ޝަހުސު އޮޅުވާލައިގެން މީހުންނާ އިންނަ ދެބަފައިން ފަޅާއެރުން
އެކި ފަހަރު މަތިން އަމިއްލަ ވަނަވަރު އޮޅުވާލައިގެން ގިނަ ކައިވެނިތަކެއްކޮށް މުދަލާ ފައިސާ ހޯދާފައިވޭ
އުއްތަރު ޕްރަދޭޝްގައި އޮންނަ ސިތާޕޫރުގެ ސެވްތާ ދާއިރާގެ ސްޓޭޓް އެސެމްބްލީ ގޮނޑި 2017 އަދި 2022 ވަނަ އަހަރު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރެއްވުމަށްފަހު، ތިންވަނަ ދައުރަކަށް ކުރިމަތިލެއްވުމަށް ތައްޔާރުވަމުންދާ ބީޖޭޕީގެ މެންބަރު ގިޔާން ތިވާރީގެ ސިކުނޑީގައި މިހާރު އޮތީ ކުރިއަށް އޮތް އިންތިހާބަށްވުރެ މާ ނުރައްކާތެރި މައްސަލައެކެވެ.
ސެވްތާ ދާއިރާގެ އެމްއެލްއޭ ތިވާރީ ވިދާޅުވި ގޮތުގައި އޭނާއަށް ކުރިން ގަބޫލުކުރެވުނީ ތުރިވޭދީ އާއިލާއަކީ އަބުރުވެރި، ވިޔަފާރިވެރި އާއިލާއެއް ކަމަށެވެ. އެހެންނަމަވެސް މިހާރު އެމްއެލްއޭ ތިވާރީ ވަނީ އޭނާގެ ދަރިފުޅުގެ ބަފައިބެ އަނޫޖް ތުރިވޭދީއާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅާފައެވެ. މައްސަލައިގައި ތުހުމަތުކޮށްފައިވަނީ ކައިވެނީގެ ކުރިން އޭނާގެ "ކުށުގެ" މާޒީ ސިއްރުކުރުމާއި، އެކި ފަހަރު މަތިން އަމިއްލަ ވަނަވަރު އޮޅުވާލައިގެން ގިނަ ކައިވެނިތަކެއް ކޮށްފައިވާ ކަމަށެވެ.
މީގެ މަހެއްހާ ދުވަސް ކުރިން މަހާރާޝްތުރާ ފުލުހުން އަނޫޖް ތުރިވޭދީ ހައްޔަރުކޮށްފައިވާއިރު، ފުލުހުން ބުނީ އަނޫޖް ތުރިވޭދީގެ ދަރިފުޅު އަދި އެމްއެލްއޭ ތިވާރީގެ ދަނބިދަރި ޕްރަކަރްއާ ދެކޮޅަށް ވެސް މިފަދަ ތުހުމަތުތަކެއް ތަހުގީގު ކުރަމުންދާ ކަމަށެވެ. ސިތާޕޫރު ފުލުހުން ބުނާ ގޮތުގައި ޕްރަކަރް މިހާރު ވަނީ ފިލާފައެވެ.
އެމްއެލްއޭ ތިވާރީ ވަނީ އަނޫޖް ތުރިވޭދީ އާއި ޕްރަކަރްއާ އޮތް ހުރިހާ ގުޅުމެއް ކަނޑާލާފައިވާކަން މިހާރު ވަނީ އިއުލާން ކުރައްވާފައެވެ. "އަދިވެސް އެމީހުންގެ އިތުރު އަނބިން ތިބުމަކީ އެކަށީގެންވާ ކަމެއް" ކަމަށް އެމްއެލްއޭ ތިވާރީ ވިދާޅުވިއެވެ.
އެމްއެލްއޭ ތިވާރީގެ ދަރިފުޅު، ޑޮކްޓަރު ޕްރަގްޔާ އާއި 31 އަހަރުގެ ޕްރަކަރް ތްރިވޭދީ ކައިވެނީގެ ގޮށްޖެހީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ފުލުހަށް ހުށަހެޅި މައްސަލައިގައި އެމްއެލްއޭ ތިވާރީ ވިދާޅުވެފައިވަނީ ސިތާޕޫރުގައި ދިރިއުޅޭ އަނޫޖް ތުރިވެދީ ތައާރަފްވީ މުމްބާއީގައި ރިއަލް އެސްޓޭޓް ވިޔަފާރިކުރާ މީހެއްގެ ގޮތުގައި ކަމަށެވެ. އަދި އޭނާގެ ދަރިފުޅު ޕްރަކަރްއަކީ ސްކޫލެއް ހިންގުމުގެ އިތުރުން ދަނޑުވެރިކަމުގެ މަސައްކަތްތައް ބަލަހައްޓާ މީހެއް ކަމަށް ބުނެފައިވާ ކަމަށެވެ.
