އޭއައި ސިކުނޑި ކަންނެތްކުރޭ | ހުއްޓުވާނީ ކިހިނެއް!
އިންސާނާގައި ހުންނަ ޝައުގުވެރިކަމަކީ މެޝިނަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫން
ޖީޕީއެސް ގެ ސަބަބުން މަގު ހޯދުމުގެ ހިއްސު އަހަރެމެންގެ ކިބައިން ބަލިކަށިވެއްޖެއެވެ. ސާޗް އިންޖީނުތަކުގެ ސަބަބުން ހަނދާން ބަލިވެއްޖެއެވެ. މިހާރު ސައިންސްވެރިން އިންޒާރު ދެނީ އޭއައިގެ ސަބަބުން އުފެއްދުންތެރިކަމާއި ފާޑުކިޔުމާއެކު ވިސްނުމުގެ ގާބިލުކަމަށް ވެސް މިފަދަ ނުރައްކަލެއް އެބައޮތް ކަމަށެވެ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު ދިރާސާތަކުން ކަންބޮޑުވެއެވެ. އޭއައިގެ ސަބަބުން އަހަރެމެންގެ ސިކުނޑިއަށް ގެއްލުންވަނީ ހެއްޔެވެ؟ އޭއައި އާ ބެހޭގޮތުން ލިޔުންތައް ތައްޔާރުކުރަން ފެށުމާއެކު، މަޖުބޫރުވެގެން އެ ޓެކްނޮލޮޖީ ބޭނުންކުރަން ފެށެއެވެ.
ދިރާސާތަކުން ދައްކާ ގޮތް
ޗެޓްޖީޕީޓީ ފަދަ ވަސީލަތްތަކަށް މާބޮޑަށް ބަރޯސާވާ މީހުންގެ އުފެއްދުންތެރިކަމާއި، ސަމާލުކަންދޭ ވަގުތާއި، ފާޑުކިޔުމާއެކު ވިސްނުމުގެ ހުނަރާއި ހަނދާނަށް މައްސަލަތައް ކުރިމަތިވެދާނެއެވެ. ބައެއް މާހިރުން ކަންބޮޑުވަނީ، އޭއައި ބޭނުންކުރުމުގެ ސަބަބުން ސިކުނޑީގެ ތޫނުފިލިކަން އިތުރުކޮށްދޭ ފިކުރުކުރުން ދޫކޮށްލެވޭތީއެވެ. ނަތީޖާއެއްގެ ގޮތުން މުޖުތަމައުގައި އަމިއްލަ އައު ހިޔާލުތައް މަދުވެގެން ހިނގައިދާނެއެވެ. ނަމަވެސް މި ސައިންސަކީ އަދި މުޅިން އައު ކަމަކަށްވާތީ، މީގެ ސީދާ ޖަވާބެއް ނެތުމުން މިހާއަވަހަށް އަހަރެމެން ކަންބޮޑުވާންޖެހޭ ހެއްޔެވެ؟
އެމެރިކާގެ ޖޯޖްޓައުން ޔުނިވަރސިޓީގެ ނިއުރޯސައިންސް ޕްރޮފެސަރު އެޑަމް ގްރީން ވިދާޅުވަނީ ކަންބޮޑުވާން ޖެހޭކަމަށެވެ. ބަލަންޖެހޭ ގިނަ ކަންތައްތަކެއް ހުރި ނަމަވެސް، ކުރިން ސިކުނޑިން ކުރަންޖެހޭ މަސައްކަތްތައް މިހާރު އޭއައި އިން ކުރެއެވެ. މީހަކު އަމިއްލައަށް ވިސްނައިގެން ކުރާ މަސައްކަތް މަދުވާނަމަ، އެ މީހެއްގެ ވިސްނުމުގެ ގާބިލުކަން ކުޑަވެގެންދާނެކަމުގެ ގިނަ ހެކިތައް ހުރި ކަމަށް ޕްރޮފެސަރު އެޑަމް ގްރީން ވިދާޅުވެއެވެ.
ތިމާ އަމިއްލައަށް ސީދާ ޗެޓްޖީޕީޓީ ފަދަ އެއްޗެއް ބޭނުން ނުކުރި ނަމަވެސް، ގޫގުލް ސާޗްގެ އެންމެ މަތީގައި އޭއައިގެ ޖަވާބުތައް ހުރެއެވެ. އަދި ފޯނުތަކަށް ވެސް މި ޓެކްނޮލޮޖީ ދަނީ ތައާރަފުވަމުންނެވެ. އެހެންކަމުން މިއިން ރެކިގަތުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް މީގެން ލިބިދާނެ ބޮޑެތި ގެއްލުންތަކުން ސަލާމަތްވުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ.
