ދިވެހި ނޫސްވެރިންނަށް އަޅުގަނޑު ސެލިއުޓް ކުރަން: ރައީސް ސޯލިހު
ދިވެހި ނޫސްވެރިންނަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސެލިއުޓް ކުރައްވައިފިއެވެ. ނަޒާހަތްތެރިކަމާއި ސާބިތުކަމާއެކު ހަބަރުތައް ފޯރުކޮށްދޭ ދިވެހި ނޫސްވެރިންނަށް ރައީސް ސޯލިހު ސެލިއުޓްކުރައްވާ ކަމަށް ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހު އެކްސްގައި އެ މަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ.
މިނިވަން ނޫސްވެރިކަމަކީ އަޅުގަނޑުމެންގެ ތަރުތީބުވަމުން އަންނަ ޑިމޮކްރަސީއަށް ކޮންމެހެން ބޭނުންތެރި ކަމެއްކަމުގައި ރައީސް ސޯލިހު ވިދާޅުވިއެވެ. ރައީސް ސޯލިހު ފާހަގަ ކުރެއްވި ގޮތުގައި އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގެ ނޫސްވެރިކަމަށް ފާހަގަ ކޮށްލެވޭވަރުގެ މިނިވަންކަމެއް އޮތްކަން ފަހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ 120 ވަނައިން 72 ވަނައަށް ކުރިއަށް ޖެހިފަ" ކަމަށް ވިދާޅުވިއެެވެ.
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސް 120 އިން 72 ކުރިއަށް ޖެހުނު ޖެހުމަކީ އިހުލާސްތެރި މަސައްކަތުން ނަތީޖާ ނެރެވޭނެކަމުގެ ހެއްކެއްކަމަށް ރައީސް ސޯލިހު ވިދާޅުވިއެވެ. މިނިވަން ނޫސްވެރިކަމުގެ އިންޑެކްސްގައި ރާއްޖެ މިހާރު އޮތީ 180 ގައުމުގެ ތެރެއިން 108 ވަަނައިގައެވެ.
ރައީސް ސޯލިހު ވިދާޅުވީ "މިއަދު، ނޫސް އިދާރާތައް ބަލާ ފާސްކޮށް، އެޑިޓަރުން ދަތުރުކުރުން މަނާކޮށް، އަދި ހަގީގަތް ފޮރުވުމަށް ހަރުކަށި ގާނޫނުތަކުގެ ބޭނުން ހިފަމުންދާއިރު، ނޫސްވެރިން ކެރުމާއި ސާބިތުކަމާއެކު ދެމިތިބެންޖެހޭ" ކަމަށެވެ.
ބިރުދެއްކުމަށް އަޅުގަނޑުމެން ފުރުސަތު ދީގެން ނުވާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.


