ނޯތު ކޮރެއާ އިން އުފެއްދި އެންމެ ބޮޑު މަނަވަރު ކަމިޝަންކޮށްފި

5000 ޓަނުގެ ޑިސްޓްރޯޔަރ ޗޯ ހިޔަން އަކީ ވާދަވެރިންނަށް ބޮޑު ގޮންޖެހުމެއް

ނޯތު ކޮރެއާ އިން އުފެއްދި އެންމެ ބޮޑު މަނަވަރު ކަމިޝަންކޮށްފި

ނޯތު ކޮރެއާއިން އެ ގައުމުގެ އަސްކަރީ ތާރީހުގައި މިހާތަނަށް ބަނދެފައިވާ އެންމެ ބޮޑު މަނަވަރު އަންގާރަ ދުވަހު އިފްތިތާހުކޮށްފިއެވެ. 5000 ޓަނުގެ މި ޑިސްޓްރޯޔާއަކީ ނުތަނަވަސްކަމުގެ ވަގުތުތަކުގައި ނޯތު ކޮރެއާގެ އިދިކޮޅު ފަރާތްތަކަށް ކުރިމަތިވާނެ ބޮޑު ގޮންޖެހުމެއް ކަމަށް އަސްކަރީ މާހިރުން ވިދާޅުވެއެވެ.

ނޯތު ކޮރެއާގެ ހުޅަނގު އައްސޭރީގައި އޮންނަ ނަމްޕޯ ބަނދަރުގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން، ލީޑަރު ކިމް ޖޮންގް އުން ވިދާޅުވީ، މި މަނަވަރާއެކު އެ ގައުމުގެ އަސްކަރީ ތާރީހަށް އާ ސަފުހާއެއް އިތުރުވެފައިވާ ކަމަށެވެ. އަދި ނޯތު ކޮރެއާގެ ކަނޑުގެ ސިފައިންނަށް ކުރިމަތިވެފައި އޮތް 70 އަހަރަށްވުރެ ދިގު "ހުއްޓުމަކަށް" މިހާރު ނިމުން އައިސްފައިވާ ކަމަށް އެމަނިކުފާނު އިއުލާން ކުރެއްވިއެވެ.

ދައުލަތުގެ މީޑިއާ ކަމަށްވާ ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭ.ސީ.އެން.އޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ކިމް ވިދާޅުވީ މީގެ ކުރިން ނޯތު ކޮރެއާގެ އަސްކަރިއްޔާގައި އޮތް އެންމެ ބަލިކަށި ވިންގަކީ ކަނޑުގެ ސިފައިން ކަމަށެވެ. ނަމަވެސް މިހާރު އެ ހާލަތު ބަދަލުވެފައިވާ ކަމަށާއި، ކަނޑުގެ ސިފައިންގެ ގާބިލުކަން ތަސައްވަރު ނުކުރެވޭ މިންވަރަށް ކުރިއަރާނެ ކަމަށް ލީޑަރ ވިދާޅުވިއެވެ.

ނޯތު ކޮރެއާގެ ކަނޑުގެ ބާރުތަކަކީ މީގެ ކުރިން ސައުތު ކޮރެއާ އާއި އެމެރިކާގެ ޒަމާނީ މަނަވަރުތަކާއި ސަބްމެރިންތަކާ އަޅާބަލާއިރު ވަރަށް ބަލިކަށި ބައެކެވެ. ނަމަވެސް އަލަށް ތައާރަފުކުރި "ޗޯ ހިޔޮން" މަނަވަރަކީ އެހެން މަނަވަރުތަކަށް ހަމަލާދިނުމަށާއި އެއްގަމަށް މިސައިލް ފޮނުވާލުމުގެ ގާބިލުކަން ލިބިފައިވާނެ މަނަވަރެއް ކަމަށް ބެލެވެއެވެ.