ޓެކްސަސް ޔުނިވަރސިޓީގެ ޕްރޮފެސަރު ޖެރެޑް ބެންޖީ ވިދާޅުވާ ގޮތުގައި، އޭއައި ބޭނުންކުރުމަކީ އޭގެ ޒާތުގައި ގޯސް ކަމެއް ނޫނެވެ. މިސާލަކަށް، އޭއައިގެ ސަބަބުން އާދައިގެ ކަންކަމަށް ސިކުނޑި ހޭދަކުރާ ވަގުތު ސަލާމަތްވެ، އެހެން މުހިންމު ކަންކަމަށް ސިކުނޑި ހުސްކޮށްލެވޭނަމަ، އެއީ ފައިދާހުރި ކަމަކަށް ވެސް ވެދާނެއެވެ.
އަހަރެމެންގެ ސިކުނޑި މިހާތަނަށް ހޭނިފައިވާ އެހެން ކަންތައްތަކާ އޭއައި ތަފާތުވާނެ ކަމަށް ބަލަނީ ކީއްވެތޯ ބެންޖީ ސުވާލު އުފައްދަވައެވެ. އެއްޗަކީ ރަނގަޅު އެއްޗެއް ނުވަތަ ގޯސް އެއްޗެއްކަން ކަނޑައަޅަނީ އެ ބޭނުންކުރާ ގޮތަކުން ކަމަށްވެސް ބެންޖީ ވިދާޅުވެއެވެ.
ކޮންމެ ޓެކްނޮލޮޖީއެއް ފަދައިން، އޭއައި އަކީ ފައިދާހުރި އެއްޗަކަށް ނުވަތަ ގެއްލުންހުރި އެއްޗަކަށް ވަނީ އަހަރެމެން އެ ބޭނުންކުރާ ގޮތަކުންނެވެ. ނަމަވެސް މީގެ ކަންބޮޑުވުންތައް ބޮޑުކަމުން، މާ ލަސްވުމުގެ ކުރިން އަހަރެމެން މި ވަސީލަތްތައް ބޭނުންކުރާ ގޮތާމެދު ރަނގަޅަށް ވިސްނަންޖެހެއެވެ. އޭއައި ގެ ސަބަބުން ސިކުނޑި ކަންނެތްވިޔަނުދީ ބޭނުންކުރާނެ ގޮތާ ބެހޭގޮތުން ދާއިރާގެ މާހިރުން ދެއްވާ އިރުޝާދުތައް ތިރީގައި އެވަނީއެބައިވަރެވެ.
ކަންބޮޑުވަނީ ކޮން ކަމަކާ
މީގެ ވިހި އަހަރު ކުރިން، ޓެކްނޮލޮޖީއަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން "ޑިޖިޓަލް ޑިމެންޝިއާ" (ޑިޖިޓަލްކޮށް ހަނދާން ނެތޭ ބަލި) ޖެހިދާނެ ކަމުގެ ހިޔާލެއް އުފެދުނެވެ. ނަމަވެސް ބެންޖީ ދާދި ފަހުން ކުރެއްވި ދިރާސާއަކުން ދެއްކި ގޮތުގައި، ޓެކްނޮލޮޖީ ބޭނުންކުރުމަކީ ސިކުނޑީގެ ބަލިތަކަށް މަގުފަހިވާ ކަމެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ސިކުނޑީގެ ސަލާމަތަށް ފައިދާހުރި ކަމެއް ކަމަށް ވެސް ބައެއް ފަހަރު ފެނެއެވެ. ނަމަވެސް، އޭގެ މާނައަކީ ބިރުގަންނަންޖެހޭ ކަމެއް ނެތުމެއް ނޫނެވެ.
