ސަރުކާރާ ދެކޮޅު މޭޔަރަކު ހައްޔަރުކޮށްފި

އިދިކޮޅު މައި ޕާޓީން ހިންގާ މުނިސިޕަލްޓީތަކާ ދެކޮޅަށް އެޅި ފިޔަވަޅެއް

ސަރުކާރާ ދެކޮޅު މޭޔަރަކު ހައްޔަރުކޮށްފި
މޭޔަރު ސިނެމް ދެދެތާޝް: އާއްމުންނާއެކު

ތުރުކީގެ އިދިކޮޅު ޕާޓީއަށް ނިސްބަތްވާ އިސްތަންބޫލްގެ ޑިސްޓްރިކްޓެއްގެ މޭޔަރާއި އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ. އިސްތަންބޫލްގެ ޑިސްޓްރިކްޓް މޭޔަރާއި އިތުރު ފަސް މީހަކު މިއަދު ހައްޔަރުކުރީ އިމާރާތްކުރުމުގެ ހުއްދަ ދިނުމުގައި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކޮށެވެ.

މިއީ ތުރުކީގެ ރައީސް ތައްޔިބު އުރުދުގާނާ އިދިކޮޅު މައި ޕާޓީން ހިންގާ މުނިސިޕަލްޓީތަކާ ދެކޮޅަށް ސަރުކާރުން އަޅަމުންދާ ވަރުގަދަ ފިޔަވަޅުތަކުގެ ތެރެއިން އެޅި އާ ފިޔަވަޅެކެވެ.

އެން.ޓީ.ވީ ބްރޯޑްކާސްޓަރުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުސްކުދާރު މުނިސިޕަލްޓީގެ މޭޔަރު ސިނެމް ދެދެތާޝްގެ އިތުރުން، އެ ސިޓީގެ ޑެޕިއުޓީ މޭޔަރާއި، ސެކްރެޓަރީއަކާއި، އާކިޓެކްޓަކާއި، ބިޒްނަސް އެޖެންޓަކާއި ކޮންޓްރެކްޓަރެކެވެ.

ފުލުހުން ވަނީ އިސްތަންބޫލްގެ 11 ތަނެއް އެއްވަގުތެއްގައި ރެއިޑްކޮށް، ތުހުމަތުކުރެވޭ މީހުންގެ އަތުން ޑިޖިޓަލް ސާމާނުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ތުހުމަތު ކުރެވޭ ގޮތުގައި، އެ މުނިސިޕަލްޓީން އިމާރާތްކުރުމުގެ ހުއްދަ ދޫކުރަނީ ކޮންޓްރެކްޓަރުން ވަކި ކޮންސަލްޓެންސީ އެއްބަސްވުންތަކެއްގައި ސޮއިކުރަން މަޖުބޫރުވާ ފަދަ ނިޒާމެއްގެ ތެރެއިން ކަމަށް ތުހުމަތުކޮށްފައެވެ.

2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ކުރަމުންދާ މިފަދަ ތުހުމަތުތައް އިދިކޮޅު ފަރާތްތަކުން ދޮގުކުރެއެވެ. އަދި މި ތަހުގީގުތަކަކީ ސިޔާސީ މަގުސަދެއްގައި ހިންގާ ކަންތައްތަކެއް ކަމަށް އިދިކޮޅުން ބުނާއިރު، ސަރުކާރުން ބުނަނީ ޝަރުއީ ދާއިރާއަކީ މިނިވަން މުއައްސަސާއެއް ކަމަށެވެ.