ގަދަ ހޫނެއް ޔޫރަޕަށް ކުރިމަތިވެ ގިނަ ބަޔަކު މަރުވަނީ
ހުނު ގަދަ ވެގެން ސްޕޭނުން 327 މީހުން މަރުވެއްޖެ
ޔޫރަޕަށް ކުރިމަތިވެފައިވާ ހޫނުގަދަވުމުގެ ކާރިސާގައި، މިދިޔަ ހުކުރު ދުވަހު ޖަރުމަނުވިލާތާއި، ބެލްޖިއަމް އަދި ނެދަލޭންޑްސްގައި މީގެ ކުރިން ޖޫން މަހެއްގައި ރެކޯޑު ނުކުރާ މިންވަރަށް ހޫނުމިން މަތިވެއްޖެއެވެ. މި ހޫނުގަދަވުމުގެ ސަބަބުން ސްޕެއިން އާއި ފަރަންސޭސިވިލާތުން މަރުވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސިއްހީ ނުރައްކާތަކަށް ބަލައި ކޮންސެޓްތަކާއި އާންމު އެކި ހަރަކާތްތައް ކަމާބެހޭ ފަރާތްތަކުން ވަނީ ކެންސަލްކޮށްފައެވެ.
ޖަރުމަނުވިލާތުގެ ތާރީހުގައި މިހާތަނަށް ރެކޯޑުކުރެވުނު އެންމެ މަތީ ހޫނުމިން ކަމަށްވާ 41.3 ޑިގްރީ ސެލްސިއަސް ރެކޯޑުކުރެވިފައިވަނީ ފަރަންސޭސި ބޯޑަރު ކައިރީގައި އޮންނަ ސާބްރޫކަން ސިޓީގައެވެ. ފަރަންސޭސިވިލާތުގައި ވެސް މި ހަފުތާގައި ވަނީ ވިދިވިދިގެން ތިން ދުވަހު އާދަޔާހިލާފަށް ހޫނުމިން މަތިވެފައެވެ. ފަރަންސޭސިވިލާތުގެ ހޫނުމިން މިހާރު ކުޑަކޮށް ދަށްވާން ފެށި ނަމަވެސް، އެ ގައުމުގެ ހެލްތު މިނިސްޓަރު ސްޓެފަނީ ރިސްޓް ވިދާޅުވީ، ގޭގޭގައި މީހުން މަރުވާ މިންވަރު އިތުރުވުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ދުނިޔޭގެ މޫސުމާ ބެހޭ ޖަމްއިއްޔާ (ޑަބްލިއު.އެމް.އޯ) ގެ ތަރުޖަމާނު ކްލެއާ ނުލިސް އިންޒާރު ދެއްވި ގޮތުގައި، މީގެ ސަބަބުން ސިއްހަތަށާއި، ތިމާވެއްޓަށާއި، ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެއެވެ. އަދި ހިތާމައާއެކުވެސް މިފަދަ ހާލަތްތަކަށް އާދަވާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫރަޕްގެ ދެކުނުން ފެށުނު މި ހޫނުގަދަވުން މިހާރު ދަނީ މަޑުމަޑުން އުތުރަށާއި އިރުމައްޗަށް ފެތުރެމުންނެވެ. ބެލްޖިއަމްގެ ކްލައިން ބްރޯގަލްގައި 40 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މަތިވެފައިވާއިރު، ނެދަލޭންޑްސްގެ ލިމްބާގް ޕްރޮވިންސްގައި 39.4 ޑިގްރީ ސެލްސިއަސް ވަނީ ރެކޯޑުކުރެވިފައެވެ. މީގެ އިތުރުން، އިނގިރޭސިވިލާތުގެ ސަފޯކް ސަރަހައްދުގައި ޖޫން މަހުގެ ރެކޯޑު ހޫނުމިނެއް ކަމަށްވާ 37.1 ޑިގްރީ ސެލްސިއަސް ވަނީ ރެކޯޑުކުރެވިފައެވެ. އޭއެފްޕީ ނިއުސް އެޖެންސީގެ ހިސާބުތަކުން ދައްކާ ގޮތުގައި، ޔޫރަޕް ބައްރުގެ 150 މިލިއަނަށްވުރެ ގިނަ މީހުން ދަނީ 35 ޑިގްރީ ސެލްސިއަސްއަށްވުރެ މަތީ ހޫނުމިނެއް ތަހައްމަލު ކުރަމުންނެވެ.