ކޮރެއާ އިންސްޓިޓިއުޓް ފޯ ޑިފެންސް އެނަލައިސިސްގެ ރިސާޗް ފެލޯ ޔޫ ޖީ-ހޫން ވިދާޅުވި ގޮތުގައި، މިއީ ނޯތު ކޮރެއާގެ ކަނޑުގެ ސިފައިންގެ އޮނިގަނޑަށް އައި ބޮޑު ބަދަލެކެވެ. މީގެ ކުރިން އެ ގައުމުން ބަރޯސާވަމުން އައީ އައްސޭރިފަށުގެ ހިމާޔަތަށް ކުދި އުޅަނދުތަކާއި ސަބްމެރިންތަކަށެވެ. ނަމަވެސް މިހާރު އެ ގައުމުގެ ނިއުކްލިއާ އަދި މިސައިލްގެ ނުރައްކާ ކަނޑުގެ ސަރަހައްދުތަކަށް ފުޅާކުރަން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކިމް ޖޮންގް އުން ވިދާޅުވި ގޮތުގައި، "ޗޯ ހިޔޮން" އަކީ ނޯތު ކޮރެއާއިން ބަންނަން ނިންމާފައިވާ ޒަމާނީ މަނަވަރުތަކުގެ ތެރެއިން ފުރަތަމަ އުޅަނދެވެ. އަދި ކުރިއަށް އޮތް ތަނުގައި މިއަށްވުރެ ބޮޑެތި މަނަވަރުތައް ބަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މަސައްކަތުގައި ކުރިމަތިވި ބައެއް ގޮންޖެހުންތަކަށް އިޝާރާތް ކުރައްވަމުން، ކަނޑުގެ ބާރު ވަރުގަދަކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް ކިމް ވިދާޅުވިއެވެ.

މީގެ އިތުރުން، ސޯލްގެ އެވަހް ޔުނިވާސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ލީފް-އެރިކް އީޒްލީ ވިދާޅުވި ގޮތުގައި، މިހާ އަވަސް މިނެއްގައި މަނަވަރުތައް ބަންނަމުން ދިއުމަކީ ރަޝިޔާގެ ފަންނީ އެހީތެރިކަން ނޯތު ކޮރެއާއަށް ލިބެމުންދާ ކަމުގެ ނިޝާނެއް ކަމަށް ބެލެވެއެވެ. ނަމަވެސް ބައެއް މާހިރުން ދެކޭ ގޮތުގައި، ސައުތު ކޮރެއާ އާއި އެމެރިކާގެ އަސްކަރީ ބާރާ އަޅާބަލާއިރު ނޯތު ކޮރެއާ އަދިވެސް އުޅެނީ މާ ފަހަތުގައެވެ.

އެމެރިކާގެ ޕެސިފިކް ކޮމާންޑްގެ ކުރީގެ ޑައިރެކްޓަރެއް ކަމަށްވާ ކާލް ޝޫސްޓަރ ވިދާޅުވީ، މި މަނަވަރުގެ ސަބަބުން ސައުތު ކޮރެއާއަށް ސީދާ އާ ނުރައްކަލެއް ކުރިމަތިނުވި ނަމަވެސް، މިކަމުގެ ސަބަބުން އެމެރިކާ، ޖަޕާން އަދި ސައުތު ކޮރެއާގެ ފާރަވެރިކަން އިތުރުކުރަން ޖެހޭނެ ކަމަށެވެ. އަދި 5،000 ޓަނުގެ ބޮޑު މަނަވަރެއް އޮތުމަކީ، އދ. އިން ނޯތު ކޮރެއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ތަންފީޒު ކުރުމަށްވެސް އޮތް ހުރަހަކަށް ވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންމެއަކަސް، މި އާ މަނަވަރަކީ ސައުތު ކޮރެއާގެ ސަލާމަތަށް އޮތް ބުރައެއްގެ ގޮތުގައި އެ ގައުމުގެ މާހިރުން ދެކެވަޑައިގަންނަވައެވެ.