ޕީޕީއެމްގެ ޓިކެޓް ދޭންޖެހެނީ ސަލަފް ބުނާ މީހަކަށް؟

ޓިކެޓް ދޭންވީ ޑރ. ވަހީދަކަށް ނޫން ޑރ. މުއިއްޒަށް

ޕީޕީއެމްގެ ޓިކެޓް ދޭންޖެހެނީ ސަލަފް ބުނާ މީހަކަށް؟

ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަން ސަލަފުގެ ރައީސް ޝައިހު އަބްދުއްލާއަށް ޔަގީން ވަނީތާއެވެ. ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ މަގު ބަންދު ވެއްޖެ ނަމައޭ ބުނެ ސަލަފުން ތިޔަ ދެނީ ސަމާސާ މެސެޖެއް ނޫނެވެ. ޕީޕީއެމް އޮޔާދާން އޮތުމަށްވުރެ އިތުރު ކެންޑިޑޭޓަކު ދެއްކުމަކީ ރަނގަޅު ކަމެއް ކަމަށް ބުނެ ޓްވީޓްކޮށް ސަލަފުގެ ޝައިހުން ތިޔަ ބުނަނީ ކީކޭކަން ވަރަށް ސާފެވެ.

ޕީޕީއެމްގެ ކެންޑިިޑެންސީ ރައީސް ޔާމީނަށް ބަންދުވުމާއި ނުވުމާއި މެދު ގޮތެއް ސާފު ނުވުމަށް ވުރެ ސަލަފުގެ ރައީސްގެ ޓްވީޓަކީ ވަކި މީހަކަށް ޕީޕީއެމުގެ ޓިކެޓް ދިނުމަށް ގޮވާލެވޭ ގޮވާލުމެކެވެ. މަތި އޮމާން ކުރުމުގެ ގޮތުން ރައީސް ޔާމީނަށް ކުރިމަތިލެވޭން އޮތް ހާލަތެއްގައި ޔާމީނު އެއީ ޕީޕީއެމްގެ ކެންޑިޑޭޓު ކަަމަށް ސަލަފުން ނުބުންޏަސް އެކަން އެނގޭ ނޫން ހެއްޔެވެ. އެމަގު ބަންދުވެއްޖެ ނަމަ ޕީޕީއެމަށް ވާންވީ ގޮތް ޕީޕީއެމް ސެނެޓުން ނިންމާނެއެވެ.

ރިޔާސީ ޓިކެޓް އެހެން މީހަކަށް ދޭނީތޯ ނުވަތަ އެހެން މީހެއްގެ ފަހަތަށް ޕީޕީއެމް އަރާނީތޯ ނިންމާނީ ޕީޕީއެމުންނެވެ. އިންތިހާބު ބޮއިކޮޓް ކުރުމަކީވެސް ޕީޕީއެމަށް އެހާލަތުގައި އޮތް ފުރުސަތެކެވެ.

ގިނަ ބަޔަކު އެދެނީ ވަކި މިވެނި މީހަކަށް ޕީޕީއެމް ޓިކެޓް ދޭށޭ ބުނާނީ ސަލަފަކުން ނޫނެވެ. ރައީސް ވަހީދަށް ޓިކެޓް ދިނުމަށް ބުނެ އޮޅުވާލަން ސަލަފުން ނޫޅޭށެވެ. ސަލަފުން ތިޔަ އުޅެނީކީ ރައީސް ވަހީދަށް ޕީޕީއެމްގެ ޓިކެޓް ހޯދަދޭކަށް ނޫނެވެ.

ސަލަފުން ތިޔަ ބުނަނީ ސަލަފުގެ ރައީސް އަބްދުއްލާގެ ޅިޔަނު މޭޔަރު މުއިއްޒަށް ޕީޕީއެމް ރިޔާސީ ޓިކެޓް ދޭށޭ ނޫން ހެއްޔެވެ. ސަލަފަށް އެންމެ ފައިދާ ބޮޑު ގޮތަކަށް ވާނީ އެގޮތެވެ. އޭރުން ރަނިންގ މޭޓަކަށް ސަލަފުގެ އަލީ ރަމީޒު ލައިގެން ކެންޕެއިންކޮށް އެހެން އެންމެން ކާފަރުކޮށްގެން ތޯލިބާނުންގެ ސަރުކާރެއް  އުފެއްދި ދާނެތާއެވެ.