ނާލާފުށީ އައު އިންޖީނުގެ ހުޅުވުން

ރައީސް ސޯލިހުގެ ކެންޕެއިން ދަތުރުފުޅުގެ ތެރެއިން

ނާލާފުށީ އައު އިންޖީނުގެ ހުޅުވުން

ކުޑަރަށެއް ބޮޑުރަށެއް ތަފާތުނުކޮށް އަސާސީ ހިދުމަތް ގާއިމުކޮށް ދެމެހެއްޓެނިވި ގޮތުގައި ހިދުމަތް ދިނުމަށް ރައީސް ސޯލިހުގެ ގެންގުޅުއްވާ ހަމަހަމަ ކާމިޔާބު ސިޔާސަތު ދަނީ ބާރަށް ކުރިއަށެވެ.

މ. ނާލާފުށީގައި ވެސް 25 އަހަރު ވަންދެން ގެދަބުޅި އަރުވަމުންދިޔަ އިންޖީނުގެ ނިއްވާލައި ޒަމާނީ އިންޖީނުގެއެއްގެ ހިދުމަތް ދޭން މިއަދު އެފެށީއެވެ.

ނާލާފުށީގެ މީހުން ދިރިއުޅޭ ހިސާބުގައި ކުރިން ހުރި ބާ އިންޖީނުގޭގައި އޮފީހެއް ނުހުރެއެވެ. އެންމެ 150 އަކަފޫޓުގެ ކުޑަކުޑަ އިންޖީނުގެއެކެވެ. އެތަނުގައި ކުރިން އެކަމަޑޭޓް ކުރެވުނީ އެންމެ ތިން މުވައްޒަފުންނެވެ. އަދި އެތަނުގައި ކުރިން ހުރި ތިން އިންޖީނުގޭގެ ޖުމުލަ ކެޕޭސިޓީއަކީ 288 ކިލޮވޮޓެވެ.

ނާލާފުށީގައި އަލަށް އިމާރާތްކުރި އިންޖީނުގެ ހުޅުވައިދެއްވީ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ހަދައި މިއަދު ހުޅުވި އިމާރާތަކީ32×33  ފޫޓުގެ އޮފީސް އިމާރާތަކާއި 44×34 ފޫޓުގެ އިންޖީނުގެއެއް ހުންނަ އިމާރާތެކެވެ.

އަލަށް ހެދި އިންޖީނުގޭގައި ސްޓޯރަކާއި ވޯކްޝޮޕަކާއި އިންޖީން ރޫމެއްގެ އިތުރުން ކޮންޓްރޯލް ރޫމެއް ހަދާފައިވާއިރު، އޮފީސް އިމާރާތުގައި ރިސެޕްޝަނަކާއި ލޮބީ، މެނޭޖާ ރޫމް، ޕޭންޓްރީ، ފާހާނާ، މީޓިން ރޫމް އަދި ގެސްޓްރޫމެއް ހަދާފައިވެ އެވެ.

މިހާރު ހުރި އިންޖީނުގޭގެ ކެޕޭސިޓީއަކީ 528 ކިލޮވޯޓެވެ. މިއީ ކުރިން ހުރި އިންޖީނުގޭގެ ކެޕޭސިޓީއަށްވުރެ ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.