ޕީޕީއެމްއަށް އެންމެ މޮޅީ އިންތިހާބު ބޮއިކޮޓްކުރުން

ޕީޕީއެމް ތެރޭން ޑރ. މުއިއްޒު ނެރެލެއްވީ ހިކުމަތްތެރިކަމުން

ޕީޕީއެމްއަށް އެންމެ މޮޅީ އިންތިހާބު ބޮއިކޮޓްކުރުން

ރައީސް ޔާމީނަށް ވާދަ ނުކުރެވެންޏާ ރައީސް ޔާމީނު ބޭނުންފުޅުވެ ވަޑައިގަންނަވަނީ ޕީޕީއެމް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރުން ކަމަށް މިނޫހުން ވާނީ ރިޕޯޓުކޮށްފައެވެ. 23 ޖޫން 2023 ގައި އެވާހަކަ ގެނެސް ދިނީ ސަބަބެއް ނެތިއެއްނޫނެވެ. ހީވާ ހީވުމެއްގެ މައްޗަކަށް ވެސް ނޫނެވެ. ޕީޕީއެމްގެ ކެންޑިޑޭޓަކު ވާދައެއް ނުކުރާނެ! ކަމަށް ބުނީ ފެންނަން ހުރި ހަގީގަތް ތަކެއްގެ މައްޗަށެވެ.

އެކަން މިހާރު މާބޮޑަށް ވެސް ސާފުވީއެވެ. ޕީއެންސީގެ ރައީސް އަދުރޭ އޭރު އެހިންޓް ދެއްވީ ހަމަ އެއްޗެއް ވިދާޅުވެ ލައްވަން ވެގެނެއް ނޫނެވެ. ރާއްޖޭގެ ސިޔާސީ އުޑި އެނބުރެމުން ދާގޮތުން ޕީޕީއެމްގެ ޓީކެޓްގައި ރައީސް ޔާމީނު ނޫން ބޭފުޅަކު ނިކުންނަވައިގެން ވެރިކަން އެ ބޭފުޅަކަށް ހޯއްދެވުނަސް ރައީސް ޔާމީނު މިނިވަންކޮށް ދެއްވުން ނޫން ކަމެއް ނުކުރައްވާނެކަން ރައީސް ޔާމީނަށް ވިސްނި ވަޑައިގަންނަވައެވެ. ވެރިކަމުގެ އާރެއް ބާރެއް އަތްޕުޅުގައި ނޯންނާނެކަން ވިސްނި ވަޑައިގަންނަވައެވެ. ރައީސް މައުމޫނާއި ރައީސް ނަޝީދަށް ޖެހިވަޑައިގެން ހާލަށްވުރެ ހާލުގައި ޖެހި ވަޑައިގަންނަވާ ތަން ފެނި ވަޑައިގަންނަވައެވެ. 

ޕީޕީއެމް އިންތިހާބު ބޮއިކޮޓްކޮށް ރައީސް ސޯލިހަށް ފަސޭހަ ކަމާއެކު ދެވަނަ ދައުރު ދީގެން މިނިވަން ވުމުގެ ފުރުސަތު މާފަހިކަމަށް ގަބޫލު ކުރެއްވެނީތާއެވެ. ރައީސް ސޯލިހު ދެވަނަ ދައުރަށް ހޮވިވަޑައިގަތުމުން ދެން ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ކުރައްވަން ޖެހި ވަޑައިގަންނަވާނެ ކަމެއް ނޯންނާނެކަމާއި ވާދަވެރިކަމުގެ ބޭނުމެއް ނުއޮންނާނެކަން ރައީސް ޔާމީނަށް އެނގިވަޑައިގަންނަވައެވެ. ރައީސް ސޯލިހު ދެވަނަ ދައުރަށް ހޮވި ވަޑައިގަތުމުން ރައީސް ސޯލިހުގެ ސިޔާސީ ޒާތީ ވާދަވެރިންނެއް ނުތިބޭނެއެވެ. ޒާތީ ވާދަވެރިން ނެތުމުން އެއްވެސް މީހަކާ މެދު ސިޔާސީ ގޮތުން ދެކޮޅުވެރި ކަމެއް ބިރެއް ނުއޮންނާނެއެވެ. ވާދަވެރި ހާލަތު ފިލާ ދިޔުމުން ރައީސް ސޯލިހަށް ރައީސް ޔާމީނަކީ އޭރަކުން އެއްވެސް ވަރެއްގެ ތުރެޓަކަށް ނުވާނެއެވެ. 