ސްވިޒަލޭންޑްގައި އޮންނަ ބެޒްނޯ ނިއުކްލިއަރ ޕަވަރ ޕްލާންޓުގެ ދެ ރިއެކްޓަރުވެސް ވަނީ ހުކުރު ދުވަހު ހުއްޓާލާފައެވެ. އެއީ ރިއެކްޓަރުތައް ފިނިކުރުމަށް ބޭނުންކުރާ އާރޭ ކޯރުގެ ފެނުގެ ހޫނުމިން 25 ޑިގްރީ ސެލްސިއަސްއަށް އުފުލުމާ ގުޅިގެންނެވެ. މީގެ އިތުރުން، ނެދަލޭންޑްސްގެ ބޮޑު ސަރަހައްދަކަށް ވަނީ މީގެ ކުރިން ދުވަހަކުވެސް ނެރެފައިނުވާ ފަދަ "ކޯޑް ރެޑް" އެލާޓެއް ނެރެފައެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި ހޫނުމިން މިހާރު ހުރީ އާންމުކޮށް މި ދުވަސްވަރު ހުންނަ މިންވަރަށްވުރެ 5 އާއި 12 ޑިގްރީ ސެލްސިއަސް މަތީގައެވެ. ދުނިޔެ ހޫނުވުމުގެ އަސަރު އެންމެ ބޮޑަށް ކުރަމުންދަނީ ޔޫރަޕަށެވެ. ކޮޕަރނިކަސް ކްލައިމެޓް ސާވިސްއިން ބުނާ ގޮތުގައި، ދުނިޔޭގެ އެހެން ބައްރުތަކަށްވުރެ ދެގުނަ ހަލުވިމިނެއްގައި ޔޫރަޕް ދަނީ ހޫނުވަމުންނެވެ.
މި ހޫނުގެ ސަބަބުން ދަތުރުފަތުރަށް ވެސް ވަނީ ބުރޫއަރާފައެވެ. އެގޮތުން، ކޮލޯން އިން ޕެރިހަށް ދަތުރުކުރި ޔޫރޯސްޓާ ރޭލެއް ހުއްޓި، އޭގައި ތިބި 400 އެއްހާ މީހުން ހޫނުގެ ތެރޭގައި ތާށިވިއެވެ. މީގެ ތެރެއިން ތިން މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނެވެ. ފަރަންސޭސިވިލާތުގައި ހޮސްޕިޓަލްތައް ފުރިފައިވުމުގެ ސަބަބުން، ހަފުތާ ބަންދުގައި ބޭއްވުމަށް ހަމަޖެހިފައި އޮތް "ޕެރިސް ޕްރައިޑް" މާޗާއި "ސޮލިޑޭސް" މިއުޒިކް ފެސްޓިވަލް ފަދަ ބޮޑެތި ހަރަކާތްތައް ވަނީ ފަސްކޮށް ނުވަތަ ކެންސަލްކޮށްފައެވެ.
ހޫނުގެ ސަބަބުން ހިތާމަވެރި ހާދިސާތައް ވެސް ދަނީ ހިނގަމުންނެވެ. ފަރަންސޭސިވިލާތުގައި ހޫނު ގަދަވެގެން ކާރުތަކުގެ ތެރޭގައި ތާށިވެގެން ކުޑަކުދިން މަރުވުމުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އަދި ހޫނުން ސަލާމަތްވުމަށް މޫދަށް އެރުނު މީހުންގެ ތެރެއިން 55 މީހަކު ގެނބިގެން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސްޕެއިންގައި ވެސް ހޫނާ ގުޅުންހުރި ސަބަބުތަކާ ހުރެ 327 މީހުން މަރުވެފައިވާ ކަމަށް ބެލެވެއެވެ.
ސްވިޒަލޭންޑްގެ ގްލޭޝިއާ (ސްނޯ ފަރުބަދަ) ތައް ދިރާސާކުރާ ޓީމުތަކުން ބުނާ ގޮތުގައި، މި ހޫނުގެ ސަބަބުން ފަރުބަދަތަކުގައި ހުރި ގަނޑުފެންތައް އާދަޔާހިލާފު ހަލުވިމިނެއްގައި ދަނީ ވިރެމުންނެވެ. އާންމުކޮށް އޯގަސްޓް މަހު ވިރެން ފަށާ މިންވަރަށް، މިހާރުވެސް ގަނޑުފެންތައް ވިރެން ފަށާފައިވާ ކަމަށާއި، މިއީ ތާރީހުގައި ވެސް ގަނޑުފެން އެންމެ ބޮޑަށް ވިރިގެންދާނެ އެއް އަހަރަށް ވުން އެކަށީގެންވާ ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.


