މަގޭ މީހަކަށް ނުވާނަމަ، ކަލޭގެ މީހަކަށް ވިޔަކަ ނުދޭނަން

ދަރިވަރަކު ޓީޗަރަކު ދެކެވީ ލޯބި ބަދަލުވީ މަރަށް

މަގޭ މީހަކަށް ނުވާނަމަ، ކަލޭގެ މީހަކަށް ވިޔަކަ ނުދޭނަން

އިންޑިއާގެ ފަރީދާބާދުގެ ސިކްރޯނާގައި ހުންނަ ސަރަސްވަތީ ސީނިއާ ސެކަންޑަރީ ސުކޫލުގެ މުދައްރިސެއް ކަމަށްވާ ސަންދިޔާ ކަރްހާޖާގެ ހަނދާން އައުކުރުމަށްޓަކައި، މިދިޔަ ބުދަ ދުވަހު އެ ސުކޫލުގައި ހާއްސަ ދީނީ ރަސްމިއްޔާތެއް ބޭއްވިއެވެ. ސަންދިޔާއަކީ ކިޔަވައިދިނުމަށް ނުހަނު ލޯބިކުރި، ދަރިވަރުންގެ މެދުގައި މަގުބޫލު މުދައްރިސެކެވެ. ސުކޫލުގެ އާދައިގެ ދުވަހެއް ބިރުވެރިކަމަކަށް ބަދަލުވެގެންދިޔަ އެ ތަނުން މިހާރު ފެންނަން ހުރީ ހިކިފައިވާ ލޭގެ ނިޝާންތަކެވެ.

މާސްކެއް އަޅައިގެން ހުރި 21 އަހަރުގެ ޒުވާނަކު، ރޯމާ ދުވާލު ސުކޫލަށް ވަދެ، ސަންދިޔާ ކުލާސްރޫމުން ބޭރަށް ދަމާނެރުނެވެ. އަދި މަދުވެގެން 20 ފަހަރު ވަޅިޖަހައި އޭނާ މަރާލި ހާދިސާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު އެ ސުކޫލުގެ ދޮރުތައް ހުރީ ބަންދުކޮށްފައެވެ.

ހަރިޔާނާގެ ފަރީދާބާދަށް އުފަން ސަންދިޔާއަކީ ވިކާސް ކަރްހާޖާ "ވިކީ" އާ ލޯބީގެ ގޮތުން ގުޅިގެން މީގެ ހަތް އަހަރު ކުރިން ކައިވެނިކޮށްގެން އުޅުނު އުފާވެރި އަނތްބެކެވެ. އޭނާ ސަރަސްވަތީ ސުކޫލާ ގުޅުމުގެ ކުރިން އެ ސަރަހައްދުގެ އެކި އަމިއްލަ ސުކޫލުތަކުގައި ކިޔަވައިދީފައިވެއެވެ. މިދިޔަ ހޯމަ ދުވަހުގެ ހެނދުނަކީ އުމުރުން 30 އަހަރުގެ ސަންދިޔާ އެންމެ ފަހުން ކިޔަވައިދިން ވަގުތެވެ.

ހެނދުނު 9:40 ހާއިރު ކޮޓް އަވަށުގެ އަމިތު ނަމަކަށް ކިޔާ ޒުވާނަކު ސުކޫލަށް ވަދެ، ސަންދިޔާ މަރާލުމަށްފަހު ސައިކަލެއްގައި ފިލިއެވެ. ނަމަވެސް، ހާދިސާ ހިނގިތާ ދެ ގަޑިއިރު ތެރޭގައި ފުލުހުން އޭނާ ހައްޔަރުކުރިއެވެ. ސަންދިޔާގެ އާއިލާއިން ބުނާ ގޮތުގައި، އަމިތަކީ މީގެ ކުރިން ސަންދިޔާ ކިޔަވައިދިން ސުކޫލެއްގެ ދަރިވަރެކެވެ. އަމިތު ސަންދިޔާއާ ގާތްވާން ކުރި މަސައްކަތްތަކަށް ސަންދިޔާ އިންކާރުކޮށް، އޭނާއާ ވާހަކަދެއްކުން ހުއްޓާލިއެވެ.