ކައިވެނީގެ ކުރިން އެ އާއިލާއާ ބެހޭގޮތުން އަވަށުގެ އިސްވެރިންނާއި އާންމު ރައްޔިތުން ހިމެނޭހެން ގިނަ ބައެއްގެ ގާތުން މައުލޫމާތު ސާފުކުރެއްވި ކަމަށާއި، އެ އެންމެންވެސް އެއީ ތަނަވަސް، އަބުރުވެރި އަދި ނުފޫޒުގަދަ ބައެއްގެ ގޮތުގައި ސިފަކުރި ކަމަށް އެމްއެލްއޭ ތިވާރީ ވިދާޅުވެއެވެ. މަހާރާޝްތުރާ ފުލުހުން ސިތާޕޫރަށް އައިސް މި މައްސަލަ ތަހުގީގު ކުރަން ފެށުމާ ހަމައަށް، އެއްވެސް ކަމަކާ މެދު ޝައްކު ނުކުރައްވާ ކަމަށްވެސް ތިވާރީ ވިދާޅުވިއެވެ.
ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި، ޕްރަކަރްގެ ދެބަފައިން އޮޅުވާލައިގެން ކައިވެނިކޮށް، ފައިސާ އަތުލާފައިވާ ކަމަށް ބުނެ އެހެން ދެ އަންހެނަކު ވެސް ވަނީ ޝަކުވާ ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލައިގައި އަދި ރަސްމީކޮށް އެފް.އައި.އާރް އެއް ރަޖިސްޓްރީއެއް ނުކުރެއެވެ. ފުލުހުން ބުނާ ގޮތުގައި މީގެ އިތުރުން ވެސް ގިނަ ބަޔަކު މި މަކަރުވެރިންގެ ޝިކާރައަކަށް ވެފައިވުން އެކަށީގެންވެއެވެ.
އެމްއެލްއޭ ތިވާރީ ވެސް ގަބޫލުކުރައްވަނީ އެހެންނެވެ. "މީގެ އިތުރުން ވެސް އެތައް ބަޔަކަށް މި އޮޅުވާލުންތަކުގެ އަސަރުކޮށްފައި ހުރުމަކީ ވަރަށް އެކަށީގެންވާ ކަމެއް،" އޭނާ ވިދާޅުވިއެވެ. ސިތާޕޫރުގެ އެޑިޝަނަލް ޑިސްޓްރިކްޓް މެޖިސްޓްރޭޓް އާޔޫޝް ޗައުދަރީ ވިދާޅުވީ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި ތިވާރީ މައްސަލަ ހުށަހެޅި ރައުސާ ޕޮލިސް ސްޓޭޝަނުގެ އެސް.އެޗް.އޯ ހަނޫމަންތު ލާލް ވިދާޅުވީ، އަނޫޖް ތުރިވޭދީގެ ބަޔާން ނެގުމަށް ފުލުހުންގެ ޓީމެއް މަހާރާޝްތުރާއަށް ފޮނުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ސިތާޕޫރު ފުލުހުން ބުނާ ގޮތުގައި، މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި ތުރިވޭދީ އާއި ޕްރަކަރް އަމާޒުކުރަނީ އެހީތެރިކަމަށް ބޭނުންވެފައިވާ ނުވަތަ ނާޒުކު ހާލަތްތަކުގައި ތިބޭ އަންހެނުންނަށެވެ. އޭގެ ތެރޭގައި ވަރިވެފައިވާ އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނެއެވެ. ދޮގު ވަނަވަރު ބޭނުންކޮށްގެން އެމީހުންނާ ކައިވެނިކުރުމަށްފަހު، ބިރުދައްކައިގެންނާއި އޮޅުވާލައިގެން ފައިސާ އަތުލަނީއެވެ. ފައިސާއާއި އަގުބޮޑު ގަހަނާތައް ލިބުމުން، އެ ދެބަަފައިން ފިލަނީއެވެ.
