ބޮންޑެއަށް: އެކްސްޕަޔަރ ނުވަނީސް ކުނިވީ ނަޝީދު

ނަޝީދަށް ނެތްވެރިކަމަކުން ކުރާ އެއްވެސް ރަނގަޅު ކަމެއް ނޯވޭ!

ބޮންޑެއަށް: އެކްސްޕަޔަރ ނުވަނީސް ކުނިވީ ނަޝީދު

މާފަންނު މެދު ދާއިރާގެ މެންބަރު އިބުރާހިމް ރަޝީދު (ބޮންޑޭ)ގެ ނަޒަރުގައި ރައްޔިތުންނަކީ ރައީސް ނަޝީދެވެ. ރައްޔިތުންނަށް ހިދުމަތް ކުރުމަކީ ރައީސް ނަޝީދަށް ހިދުމަތް ކުރުމެވެ. ރައްޔިތުންނަށް ކަންކަން ކޮށްދިނުމަކީ ރައީސް ނަޝިދަށް ކަންކަން ކޮށްދިނުމެވެ.

ބޮންޑޭ ދެކޭގޮތުގައި ގާނޫނީ ސަރުކާރަކީ ނަޝީދާ އަޅާ ބަލާއިރު އެއްވެސް އެއްޗެއްނޫނެވެ. ރައްޔިތުންގެ މަޖިލީހުގައި ތިބި އެމްޑީޕީގެ މެންބަރުންގެ މައްސޫލިއްޔަތަކީ ވެސް އެމްޑީޕީގެ ރައީސް ނަޝީދަށް ވެރިކަން ހޯދާދިނުމެވެ. ރައީސް ނަޝީދުގެ ވަށައިގެން އަބަދު މުގޯލި އެޅުމެވެ. ރައީސް ނަޝީދު ނޫނީ އެއްޗެއް އެގޭ އުޑެއްބުޑެއް ދަންނަ މީހަކު ނެތްކަމަށް ދުށުމެވެ. ރާއްޖޭގެ ހުރިހާ ކަމެއް ރައީސް ނަޝީދު ގަޔަށް ހެޔޮވަރަށް ފަހާ ކޯޓަކަށް ހެދުމެވެ.

ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލު ކުރުމަކީ ރައީސް ނަޝީދަށް މޮޅުވާހާ ގޮތްގޮތާ ވެރިކަން ހޯދާދިނުމަށް މަސައްކަތްކުރުމެވެ. ރައީސް ނަޝީދުގެ ވެރިކަމެއް ނޫނީ ވިއްޔާ ސަރުކާރަށް އެއްބާރުލުން ދިނުމަކީ ވަރަށް ބޮޑުކުށެކެވެ. އާނއެކެވެ. ސަރުކާރު ނިސްބަތްވާ ޕާޓީއެއްގެ މެމްބަރަކު މަޖިލީހަށް ހޮވުނޭ ކިޔައިފައި ރައީސް ނަޝީދު ވެރިކަމުގައި ނެތިއްޔާ އެ މެމްބަރަކު ސަރުކާރު ދިފާއުގައި މަސައްކަތް ކޮށްގެން ނުވާނެއެވެ.

ރައީސް ނަޝީދުގެ ވެރިކަމެއް ނޫނީ ވިއްޔާ ސަރުކާރުން ނުކުރާ ގޯސް ކަންކަމަށް ދަންދެން ކުރިކަމަށް ހަދައިގެން ފިތުނަ ފަސާދަ އުފައްދަން ވާނެއެވެ. ރައީސް ނަޝީދުގެ ވެރިކަމެއް ނޫންނަމަ ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު ޝައްކު އުފައްދާ ނަފުރަތު އުފައްދަން ޖެހޭނެއެވެ. ނަޝީދަށް ނެތް ވެރިކަމަކުން ކުރާ އެއްވެސް ރަނގަޅު ކަމެއްގެ ވާހަކަ ދައްކާ އެ ސަރުކާރަށް ރައްޔިތުންގެ އިތުބާރާ ލޯބި ލިބުނަ ދީގެން ނުވާނެއެވެ.

ތެދެކެވެ. ބޮންޑޭ ބުނާހެން " ގިނަ މެމްބަރުންނަކަށް ރައްޔިތުންގެ މަޖިލީހުގެ މި ކޮންސެޕްޓެއް ވެސް އޮޅުމެއް ނުފިލަ" އެވެ. އެމްޑީޕީ މަޖިލިސް މެންބަރުންނަކީ ބޮންޑޭމެންހެން ރައީސް ނަޝީދަށް ގުލާނު ކުރަން ވައްދާފަ ތިބޭ ބައެއް ކަން ނޭނގުމަކީ ކޮންސެޕްޓް އޮޅުމެވެ. ރައްޔިތުނަށް ހިދުމަތް ކުރުމަށް ރައްޔިތުން އިންތިހާބު ކޮށްފައިވާ ގާނޫނީ ސަރުކާރަށް އެއްބާރުލުން ދިނުމަކީ ހަގީގަތުގައި ރައްޔިތުންނާ ޖައްސާލުން ކަމަށް ވަނީ ވެރިކަމުގައި ހުރީ ރައީސް ނަޝީދު ނޫން ވީމައެވެ.

ބުނަން ހެއްޔެވެ. ސަރުކާރުގެ ވަޒީރުންނާއި ސަރުކާރަށް ތާއީދު ކުރާ މެމްބަރުން އަދި ކުންފުނި ތަކުގެ ވެރިން ރައީސް ނަޝީދަށް ބޮންޑޭމެންހެން އަޅުދާސް ނުވުމަކީ ރައްޔިތުންނާ ޖައްްސާލުން ކަމަށް ބޮންޑޭއަށް ހީވާނެއެވެ. ބޮންޑޭމެނަށް ރައްޔިތުންނަކީ ރައީސް ނަޝީދު ވިއްޔާއެވެ. ހަމަތެދެކެވެ. ބޮންޑޭ ބުނާހެން ސަރުކާރަކީ ވަކި މުއްދަތެއް ޖަހާފައި އޮންނަ އެކްޕަޔަރ ވާ އެއްޗެކެވެ. ސަރުކާރު ވެސް އެކްސްޕަޔަރ ވާނެއެވެ. އެކަމަކު ހަގީގަތުގައި ނަޝީދު އެކްސްޕަޔަރ ނުވަނީސް އޮފު ކެނޑިއްޖެއެވެ. ކުނިވެ ފުޅަވެއްޖެއެވެ. ގޮނޑަށްލާ ފައްސާ ނަގާލައިފިއެވެ.