"މީގެ ނުވަ މަސް ކުރިން، ސަންދިޔާ އޭނާއާ ވާހަކަދެއްކުން ހުއްޓާލުމުން އޭނާ ފަހަތުން އަޅުވާލަން ފެށި. ފުލުހަށް މައްސަލަވެސް ހުށަހެޅިން. އެކަމަކު އޭނާގެ އާއިލާގެ މީހުން އައިސް އާދޭސްކޮށް، އެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އެދުނު. އެމީހުން އެ ކުއްޖާ އިސްލާހުކުރާނެ ކަމަށް ބުނުމުން އެކަން ދޫކޮށްލީ،" ކަމަށް ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ ސަންދިޔާގެ ފިރިމީހާ ވިކާސް ބުންޏެވެ.

ނަމަވެސް އެކަން އެހިސާބުން ނިމުމަކަށް ނައެވެ. ތިން މަސް ފަހުން އަލުން އުނދަގޫ ކުރަން ފެށުމުން ވިކާސް އަމިތުގެ ގެއަށް ގޮސް އާއިލާއާ ވާހަކަ ދެއްކިއެވެ. އެ ފަހަރުވެސް އާއިލާއިން ބުނީ ހަމަ އެކައްޗެކެވެ. ސަންދިޔާގެ ތިމާގެ މީހެއް ކަމަށްވާ ޕަވަން ކުމާރު ބުނި ގޮތުގައި، މީގެ މަހެއް ކުރިން އަމިތު ވަނީ ވިކާސް މަރާލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. "އޭނާ ބުނި، 'އޭނާ (ސަންދިޔާ) މަގޭ މީހަކަށް ނުވާނަމަ، ކަލޭގެ މީހަކަށް ވިޔަކަވެސް ނުދޭނަމޭ'. އަމިތުގެ ބޭބެ ރަވީއަށް މި ހުރިހާ ކަމެއް އެނގޭ އިރުވެސް އެއްވެސް ފިޔަވަޅެއް ނާޅާ. މިއީ ރޭވިގެން ހިންގާފައިވާ ކަމެއް،" އޭނާ ބުންޏެވެ.

ސުކޫލުގެ ސަލާމަތީ ކަންކަމާ މެދުވެސް އާއިލާއިން ވަނީ ސުވާލު އުފައްދާފައެވެ. މާސްކެއް އަޅައިގެން ހުރި މީހަކު، އެއީ ސަންދިޔާގެ ފިރިމީހާ ކަމަށް ބުނުމުން އެއްވެސް ހުރަހެއް ނެތި އެތެރެއަށް ވައްދާފައިވާތީ އެކަމާ އާއިލާއިން ކަންބޮޑުވުން ފާޅުކުރިއެވެ.

ސަންދިޔާގެ މަރާއެކު އާއިލާއަށް ވަނީ ފުން ހިތާމައެއް ލިބިފައެވެ. އޭނާގެ ފަސް އަހަރުގެ ފިރިހެން ދަރިފުޅާއި ތިން އަހަރުގެ އަންހެން ދަރިފުޅު މަންމަ ކޮބައިތޯ ކެނޑިނޭޅި ސުވާލު ކުރަމުންދެއެވެ. ސަންދިޔާގެ މަންމަ ސުދާ ދޭވީ ކަރުނަ އަޅަމުން ބުނީ، "މިއަދު މި ގެއަކީ ކަށްވަޅެއް ފަދަ ތަނަކަށް ވެއްޖެ" ކަމަށެވެ.

ސުކޫލުގެ ވެރިޔާ ޑރ. ތޭޖްޕާލް ޝަރުމާ ވިދާޅުވީ ސަންދިޔާއަކީ ހުރިހާ ކުދިންގެ ލޯބި ލިބިފައިވާ މުދައްރިސެއް ކަމަށެވެ. އަދި ހާދިސާ ހިނގި ވަގުތު އޭނާ ސަންދިޔާ ސަލާމަތް ކުރަން މަސައްކަތް ކުރި ނަމަވެސް، ހަމަލާދިން މީހާ އޭނާއަށްވެސް އިންޒާރުދީ ބިރުދެއްކި ކަމަށް ވިދާޅުވިއެވެ. ސުކޫލުގެ ފަރާތުން ސަންދިޔާގެ ދެ ދަރިންގެ ތައުލީމީ ހަރަދު ބަލަހައްޓާނެ ކަމަށް ބުނި ނަމަވެސް، އާއިލާއިން އެކަން ގަބޫލެއް ނުކުރެއެވެ. އާއިލާއިން އެދެނީ އެ މީހާއަށް މަރުގެ އަދަބު ދިނުމަށެވެ.

ފުލުހުންގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، ހައްޔަރުކުރެވުނު އަމިތު ތިން ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން އިތުރު ތަހުގީގުތައް މިހާރު ދަނީ ކުރިއަށެވެ.