މުމްބާއީގެ މައްސަލައެއް
މަހާރާޝްތުރާ ފުލުހުން އަނޫޖް ތުރިވޭދީ 2022 ވަނަ އަހަރުގެ މާރިޗު މަހު ތާނޭގެ ނަޔާ ނަގަރު ޕޮލިސް ސްޓޭޝަނުގައި ރަޖިސްޓްރީކުރި މައްސަލައެއްގައި ހައްރުކުރިއެވެ. އެ މައްސަލަ އަކީ 69 އަހަރުގެ ސަވިތާ ސުރޭޝް ބަންޑާރްކަރް ނަމަކަށް ކިޔާ އަންހެނަކު ހުށަހެޅި މައްސަލައެކެވެ. އޭނާ ބުނި ގޮތުގައި، ކުޑަ ނުކުޅެދުންތެރިކަމެއް ހުންނަ އޭނާގެ ދަރިފުޅު ޝާމްބަވީއާ ކައިވެނިކުރަން މީހަކު ހޯދަމުން ދަނިކޮށް، އަނޫޖް ތުރިވޭދީ އޭނާއާ ގުޅުނީ "އަޖޭ އަގަރްވާލް" ގެ ނަމުގައެވެ.
ޝަމްބަވީ ދަރިފުޅާއި އަޖޭ އަގަރުވާޅް ( އަނޫޛް ތުރިވޭދީ)ގެ ކައިވެނި ކުރެވުނީ 2019 ވަނަ އަހަރުގެ މާރިޗު މަހުއެވެ. ކައިވެނީގައި ފިރިހެން މީހާގެ ފަރާތުން ބައިވެރިވީ "އަރިވަލް" ނަމަކަށް ކިޔާ މީހަކު އެކަންޏެވެ. "އަގަރްވާލް" ބުނި ގޮތުގައި އެއީ އޭނާގެ އެއްބަނޑު އެއްބަފާ ކޮށްކޮއެކެވެ. "އަގަރްވާލް" މުމްބާއީގައި މަޑުކުރީ ވަރަށް ކުޑަ ވަގުތުކޮޅަކަށެވެ. އޭނާ ބުނާ ގޮތުގައި ކޮލްކަތާގައި ހުންނަ އޭނާގެ ދެ ގެއެއްގެ މަސައްކަތް ބަލަހައްޓަން ޖެހެއެވެ.
ބަންޑާރްކަރް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ، ފައިސާގެ ދަތިކަން ކުރިމަތިވެއްޖެ ކަމަށް ބުނެ، އެ އާއިލާގެ ފްލެޓް ވިއްކާލުމަށްފަހު ފައިސާ ދިނުމަށް އޭނާ އެދުނު ކަމަށެވެ. އޭގެ ބަދަލުގައި ލަކްނޫއިން ފްލެޓެއް ދޭނެ ކަމަށް ވައުދުވިއެވެ.
ބަންޑާރްކަރްގެ އާއިލާއިން ގާތްގަނޑަކަށް 82 ލައްކަ ރުޕީސް ނަގުދު ފައިސާއިން އޭނާއަށް ދިނެވެ. އަދި އޭގެ ފަހުން ޝާމްބަވީގެ ގަހަނާތައް ވެސް އޭނާ އަތުލިއެވެ. 2022 ފެބްރުއަރީ 26 ގެ ފަހުން އޭނާގެ އެއްވެސް ހަބަރެއް ނުވެ ފިލީއެވެ.
އެމްއެލްއޭ ތިވާރީ، އޭނާގެ ދަރިފުޅުގެ ކައިވެނީގެ ހަފުލާއަށް 15000 އެއްހާ މީހުންނަށް ދައުވަތު ދީގެން ވަރަށް ކުލަގަދަކޮށް އެކަން ފާހަގަކުރެއްވިއިރު، މިއަދު އޭނާ ހުންނެވީ ވަރަށް ބޮޑަށް މާޔޫސްވެފައެވެ. "ކޮންމެ ފަދަ އަގަކުން ނަމަވެސް އަނޫޖް ތުރިވޭދީ ފަދަ މީހަކު މިނިވަންވެގެން ނުވާނެ. އޭނާގެ ދަރިފުޅުވެސް މިކަމުގައި ބައިވެރިވާނަމަ، އޭނާއާ މެދު ވެސް ހަރުކަށި ފިޔަވަޅު އަޅަންޖެހޭނެ،" އެމްއެލްއޭ ވިދާޅުވިއެވެ.


