ދިވެހިބަހުގެ ވުޒާރާވީ އޮއްބުރުވަން ފެޅި ކަރައަކަށް
އިސްތިއުފާ ދިން ވަޒީރު މީހާއާއި އެކު ދިވެހިބަހާއި ދިވެހިބަހުގެ ވުޒާރާ ގެއްލިއްޖެއެވެ. ގައުމިއްޔަތު ބޮލަށް ލައިގެން ދިދަޔާ ވާހަކަދެއްކި ތަގުރީރު ލިޔެދިން ކަލޭގެއަށް ހަދާދިން ވުޒާރާ މިފަހަރު ޖެހުނުތާ ލަކުނުވެސް ނެތެވެ. ދިވެހި ބަހުގެ ވުޒާރާ އުފެއްދި މަގުސަދާ ބޭނުން ހާސިލުވީކަމެއް ނުވަތަ ގައުމިއްޔަތު ގައުމީ ބޮޑު އަނގަޔަށް ވަދެ ހުސްވީ ކަމެއް ނޭނގެއެވެ. އެނގޭހާ ވެސް އެއްޗަކީ ގައުމިއްޔަތު މިނސްޓްރީ އާއި ޅެންފަރުވާ ވަޒީރު މޫނުއަޅާ މިއަދު ދަފުނު ލައިފިކަމެވެ.
ޗާޕްހާނާއާއި ތަރިކަ ކޮލެޖް އާއި އިސްދާރުންތަކާއި ޅެންފަރުވާ ވެގެން ދިޔައީ ތޮއްޑޫން ގެނެސް ފެޅި ކަރައެއްގެ އޮށް ބުރުވުމަށެވެ. ވަޒަނާއި ކާފިޔާ ހަމަކޮށް ޅެމެއް ހަދަން އެގުމަކީ ވަޒީރުކަމަށް ކުފޫ ހަމަވުން ނޫންކަން މިހާރު އެނގުނީތާއެވެ. ޅެންފަރުވާ ދިނުމަށް ހެދިހާ ދިރާސާއިން ފެނުނީ ޅެންފަރުވާ ދިނުމަށް އެންމެ މޮޅީ އެންސްޕާ ކަމަނަ ކަމެވެ. އެހާ ހިސާބުން ކަރާފަޅަން ނޫޅެ ޅެމުން ފަރުވާ ދިނުމަށް އެންސްޕާ ކަމަނައާ ހަވާލުކުރީތާއެވެ.
އެންސްޕާ ކަމަނައަކީ މާ މޮޅަކަށް ޓީވީ ސްޓޭޝަން ހަދާދިނުމަށް ފަންޑް ހޯދާން އެނގޭ ކަމަނަ އެކޯލައެވެ. އެންސްޕާ ކަމަނަ މޮޅީ ވަކިއެއް ކަމަކަށް ނޫނެވެ. ޕޯޑިއަމު ތަކުގައި އަގަށް ރޮއެދޭން ވެސް އެންސްޕާ ކަމަނަ ވަރެއް ހަމަ ނެތެވެ. އެލްސޯފާ މައްޗަށް ތިރިކުރާ ދޫނީގެ ވާހަކަ އޮއްބާލަންވެސް އެންސްޕާ ކަމަނަ ހަމަ މޮޅީއެވެ. އެހެން ވީމާ ހަދިޔާއަކަށް ވަޒީރުކަން ނުދޭންވީ ކަމެއް ނެތްތާއެވެ.
ދާރުލްއާސާރުގައި ބިއްލޫރި ކޮއްޓެއްގައި އާސާރެއްގެ ގޮތުގައި ދައްކަން ބައިންދަން ވެސް ތޮއްޑޫން ގެނައި ފީ ކަރައަކަށްވުރެ އެންސްޕާ ކަމަނަ މާ ހިތްގައިމު ވާނެތާއެވެ. ބަލަން ޒިޔާރަތް ކުރާ މީހުންވެސް މާ ގިނަވާނެއެވެ. ޅެމުން ފަރުވާދެމުން ތަރިކަ ރައްކާކުރަން އެންސްޕާ ކަމަނަ މާ ބޮޑަށްވެސް މޮޅުވާނެއެވެ. އޮށް ބުރުވާ ސްޕީޗް ލިޔަން ކަރާ މޮޅަސް އެންސްޕާ ކަމަނަ ދިޔަ މަގެއްގެ އަރި މަތިންވެސް ތޮއްޑޫ ކަރައަކަށް ނުފޮރޮޅެވޭނެއެވެ.


