އިދިކޮޅު އިދިކޮޅާ ޖެހި ނިމޭނީ ނަޝީދުގެ ފިލްމު!

އިބޫ ނޫން ގޮތެއް ހޯދަދޭން ވަދެ ޕީޕީއެމަށް ހުށަހެޅީ ޔާމީނު ނޫން ގޮތެއް

އިދިކޮޅު އިދިކޮޅާ ޖެހި ނިމޭނީ ނަޝީދުގެ ފިލްމު!

އެއްވެސް އުސޫލެއްގައި ތިބި ބަޔަކު އެއްވެސް ކަމެއްގައި ނަޝީދާއެކު ކަމެއް ކުރާކަށް ނުފަށާނެއެވެ. އަމްދުން ސިޔާސީ މަސައްކަތެއް ނަޝީދާއެކު ކުރާން އުޅޭނި މޮޔަ ބައެކެވެ. ތިމާ ބޭނުންވާ ގޮތް ނޫން އެހެން ގޮތެއް ނަޝީދަކަށް ނުއޮންނާނެއެވެ. ނަޝީދު އެއްވެސް ކަމެއް ކުރާނީ ތިމާއަށް ވެރިކަން ހިންގުމުގެ ބާރުތައް ތަންމިނަށް ލިބޭނެ ގޮތަށެވެ. 

ކިތަންމެ ދިގުކޮށް ކިތަންމެ ރަނގަޅަށް ކުރެވޭ މަޝްވަރާއަކުން ނިންމޭ ގޮތަކީ ކިތަންމެ ރަނގަޅު ނިންމުމެއް ނަމަވެސް އެކަމެއް ބޮލާލާ ޖަހާ އަމިއްލަ ގޮތް ކުރިއަށް ނެރުމަކީ ނަޝީދުގެ އާދައެވެ. އަބަދުވެސް އެ ވަގުތަކަށް އެންމެ ހިތް އެދޭ ގޮތަކަށް ކަންކުރާން ދިމާ ކުރެއެވެ. އެއްކަމެއްގައި ނަގާ ސްޓޭންޑް ހެދުނު ގޮތަކަށް މެންދުރު އެހެން ގޮތަކަށް ބަދަލު ކުރުމަކީ ނަޝީދުގެ އާދައެވެ.

ގިނަފަޖަރަށް ކަންކަމުގައި މަޝްވަރާގެ މަރުހަލާގައި ގޮތް ނުމެނީސް ކަން އޮންނަން ޖެހޭގޮތް ކަނޑައަޅާ އިއުލާންކޮށް މަޝްވަރާ ތަކުގެ ކުރި މަރާލައެވެ. އެހެން އެއްވެސް މީހެއްގެ މޫނަކަށް ކަދުރާއަކަށް ނުބަލައެވެ. ހިޔާލަކަށް ރައުޔަކަށް ނުބަލައެވެ. 

އެންމެ ބިރުވެރިކަމަކީ ނަޝީދު ސިޔަސީކަމެއްގައި ބަޔަކާ އެއްގަލަށް އަރައިފިނަމަ އެ ބައެއްގެ ހަމަތަކަ އުސޫލުތައް ނަޝީދަށްޓަކައި މުގުރަލަން ޖެހޭ ޖެހުމެވެ. ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ނުކުރެވުނު މީހަކަށް އެހެން ބަޔަކާ ގުޅިގެން ކުރެވޭނެ ސިޔާސީ މަސައްކަތެއް ނަޝީދަކަށް ނުއޮންނާނެއެވެ. މަސްލަހަތަށްޓަކައި ރައީސް ސޯލިހު ކަންކަން ކޮމްޕްރަމައިޒް ކުރިވަރާ ގާތައްވެސް އެހެން ބަޔަކު ނަޝީދަށްޓަކައި ކަންކަން ކޮމްޕްރަމައިޒެއް ނުކުރާނެއެވެ. 

2023ގެ ރިޔާސީ އިންތިހާބާ ދިމާކޮށް ދޮލަގަކަށް ނަފްސް ލައިގެން ވިއްކަން ދުވާ މީހަކަށް ނަޝިދު ވެއްޖެއެވެ. އެމްޑީޕީގެ ރައީސް ކަމުގައި ހުރެ ފުއްޕާފައި އެމްޑީޕީއާއި ދެކޮޅަށް  ގާސިމް ވަރެއް ނެތިގެން އުޅެގަތެވެ. ފިކުރު ދިރުވަން ގާސިމްގެ އުނގަށް ފުންމާލީ ބަރުލަމާނީ ޕެކޭޖް ބަނޑުދަށުލައިގެނެވެ. މަޝްވަރާތައް ފެށުމާއެކު ބަރުލަމާނީ ޕެކޭޖް އޮއްސާލި އޮއްސާލީނުން ގާސިމް މޭބޮޑުވެ ފައްސާނަގާލިއެވެ. 

ދެއަތަކަށް ދެލަކިޖަހާ " އިބުރާހީމް ނޫންގޮތެއް" ހޯދުމުގެ ނަމުގައި ޕީޕީއެމް ތެރެއަށް ވަދެގަނެ ތެޅިފޮޅެގަތެވެ. އިބުރާހީމް ނޫން ގޮތެއް ހޯދަދޭން ވަދެ ޕީޕީއެމަށް ހުށަހެޅީ ޔާމީނު ނޫން ގޮތެކެވެ. ބަދަލު ކުރަން ފައިވިއްދާލީ ޕީޕީއެމްގެ އިންޑިއާ އައުޓް ޕޮލިސީއެވެ. ޕީޕީއެމް އަރާގަތްރުޅިން އިންޑިއާ އައުޓް ނުހުއްތާނެ ކަމަށް ފާޅުގައި ބުނެފިއެވެ. ޔާމީނުގެ ކެންޕެއިން ފަށައިފިއެވެ. ނަޝީދަށް ފަސްފަހެތިން ދިން ކަހަލައެވެ. 

އާއްމު މެންބަރުން ހަމަވެގެން ސިޔާސީ ޕާޓީއަކަށް ނުވެވިގެން އުޅުނަސް ބައިބޯ ޕީޕީއެމަށްވުރެ ދަ ޑިމޮކްރެޓްސްގައި މަޖިލިސް މެންބަރުން ގިނައެވެ. ދަ ޑިމޮކްރެޓްސް ރަސްމީކޮށް އުފެދުމާއެކު ޕިޕީއެމުގެ ސިޔާސީ ބާރުވެރިކަން މަޖިލީހުގައި ކެނޑިގެން ދާނެއެވެ. މަޖިލީހުގެ މައިނޯރިޓީ ލީޑަރކަން ރެޓުންނަށް ލިބޭނެއެވެ. އެހިސާބުން އަނެއްކާވެސް ނަޝީދަށް ނަޝީދު އޮޅި އިދިކޮޅު ސިޔަސީ ލީޑަރުގެ ގޮތުގައި ވެގަނެގެން ޕީޕީއެމް ނޯށުން ރޮއްވަލާނެއެވެ. ނަޝީދު ނޫން މީހަކު ވެރިކަމަށް އަޔަނުދޭން އިދިކޮޅު އިދިކޮޅާ ޖައްސާ އިބޫނޫން ގޮތެއްނެތި ނަޝީދުގެ ފިލްމު ނިމޭނެއެވެ.