އެއާއި ހިލާފަށް ރައީސް ޔާމީނުގެ އަމިއްލަފުޅު ޕާޓީ (ޕީޕީއެމް)ގެ ރައީސުލްޖުމްހުރިއްޔާއެއް ހުންނެވިނަމަ އެބޭފުޅަކަށް ރައީސް ޔާމީނަކީ ތުރެޓަކަށް ވެދާނެކަމުގެ ބިރު އެބަ އޮތެވެ. އެބޭފުޅަކަށް ވެސް ދެވަނަ ދައުރެއް ބޭނުންފުޅު ވާނެތާއެވެ. ނޫނީ ރައީސް ޔާމީނު ބައިވެރި ކުރައްވައިގެން ވެރިކަން ކުރެއްވުމަކީ ފަސޭހަފުޅު ކަމަކަށް ނުވާނެއެވެ. އެހެންކަމުން ރައީސް ޔާމީނުގެ ވަރަކޮށާ ނުލާ މިނިވަން ކުރުމަކީ ވުމަށްވުރެ ނުވުން ކައިރި ކަމެކެވެ.

އާނއެކެވެ. ރައީސް ޔާމީނު ބޭނުންފުޅު ވާނީ ޕީޕީއެމުން ކެންޑިޑޭޓަކު ނުނެރޭށެވެ. އެހެންވެ ޕީޕީއެމްގެ ތެރެއިން ހިކުމަތްތެރި ކަމާއެކު ޑރ. މުއިއްޒު ނެރެލެއްވީ ވަރަށްވެސް ވިސްނުންތެރިކަމާ އެކުގައެވެ. އެންމެ ހައްސާސް ވަގުތުގައެވެ. އެހެން ހެދުމުން ވެވަށް ވެޢްޓުނު ގެރިއަށް ވީހެން މަސްވަރާތައް ކޮޅެއްގައި ނުޖެހެނީސް އިންތިހާބަށް ކުރިމަތި ލުމުގެ ސުންގަޑި ޖެހޭނީއެވެ.

ގާނޫނީ ގޮތުން ޕީއެންސީއަކީ ވަކި ސަހުސެއް ކަމަށް ވިޔަސް ޕީއެންސީ ޕާޓީއަކަށް ވަނީ ޕީޕީއެމާ އެކުގައެވެ. ޕީޕީއެމް ނެތިއްޔާ ޕީއެންސީއަކީ ބަޔަކު ދަންނަ ތަނެއް ނޫނެވެ. ޕީއެންސީއަކީ ވަކި ޕާޓީއަކަށް މިހާރު ވެގެން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ރައީސް ޔާމީނު އިންކާރެއް ނުކުރައްވައެވެ. އެކަމަކު ރައީސް ޔާމީނުގެ ރައުޔާ ދެކޮޅަށް ޑރ. މުއިއްޒު ވާދަކުރެއްވިޔަސް ޕީޕީއެމްގެ ރައީސް ޔާމީނުގެ ވަފާތެރިން ހަދާނީ ރައީސް ޔާމީނު ވިދާޅުވާ ގޮތެކެވެ. އެއީ ކިތަންމެ ބޮޑު އަދެއް ނުވަތަ ކުޑަ އަދެއް ކަމުގައިވިޔަސް ހީނުކުރާވަރުގެ އަސަރެއް އިންތިހާބުގެ ނަތީޖާ ހޯދުމުގައި އިދިކޮޅަށް ކުރާނެއެވެ. 

ޕީޕީއެމްއާއ ވާދަވެރި އެމްޑީޕީގެ އެތެރޭގެ ކޯޅުންތައް ހަމަޔަކަށް އެޅި ޑެމޭޖް އެ ދަނީ ބާރަށް ރިކަވަރ ވަމުންނެވެ. އެމްޑީޕީގެ ސަޕޯޓް ބޭސް އޮތީ ރަނގަޅަށް ގަނޑުކޮށް ހިފެހެއްޓިފައެވެ. ޕީޕީއެމުން ކެންޑިޑޭޓަކު ނެރުނަސް ނުނެރުނަސް އެމްޑީޕީއަށް ގެއްލުމެއް ނެތެވެ. އެހެން ދިމާލަކުން ނެއްޓިގެން ލައްގާ ކޮންމެ އެއްޗަކީ އެމްޑީޕީއަށް ބެނެފިޓެކެވެ. 

މިހުރިހާ ކަމަކަށްވުރެ ރައީސް ޔާމީނަށް މުހިންމު ވާނީ މިނިވަންވެ ވަޑައިގެން ނިކުންނަވާއިރު ޕީޕީއެމް އަތްޕުޅުން ބީނުވެ އޮތުމެވެ. ރައީސް ޔާމިނަށް އެކަން ކޮށްދެއްވަން ބޭނުންވާ އެކަކުވެސް ޑރ. މުއިއްޒުގެ ފަހަތްޕުޅަކު ނުހުންނާނެއެވެ. ޕީޕީއެމަށް އޮތް އެންމެ މޮޅު ގޮތަކީ ރައީސް ޔާމީނު އެދިވަޑައިގެން ގޮތަށް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމެވެ.