ކެތަން ފަރުބަދަމަތިން ވައްޓާ މަރާލީ ވާންއުޅުނު އަނބިމީހާ
ކިތަން މަރާލަން ކިތަންމެ ފަހަރަކު އަންހެން މީހާ މަސައްކަތް ކޮށްފައިވޭ
ޕޫނޭގެ ރިޔަލްސްޓޭޓް ވިޔަފާރިވެރިޔާ ކެތަން އަގަރުވާލް މަރުވީ ފަރުބަދަމަތިން ވެއްޓިގެން ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި ކަމަށް ކުރިން ބެލެވުނު ހާދިސާއަކީ، ރޭވުންތެރިކަމާއެކު ހިންގާފައިވާ ނުރައްކާތެރި މަރުގެ މައްސަލައެއްކަން ފަޅާއަރައިފިއެވެ. ޕޫނޭ ރޫރަލް ޕޮލިހުން ތުހުމަތުކުރާ ގޮތުގައި، ރިއަލް އެސްޓޭޓް ވިޔަފާވެރިޔާ ކެތަން އަގަރްވާލް މަރާލާފައިވަނީ އޭނާކައިވެނި ކުރަން ނިންމާފައިވާ އަންހެން ކުއްޖާ ސިޔާ ގޯޔަލް އާއި، އޭނާއާ ގުޅުން އޮންނަކަމަށް ބުނާ ޗެތަން ޗައުދަރީ ގުޅިގެން ރޭވި ރޭވުމެއްގެ ދަށުންނެވެ.
ކެތަން އަގަރުވާލް މަރުވީ މަހާރާޝްތުރާގެ ލޯހަގަދް ފޯޓަށް ދަނިކޮށް ޖޫން މަހުގެ 18 ވަނަ ދުވަހު ފަރުބަދަމަތިން ވެއްޓިގެންނެވެ. އެހެން ނަމަވެސް މައްސަލައިގެ ހަގީގަތް ހާމަވުމަށް މުހިންމު ހެކިތަކެއް ލިބިފައިވާކަމަށް ތަހުގީގީ އިދާރާތަކުން ބުނެއެވެ. އޭގެ ތެރޭގައި، ޖޫން މަހުގެ ގަދަ ހޫނުގައި ވެސް "ހޫޑީ" އެއް ލައިގެން ހުރި މީހަކު، ކެތަން އާއި ސިޔާ ފޯޓަށް ދިޔަ ވަގުތު އެމީހުންގެ ފަހަތުން ދިޔަ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނުން ހިމެނެއެވެ.
ހާއްސަކޮށް ސިޔާ ގޯޔަލް ދިން ބަޔާންތަކުގައި ފުށުއެރުންތަކެއް ހުރުމުން، 26 އަހަރުގެ ކެތަންގެ މަރުގެ ހާދިސާއާ މެދު ފުލުހުންގެ ޝައްކުތައް އިތުރުވިއެވެ. އަދި ތަހުގީގު ފުންކޮށް ކުރިއަށް ގެންދިޔައެވެ.
ތަހުގީގުން އެނގުނު ގޮތުގައި، ޖޫން 18 ގައި ހިނގި މި ހާދިސާގެ ކުރިން ވެސް ކެތަން މަރާލުމަށް ތުހުމަތުކުރެވޭ ފަރާތްތަކުން ނާކާމިޔާބު އެތައް މަސައްކަތެއް ކޮށްފައިވެއެވެ. ފުލުހުން ބުނާ ގޮތުގައި، އެއް ފަހަރަކު ހަރުފައެއްގެ ކިބައިން ސަލާމަތްކޮށްދޭ ކަމަށް ހެދިގެން ކެތަން ކޮއްޕާލަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބުވާ ގޮތް ވަނީ ނުވެފައެވެ. އަދި އެހެން ފަހަރުތަކުގައި ވެސް ދިމާވި އެކި ސަބަބުތަކާ ހުރެ އެމީހުންގެ ރޭވުންތައް ނާކާމިޔާބުވީއެވެ.
މުޅި މައްސަލައިގެ ފޯކަސް ބަދަލުވެގެން ދިޔައީ، ސިޔާ އާއި ޗެތަންއާ ދެމެދު އޮތް ސިއްރު ގުޅުމުގެ ހެކި ތަހުގީގަށް ލިބުމާ ގުޅިގެންނެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި، މިއަހަރު ފަހުކޮޅު ކުރަން ހަމަޖެހިފައިވާ ކައިވެންޏަށް ކެތަންއަކީ ހުރަހެއް ކަމަށް ދެކި، އޭނާ ދުނިޔެއިން ނައްތާލުމަށް މި ދެމީހުން ރޭވީއެވެ. މީގެ އިތުރުން، ބާލީއަށް ކުރަން އޮތް ދަތުރެއް ކެންސަލްވުމާއި، ޕާސްޕޯޓެއް ގެއްލުން ފަދަ ޝައްކު އުފެދޭ ކަންތައްތަކެއް ވެސް ތަހުގީގީ ޓީމުން ދަނީ ބަލަމުންނެވެ.
ކެތަންގެ މަރު ފުރަތަމަ ރިޕޯޓްކޮށްފައިވަނީ ލޯހަގަދް ކޯޓުގެ ފުން ގަނޑެއްގެ ތެރެއަށް ވެއްޓިގެން ހިނގި އެކްސިޑެންޓެއްގެ ގޮތުގައެވެ. ނަމަވެސް، ކެތަންގެ އާއިލާއިން އުފެއްދި ޝައްކުތަކާ ގުޅިގެން ފުލުހުން މައްސަލަ އަލުން ބަލައި، ސިޔާ ގޯޔަލް އާއި ޗެތަން ޗައުދަރީ، ގަސްތުގައި މީހަކު މެރުމާއި ޖިނާއީ ރޭވުމެއް ރޭވިކަމުގެ ތުހުމަތުގައި މިހާރު ވަނީ ހައްޔަރުކޮށްފައެވެ.


