ސްޓެލްކޯ ހައްޖު އުމްރާ ދަތުރު
ހައްޖާއި އުމްރާ ވުމަށް ހޮވީ ހަތަރު މުވައްޒަފުން
ސްޓެލްކޯގެ ހަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު އެކުންފުނީގެ ދެ މުއައްޒަފަކަށް ދީފިއެވެ. އަދި އިތުރު ދެ މުއައްޒަފުންނަށް އުމްރާގެ އަޅުކަން އަދާ ކުރުމަށްވެސް ސްޓެލްކޯއިން ވަނީ ފުރުސަތު ދީފައެވެ.
ހައްޖުވުމަށް ފުރުސަތު ދިނީ އެ ކުންފުންޏަށް 15 އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލީ މީހުންގެ ތެރެއިން އަންހެނަކަށާއި ފިރިހެނަކަށެވެ. އުމްރާ ވުމަށް ފުރުސަތު ދިނީ އެ ކުންފުންޏަށް ފަސް އަހަރު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންގެ ތެރެއިން ހޮވުނު އަންހެނަކަށާއި ފިރިހެނަކަށެވެ.
ދެ ޖިންސަށް ވަކިން ހުޅުވާލައިގެން ހައްޖު ވުމަށް ސްޓެލްކޯ މުއައްޒަފުންނަށް ދިން ފުރުސަތަށް ޝަރުތު ފުރިހަމަވާ ތިބީ 96 ފިރިހެން މުވައްޒަފުނާއި 22 އަންހެން މުވައްޒަފުންނެވެ. އުމުރާވުމަށް އެދި ހުށަހެޅި މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 262 ފިރިހެން މުވައްޒަފުންނާއި 56 އަންހެން މުވައްޒަފުންނެވެ. ހައްޖާއި އުމްރާ ވުމަށް ހޮވި ހަތަރު މުވައްޒަފުން ހޮވުނީ އެ ކުންފުނިން ރޭ ކުޑަގިރީގައި އެކަމަށް ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައި ގުރު ނަގައިގެންނެވެ.
ހައްޖުވުމަށް ފިރިހެން މުވައްޒަފުންގެ ތެރެއިން ގުރުއަތުން ހޮވުނީ ޓްރާންސްމިޝަން، އެންޑް ޑިސްޓްރިބިއުޝަން ޑިޕާޓްމަންޓްގެ އަބްދުﷲ ޝަރީފެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓްގެ ދީޖާ ތައުފީގާއެވެ.
އުމްރާގެ އަޅުކަން އަދާކުރުމަށް ދާން ހޮވުނު ފިރިހެން މުވައްޒަފަކީ ސާވިސް ސެންޓަރުގެ ޝާހުލް ހަމީދެވެ. އަންހެން މުވައްޒަފަކަށް ހޮވުނީ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ފާތިމަތު ރިޒްނާއެވެ.