ޖީޕީއެސް ބޭނުންކުރާ މީހުން، އެމީހުން އުޅޭ މާހައުލުގެ 'މެޕް' ސިކުނޑީގައި ކުރެހަން ހުއްޓާލުމުގެ ސަބަބުން، ދާދި އަވަހަށް މަގު އޮޅޭގޮތްވާ ކަމަށް ދިރާސާތަކުން ދައްކައެވެ. މިފަދަ އަސަރެއް ސާޗް އިންޖީނުތަކުގެ ސަބަބުން ވެސް ފެނެއެވެ. އެއީ "ގޫގުލް އިފެކްޓް" އެވެ. ސާޗް އިންޖީނަކުން ފަސޭހައިން ފެންނަން ހުންނަ މަޢުލޫމާތު ހަނދާން ބެހެއްޓުމަށް ސިކުނޑި މަސައްކަތެއް ނުކުރެއެވެ. އަދި އޭއައި އަކީ މިފަދަ މަސައްކަތްތައް ސިކުނޑިން ބޭރުކޮށްލުމަށް މިހާރު އޮތް އެންމެ ބާރުގަދަ ވަސީލަތެވެ.
އޭއައިގެ ސަބަބުން އަހަރެމެންނަށް މި ލިބެނީ މަސައްކަތުގެ މަރުހަލާ ދޫކޮށްލާފައި ސީދާ ނަތީޖާ ހޯދުމުގެ ފުރުސަތު ކަމަށް ގްރީން ވިދާޅުވެއެވެ. އޭއައި އިން ތައްޔާރުކުރާ މަޒުމޫނު ނުވަތަ ޕްރެޒެންޓޭޝަން މާ ފުރިހަމަވެދާނެއެވެ. ނަމަވެސް އެކަން ކުރުމަށް ސިކުނޑިން ކުރަންޖެހޭ ބުރަ މަސައްކަތާއި، އުނދަގޫތަކާއި، އަދި އެކަމުގެ ތެރެއިން އެއްޗެއް ވިސްނޭ ވަގުތަކީ ސިކުނޑިއަށް އެންމެ ބޭނުންތެރި ވަގުތެވެ.
"އެއީ ކަސްރަތު ކުރަން ޖިމަށް ގޮސްފައި، ތިބާގެ ބަދަލުގައި ރޮބޮޓަކު ބަރު އުފުލުން ކަހަލަ ކަމެއް. އޭގެން ތިބާއަކަށް އެއްވެސް ފައިދާއެއް ނުކުރާނެ،" ކަމަށްވެސް ގްރީން ވިދާޅުވެއެވެ.
އޭއައި ބޭނުންކުރަމުން ސިކުނޑިއަށް ކަސްރަތު ދިނުން
އޭއައި ބުނާ ކޮންމެ އެއްޗަކަށް އިތުބާރު ނުކުރާށެވެ. ދާދި ފަހުގެ ދިރާސާއަކުން ދެއްކި ގޮތުގައި، އޭއައި މާބޮޑަށް ބޭނުންކުރާ މީހުންގެ ފާޑުކިޔުމާއެކު ވިސްނުން ނުވަތަ ކްރިޓިކަލް ތިންކިންގ ގެ ފެންވަރު ވަނީ ދަށްވެފައެވެ. ސަބަބަކީ އެމީހުން ވިސްނުމުގެ ބަދަލުގައި ރޮބޮޓަށް އިތުބާރު ކުރާތީއެވެ. ބައެއް ފަހަރު އޭއައި އިން ދޭ ޖަވާބު ގޯސްކަން އެނގޭއިރު ވެސް، މީހުން އަމިއްލަ ވިސްނުމަށްވުރެ އޭއައި އަށް އިތުބާރު ކުރެއެވެ. މިއަށް ސައިންސްވެރިން ކިޔަނީ "ކޮގްނިޓިވް ސަރެންޑާ" ނުވަތަ ވިސްނުމުގެ ބާރު ދޫކޮށްލުމެވެ.
މި މައްސަލަ އެންމެ ބޮޑުވަނީ ތިބާއަށް ނޭނގޭ މައުލޫއެއްގެ ވާހަކަ އޭއައި ގާތު އެހުމުންނެވެ. މައިކްރޯސޮފްޓްގެ ދިރާސާއަކުން ދައްކާ ގޮތުގައި، ކަމަކަށް އަހުލުވެރި ނޫން މީހުން އޭއައިގެ ނުބައި ޖަވާބުތަކަށް ހެއްލުމުގެ ފުރުސަތު ބޮޑެވެ. މިކަމުން ސަލާމަތްވުމަށް، އޭއައި އެޕް ހުޅުވުމުގެ ކުރިން، އެކަމަކާ މެދު އަމިއްލައަށް ކޮންމެވެސް ވަރަކަށް ވިސްނާލާށެވެ.
