއްގެ ގާތްގަނޑަކަށް 16,000 މީހުންނަށް ފެންބޮޑުވުމުގެ ސަބަބުން ވަނީ އަސަރުކޮށްފައެވެ. އެ ސަރަހައްދުގައި މީހުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރިއަށެވެ.

އެހީގެ މަސައްކަތްތައް ޗީފް މިނިސްޓަރު ބެއްލެވުން:

އާސާމްގެ ޗީފް މިނިސްޓަރު ހިމަންތާ ބިސްވާ ސަރްމާ ވިދާޅުވީ، ފެންބޮޑުވުމުގެ ހާލަތު ގާތުން ބައްލަވަމުން ގެންދަވާ ކަމަށާއި، ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ ހުރިހާ ވަސީލަތްތަކެއް ބޭނުންކުރަމުންދާ ކަމަށެވެ. އަދި ވަޒީރުން ކަމަށްވާ ސުޝަންތާ ބޯގޮހައިން އާއި ކޭޝަބް މަހަންތާ، ދޭމާޖީގައި މަޑުކުރައްވައިގެން ރެސްކިއު އޮޕަރޭޝަންތައް ބެއްލެވުމަށް އޭނާ ވަނީ އަންގަވާފައެވެ.

މަރުކަޒީ ސަރުކާރުގެ އެހީތެރިކަން:

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތް ޝާ ވަނީ އާސާމް، އަރުނާޗަލް ޕްރަދޭޝް، މަނިޕޫރު އަދި ސިއްކިމްގެ ޗީފް މިނިސްޓަރުންނާ ވާހަކަދައްކަވައި، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މަރުކަޒީ ސަރުކާރުން ފުރިހަމަ އެހީތެރިކަން ދޭނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

ސަލާމަތީ އިދާރާތައް ތައްޔާރީ ހާލަތުގައި:

އެން.ޑީ.އާރް.އެފް އާއި އެސް.ޑީ.އާރް.އެފް އަދި ފަޔާ ސާވިސަސް ފަދަ އިދާރާތަކުން ދަނީ ނުރައްކާ އޮތް ސަރަހައްދުތައް މޮނިޓާކޮށް، ހަލާކުވެފައިވާ އިންފްރާސްޓްރަކްޗަރ މަރާމާތުކޮށް، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އަރުނާޗަލް ޕްރަދޭޝްގެ ހާލަތު:

މި މަހުގެ ކުރީކޮޅު ކުރި ވާރޭގައި އަރުނާޗަލް ޕްރަދޭޝްގެ މަގުތައް ބަންދުވެ، ދަތުރުފަތުރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ. ހާލުގައި ޖެހިފައި ތިބި ފަތުރުވެރިންނާއި ބަލިމީހުން ހިމެނޭހެން މަދުވެގެން 30 މީހަކު ވަނީ ވައިގެ މަގުން ސަލާމަތްކޮށްފައެވެ. އަދި ކޭއީ ޕަންޔޯރް ޑިސްޓްރިކްޓްގައި ފެންބޮޑުވުމުގެ ސަބަބުން ގެއްލުނު 4 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.

ރެސްކިއު އޮޕަރޭޝަންތައް:

އަރުނާޗަލްގެ ޗީފް މިނިސްޓަރު ޕޭމާ ކާންޑޫ ވިދާޅުވީ ސަރުކާރުން ހާލަތު ބަލަމުންދާ ކަމަށެވެ. ހާލުގައި ޖެހުނު 14 ފަތުރުވެރިއަކު ނަހަރްލަގޫން އަށް ވަނީ ގެންގޮސްފައެވެ. އަދި އިތުރު 11 ފަތުރުވެރިންނާއި ބަލިމީހަކު ދަޕޯރިޖޯ އިން ވަނީ ސަލާމަތްކޮށްފައެވެ. އިންޑިއަން އެއަރ ފޯސް އާއި ސިވިލް އޭވިއޭޝަނުން ވަނީ ހެލިކޮޕްޓަރުގެ ފަސް ދަތުރުކޮށް، ބަންދުވެފައިވާ މުހިންމު މަގުތައް ހުޅުވާފައެވެ.

ރެޑް އެލާޓް ނެރުން:

އިންޑިއާ މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓް (އައި.އެމް.ޑީ) އިން ވަނީ އަރުނާޗަލް ޕްރަދޭޝްގެ ފަސް ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފައެވެ. އެއީ 24 ގަޑިއިރު ތެރޭގައި 200 މިލިމީޓަރަށްވުރެ ގިނައިން ވާރޭވެހޭނެ ކަމަށް ލަފާކުރެވޭތީއެވެ. ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އާންމުންނަށް ވަނީ އިރުޝާދު ދީފައެވެ.

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރުން:

އައި.އެމް.ޑީ އިން ލަފާކުރާ ގޮތުގައި އިރުއުތުރުގެ ބައެއް ސަރަހައްދުތަކަށް އަދިވެސް ބޯކޮށް ވާރޭވެހޭނެއެވެ. އެހެންކަމުން، އިތުރަށް ފެންބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، ޒަރޫރީ ހިދުމަތްތަކަށް ބުރޫއެރުމުގެ ފުރުސަތު އޮތުމުން ސަމާލުވެ ތިބުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އަންގާފައެވެ.