ހޭވަރިވާނީ ރާއްޖެއަށް ޓްރެވަލްބޭން އަޅަން ފެށުމުން؟

ހޭވަރިވާނީ ރާއްޖެއަށް  ޓްރެވަލްބޭން އަޅަން ފެށުމުން؟

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ އަދަދަކަށް ބިދޭސީން އުޅެއެވެ. ހުޅުމާލެއާއި މާލެއާއި ވިލިމާލެއާއި އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސް ވިޔަފާރި ހިންގުމުގައި ވެސް ބިދޭސީން އުޅެއެވެ.

އިންޑިއާ، ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް އަދި ޔޫރަޕުގެ ބައެއް ގައުމުތަކާއި ގަލްފްގެ ގައުމުތަކުގެ މީހުންވެސް ރާއްޖޭގައި އުޅެއެވެ. ޓޫރިސްޓުންގެ ގޮތުގައާއި އިންވެސްޓަރުންގެ ގޮތުގައާއި ޕްރޮފިޝަނަލް ހިދުމަތުގައާއި މަސައްކަތު މީހުންގެ ގޮތުގައެވެ. ދިވެހިންނާ ކައިވެނީގެ ގޮތުން ގުޅިގެން އުޅޭ ބިދޭސީންވެސް އެހާ ގިނައެވެ.

ބިދޭސީންނަށް އަމާޒުކޮށްގެން ވަކި ގަޑިއެއްގައި ނިކުމެ އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް ފިޔަވަޅު އަޅަން ނިންމުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފު ކަމެކެވެ. ގާނޫނު އަސާސީއާއިވެސް ހިލާފު ކަމެކެވެ.

މީހަކު ނިސްބަތްވާ ގައުމަކުން ނަސްލަކުން ކުލައަކުން ޖިންސަކުން ތަފާތު ކުރުމަކީ ސަރުކާރަކުން ކުރާނެ އެންމެ ލާއިންސާނީ ކުށެވެ. ނަސްލީ ތަފާތު ކުރުމަކީ ބައިނަލްއަގުވާމީ ކުށެކެވެ. 

އާއްމު އުސޫލާ ހިލާފަށް ވަކި ގަޑިއެއްގައި މަގުމަތީގައި އުޅޭ މީހުން ހުއްޓުވާ ސުވާލު ކުރަނީ ކާފިއު ހިންގާފައި އޮންނަ ހާލަތުގައެވެ. ކާފިއުގެ ހާލަތުގައިވެސް ހުއްޓުވާ ސުވާލު ކުރުމަކަށް ވަކިބަޔަކު ތަފާތެއް ނުކުރެއެވެ.

ދިވެހިރާއްޖެ ފަދަ ޓޫރިސްޓު ޑެސްޓިނޭޝަނެއްގައި ބިދޭސީންނަށް އަމާޒުކޮށް މީހުން ހުއްޓުވާ ސުވާލު ކުރުމަށް ނިންމުމަކީ އެއްވެސް ގޮތަކުން އެހާ ދުޅަހެޔޮ ނިންމުމެއް ނޫނެވެ. ކަމަކީ ދިވެހިރާއްޖޭގައި ގާއިމުވެފައިވާ ގަވާއިދުތަކާއި ސޮއިކޮށްފައިވާ އައިއެލްއޯގެ އުސޫލުތަކާއި އެނޫންވެސް ބައިނަލްއަގުވާމީ ގާނޫނުތަކާވެސް ފުށު އަރާނެ ކަމެކެވެ.

ދިވެހި ގިނަ ވިޔަފާރިތަކާއި މަސައްކަތް ތަކުގައި ގިނަ ވަގުތު ތަކެއް ވަންދެން ބިދޭސީން މަސައްކަތް ކުރެއެވެ. ގެސްޓުން ވެސް ގިނަ ވަގުތު މަގުމަތީ ހަރަކާތްތެރިވެ އުޅެއެވެ. ހަމައެކަނި އަވައްޓެރި ގައުމުތަކުގެ މީހުނަށް އަމާޒު ކުރުމަކީ ނުރައްކާ ކުޑަކަމެއް ނޫނެވެ. ދިވެހިންވެސް ބޭރު ގައުމުތަކުގައި އުޅޭކަން އެގޭނަމަ ވިސްނާލިހެވެ. ކަމަކީ ވަރަށް ދޯހަޅި ނިންމުމެކެވެ.

ހާއްސަކޮށް އެންމެ ވަރުގަދަ ޓޫރިސްޓު ސީޒަނާއި ދިމާކޮށް ވެސް އެއްޔަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ. ހޭވަރި ވާނީ ގައުމުތަކުން ރާއްޖެއާއި ދެކޮޅަށް ޓްރެވަލް އެޑްވައިޒަރީތައް ނެރެ ބޭން އަޅަން ފެށުމުންނެވެ.