ކާކުކަން ނޭނގޭ މީހަކު ދޭ ޖަވާބަކަށް އިތުބާރު ނުކުރާނެ ފަދައިން، އޭއައި އަށް ވެސް ފުރިހަމައަށް އިތުބާރު ނުކުރާށެވެ. އޭއައިގެ ހިޔާލު ހޯދުމުގެ ކުރިން، އެ ކަމަކާ މެދު އަމިއްލަ ރައުޔެއް ނުވަތަ ގޮތެއް ކަނޑައަޅާށެވެ. އޭރުން އޭއައި ވާނީ ވިސްނުން އިތުރަށް ތޫނުކޮށްދޭ ވަސީލަތަކަށެވެ.
ކަމަކާ މެދު ދިރާސާކުރުމުގައި އެ ދިރާސާކުރުމުގެ ތެރެއަށް އުނދަގޫތަކެއް އިތުރުކުރާށެވެ. އެއްޗަކަށް ބަލާލުމުން އެ އެއްޗެއް ލޮލަށް ފެންނައިރު އެއީ ދާއިމީކޮށް ހަނދާނުގައި ހަރުލާފައި ހުރި އެއްޗެއް ކަމަށް ގިނަ ފަހަރަށް ހީވިޔަސް ހަގީގަތަކީ އެއެއް ނޫންކަމަށް އިންސާނާގެ ސިކުނޑި ކަންކަން ދަސްކުރާ ގޮތް ދިރާސާކުރައްވާ ޕްރޮފެސަރު ބާބަރާ އޯކްލީ ވިދާޅުވެއެވެ.
ހަނދާން ބަލިވުން
އޭއައިގެ ސަބަބުން މައުލޫމާތު ހަނދާނުގައި ބެހެއްޓުމުގެ ގާބިލުކަމަށް ހުރަސްއެޅޭކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. މިގޮތުން 494 ދަރިވަރުންގެ މެދުގައި ކުރެވުނު ސާވޭއަކުން އެނގުނު ގޮތުގައި، ޗެޓްޖީޕީޓީ ގިނައިން ބޭނުންކުރާ ދަރިވަރުންގެ ހަނދާން ބަލިވާކަން ފާހަގަކުރެވެއެވެ. މިކަމުން ސަލާމަތްވުމަށްޓަކައި، އޭއައި ބޭނުންކުރާއިރު އެއާ މުއާމަލާތްކުރާ ދުވެލި މަޑުޖައްސާލަންޖެހެއެވެ.
މުހިންމު ކަންކަން އަތުން ލިޔެ ނޯޓުކުރާށެވެ. ނުވަތަ އޭއައި ގާތު ތިބާއަށް އިމްތިހާނެއް ދިނުމަށް ނުވަތަ ފްލޭޝްކާޑު ހަދައިދިނުމަށް އެދެވިދާނެއެވެ. މިފަދަ ބުރަ މަސައްކަތުގެ ސަބަބުން މައުލޫމާތު ސިކުނޑީގައި ހަރުލާނެއެވެ.
ހުސް ކަރުދާސްކޮޅު، ހުސްކޮށް ބާއްވާލާ ވަގުތު އިތުރުކުރާށެވެ. އޭއައި އަކީ އައު ހިޔާލުތައް އުފެއްދުމަށް ވަރަށް މޮޅު އެއްޗެކެވެ. މައްސަލައަކީ ވެސް އެއީއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި، އުފެއްދުންތެރި މަސައްކަތްތަކަށް އޭއައި ބޭނުންކުރާ މީހުންގެ ހިޔާލުތަކަކީ އަމިއްލައަށް ވިސްނާ މީހުންނަށްވުރެ ބޮޑަށް ލަފާކުރަން އެނގޭ، އަމިއްލަ ވަންތަކަން ކުޑަ ހިޔާލުތަކެކެވެ. އެހެން ކަމުން ތިބާގެ އުފެއްދުންތެރިކަމުގެ ހުނަރު ބަލިކަށިވެދާނެއެވެ.
އަމިއްލަ ހިޔާލުތައް ފުރަތަމަ ކަރުދާހުގައި ނޯޓުކުރާށެވެ. އެއީ ކިތަންމެ އާދައިގެ ހިޔާލުތަކެއް ކަމުގައި ވިޔަސް މައްސަލައެއް ނެތެވެ. މުހިންމީ ސިކުނޑިން އެކަންކަން ގުޅުވައި، އަމިއްލަ ތަޖުރިބާގެ އަލީގައި އެއްޗެއް އުފެއްދުމެވެ. އެއަށްފަހު، އެ ހިޔާލުތައް އިތުރަށް ފުރިހަމަކުރުމަށް ނުވަތަ އޭގައި ހުރި އުނިކަންކަން ދެނެގަތުމަށް އޭއައި ބޭނުން ކުރާށެވެ.
