އެސްޓީއޯ ރޯދައަށް ތައްޔާރު
ކުރީ އަހަރަށް ވުރެ އަގުކޮށް ފިޔައާއި ބިހާއި އަލުވި ލިބޭނެ
ކޮންމެ އަހަރެއްގެ ރޯދަ މަހަކުވެސް އެސްޓީއޯއިން ރައްޔިތުންނަށް ހެޔޮ އަގުގައި ރައްޔިތުންނަށް ކާބޯ ތަކެތި ފޯރު ކޮށްދިނުމަށް ސަމާލުކަން ދެއެވެ. ދަތިކަމެއް ނެތި އަތްފޯރާފަށުގައި ބިހާއި ފިޔައާއި އަލުވި ހުސްނުކޮށް ލިބެން ހުންނާނެ ގޮތް ހެދުމަށް ދުރާލާ ސަމާލުވެއެވެ.
މި އަހަރުގެ ރޯދަ މަސް ބޯމަތިވެގެން އަންނައިރު ކުރީ އަހަރަށް ވުރެ އަގުކޮށް ފިޔައާއި ބިހާއި އަލުވި ލިބޭނެ އިންތިޒާމް މިހާރުވަނީ ކޮށްފައެވެ. ހުސްވި އަހަރު ރޯދަމަހު ފިޔާ ކިލޯއެއްގެ އަގަކީ 14 ރުފިޔާއެވެ. އެހެން ނަމަވެސް މި އަހަރު ފިޔާ ކިލޯއެއް 9 ރުފިޔާއަށް ލިބޭނެއެވެ. އަލުވި ކިލޯއެއް މި އަހަރު ވިއްކާނީ ކުރީ އަހަރަށް ވުރެ 2ރުފިޔާ އަގުހެޔޮކޮށް 11 ރުފިޔާއަށެވެ.
ރޯދަމަހަކީ އެހެނިހެން މަސްތަކަށް ވުރެ ފިޔާ، ބިސް އަދި އަލުވީގެ ޑިމާންޑް ބޮޑުވާ މަހެކެވެ. އެހެންކަމުން މިއަހަރު އެ ތަކެތީގެ 6 ޝިޕްމެންޓް އެއް ގެންނާނެއެވެ. އެގޮތުން ފުރަތަމަ ޝިޕްމެންޓް ހުސްވި ފެބްރުއަރީ 27 ގައި ގެނެސް އެސްޓީއޯ ޕީޕަލްސް ޗޮއިސް އާއި ހޯލްސޭލް ސެންޓަރުން ވިއްކަމުން އެބަ ގެންދެއެވެ.
ހޯލްސޭލް މުދާ ދޫކުރުމަށް ވެސް ތިން ސަރަހައްދެއް ކަނޑައަޅާ އެތަންތަނުން ހިދުމަތް މިހާރު ލިބެން ފަށައިފިއެވެ. އެސްޓީއޯ ހޯލްސޭލް ސެންޓަރ އާއި އިންޑަސްޓްރިއަލް ވިލެޖުއާއި އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ހޯލްސޭލް ކުރެވޭނެ ގޮތް މިހާރުވަނީ ހެދިފައެވެ. ހުޅުމާލޭގައި ހުޅުވާ ރޯދަ މާޓުން ވެސް މި މަހުގެ 20 ވަނަ ދުވަހު ހިދުމަތް ދޭން ފަށާނެއެވެ.
ހާއްސަ 11 ސަރަހަދެއް އަތޮޅުތަކުގައި ގާއިމް ކުރެވި އެސްޓީއޯގެ ފިހާރަތަކަށް ފިޔައާއި ބިހާއި އަލުވި ފޮނުވޭނެ ގޮތަށް ހަމަޖައްސާ އެ ތަކެތި ސަރަހައްދުގެ އެހެން ރަށްރަށަށް ފޯރުކޮށް ދިނުމުގައި އެސްޓީއޯއިން އެހީތެރިކަން ލިބޭނެއެވެ.
ރޯދަމަހަށް ހާއްސަކޮށް ޒަރޫރީ ބޭނުމަށް ބޭނުންވާ ކާބޯތަކެތީގެ އެހެނިހެން ބާވަތްތައް ވެސް ހުސްވިޔަނުދީ ބެހެއްޓުމަށް އެސްޓީއޯއިން އޮތީ ތައްޔާރުވެއެވެ. އަނެއްކޮޅުން ލީސިން ޕާޓްނަރުން ފޯރުކޮށްދޭ މުދާވެސް ހުސްނުވެ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިންނާއި ހުޅުމާލެ ރޯދަ މާޓުން ލިބެން ހުންނާނެއެވެ.
ހުޅުމާލޭ ފޭސް 2 ގެ ވިނަރެސް ފްލެޓް ތިރީގައި ފިހާރައެއް ހުޅުވާ ރޯދަމަހު އެ ފިހާރައިން މުދާ ރަނގަޅު ރޭޓެއްގައި ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮއްދިނުމަށް އެސްޓީއޯއިން ދަނީ ތައްޔަރުވަމުންނެވެ. މި މަހު އެ ފިހާރަ ވެސް ހުޅުވޭނެ ކަމަށް އެސްޓީއޯއިން އަންދާޒާ ކުރެއެވެ.