ސަމާލުވޭ
މި ރިޕޯޓްގެ މިހިސާބަށް ތިބާ ކިޔައިފީމުއެވެ. އެއީ ވަރަށް ރަނގަޅު ކަމެކެވެ. ނަމަވެސް ކިޔަމުންދާއިރު ސަމާލުކަން ކުޑަވާހެން ހީވާނަމަ، އެއީ ހަމައެކަނި ތިބާއަށް ދިމާވާ ކަމެއް ނޫނެވެ. ޓެކްނޮލޮޖީގެ ސަބަބުން ކަންކަމަށް ސަމާލުކަންދޭ ވަގުތު ކުޑަވާކަމަށް ބައެއް ދިރާސާތަކުން ދައްކައެވެ. އޭއައިގެ ސަބަބުން މި މައްސަލަ އިތުރަށް ބޮޑުވެދާނެއެވެ.
އެހެންކަމުން، ގަސްދުގައި ކަންކަން ކުރާއިރު ލަސް ދުވެއްޔެއް އިހުތިޔާރުކުރާށެވެ. ދިގު މަޒުމޫނުތައް ހުލާސާކުރުމަށް ޗެޓްޖީޕީޓީ އަށް ނުދޭށެވެ. އަމިއްލައަށް ކިޔާށެވެ. އުނދަގޫ ކަންކަމާ އަމިއްލައަށް ކުރިމަތިލާށެވެ. ސިކުނޑި ކަންނެތްވިޔަނުދީ، ފުންކޮށް ވިސްނުމަށް ހޭނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
އިންސާނާގެ ސިކުނޑީގެ މުހިންމުކަން
އިންސާނާގެ ސިކުނޑީގެ މުހިންމުކަމަކީ އޭއައި ބޭނުންކުރުން އެއްކޮށް ހުއްޓާލުމެއް ނޫނެވެ. ނަމަވެސް އޭއައި ބޭނުންކުރާއިރު ސިކުނޑީގެ ކޮންޓްރޯލް އަމިއްލަ އަތުގައި ބޭއްވުމެވެ.
އިންސާނާގެ ސިކުނޑިއަކީ އޭއައިއާ މުޅިން ތަފާތު އެއްޗެކެވެ. އަހަރެމެން ކަންކަން ގުޅުވަނީ އަމިއްލަ ތަޖުރިބާގެ އަލީގައެވެ. މިއީ ޑިޖިޓަލް މެޝިންތަކަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރިއަށް އޮތް ތަނުގައި އިންސާނާގެ އަމިއްލަ ހިޔާލުތަކަކީ ވަރަށް އަގުހުރި އެއްޗަކަށް ވާނެއެވެ. " ބޮޓްތަކުގެ ފުރޭނިން ބޭރުން ވިސްނުމަކީ" މުޖުތަމައުގައި ކުރިއަށް ދިއުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމަކަށް ވާނެއެވެ.
ޕްރޮފެސަރު ބެންޖީ ފާހަގަކުރެއްވި ގޮތުގައި، އިންސާނާގެ ސިކުނޑިއަކީ އަބަދުވެސް އައު ޓެކްނޮލޮޖީއަށް ހޭނޭ އެއްޗެކެވެ. ކާރު އުފެއްދުމުން އަހަރެމެން ދުވުމުގެ ގާބިލުކަން ގެއްލުވައެއް ނުލަމެވެ. ދުވުމަކީ އަހަރެމެން ކުރަން ބޭނުންވާތީ ކުރާ ކަމަކަށް ބަދަލުވީއެވެ.
ވަސީލަތްތައް ބަދަލުވެދާނެއެވެ. ނަމަވެސް އަމިއްލައަށް ވިސްނައި، އައު ކަންކަން އުފައްދައި، މައްސަލަތައް ހައްލުކުރުމަށް އިންސާނާގެ ކިބައިގައި ހުންނަ ޝައުގުވެރިކަމަކީ މެޝިނަކަށް ބަދަލުކުރެވޭނެ އެއްޗެއް ނޫނެވެ.


