މުޅި ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި މަގު: މަރުގެ މަގު

އިންޑިއާގެ ކިޝްތުވާރުން ކޭލޯންގްއަށް އޮންނަ މަރުމަގުގެ ދިގުމިނަކީ 146 މޭލް

މުޅި ދުނިޔޭގައި އޮތް އެންމެ ނުރައްކާތެރި މަގު: މަރުގެ މަގު

އިންޑިއާގެ ޖައްމޫ އާއި ކަޝްމީރު އަދި ހިމާޗަލް ޕްރަދޭޝް ގުޅޭ ބޯޑަރުގައި އޮންނަ، ކިޝްތުވާރުން ފެށިގެން ކޭލޮންގަށް ދަތުރުކުރާ މި މަގަކީ ދުނިޔޭގައިވެސް ދަތުރުކުރަން އެންމެ ބިރުވެރި އެއް މަގެވެ.

ކިޝްތުވާރުން ކޭލޮންގަށް ދަތުރުކުރާ މަގަކީ ބިރުވެރި މަގެއް

ނޭޝަނަލް ހައިވޭ 26 ގެ ބައެއްގެ ގޮތުގައި، ޗެނާބް ކޯރުގެ އައްސޭރިން އޮންނަ މި މަގަކީ އެއްވެސް ވަރަކަށް ތާރުއަޅާފައިވާ މަގެއް ނޫނެވެ. މިއީ އުސް ފަރުބަދަތަކުގެ އަރިމަތިން ކަނޑައިނަގައިގެން ހަދާފައިވާ، އެންމެ އުޅަނދަކަށް ދަތުރުކުރެވޭވަރުގެ ހަނި މަގެކެވެ. މަގުގެ އެއްވެސް ފަރާތެއްގައި ރައްކާތެރިކަމުގެ އިންފާރެއް ނެތްއިރު، މަގުގެ މަތިން ފަރުބަދައިގެ ބައިތައް ނިކުމެފައި ހުންނަލެއް ތިރިކަމުން އުޅަނދުތައް ދަތުރުކުރަން ދަތިވެއެވެ.

މަގުން ދަތުރުކުރާއިރު 2,000 ފޫޓު ފުނަށް އަޑިވެގެން ގޮސްފައި އޮންނައިރު، ފަރުބަދައިން ބޭރަށް ނިކުމެފައި ހުންނަ ހިލަތަކުގެ ސަބަބުން ކުރިމަތިން އަންނަ އުޅަނދުތައް ފެނުމަށް ހުރަސްއެޅެއެވެ. ނާމާންކަމާއި ހިތްބިރުގަތުން އެކުލެވިގެންވާ މި މަގަކީ ފަރުބަދައިގެ އުސްމިނުން ތިރިއަށް ބަލާލާއިރު ބޯއަނބުރާ ފަދަ ނުރައްކާތެރި މަންޒަރުތައް ފެންނަ ތަނެކެވެ.

ކިޝްތުވާރުން ކޭލޮންގަށް އޮންނަ މަގުގެ ދިގުމިން

ޖައްމޫ އާއި ކަޝްމީރުގެ ކިޝްތުވާރުން ފެށިގެން ހިމާޗަލް ޕްރަދޭޝްގެ ކޭލޮންގާ ހަމައަށް އޮންނަ މި މަގުގެ ދިގުމިނަކީ 235 ކިލޯމީޓަރު (146 މޭލު) އެވެ. ޖީ.ޕީ.އެސް ބަލައިގެން މި މަގުން ދަތުރުކުރުމަކީ ރަނގަޅު ހިޔާލަކަށް ނުވެދާނެއެވެ.

ގާތްގަނޑަކަށް 100 މޭލުގެ ސަރަހައްދެއްގައި އެއްވެސް ރައްކާތެރިކަމުގެ އިންފާރެއް ނެތި، ހަނިކޮށް އަދި ގިނަ ގުދުތަކެއް ހިމެނޭ ގޮތަށް އޮންނަ މި މަގުން ތިރިއަށް ބަލާއިރު ފެންނަނީ އެތައް ހާސް ފޫޓެއްގެ ފުން މިނެކެވެ. މިއީ އެޑްވެންޗަރ އަށް ލޯބިކުރާ މީހުންނަށް ހިތްހަމަޖެހުމެއް ލިބުނު ކަމުގައިވިޔަސް، ނުހަނު ނުރައްކާތެރި މަގެކެވެ. އެހެންކަމުން، މިމަގުގައި ދަތުރުކުރުމަށް ބާރުގަދަ އަދި އުސް 4x4 އުޅަނދުތައް ބޭނުންކުރުމަށް ވަރަށް ބޮޑަށް އިރުޝާދު ދެއެވެ.

ކިޝްތުވާރުން ކޭލޮންގަށް އޮންނަ މަގަކީ ނުރައްކާތެރި މަގެއް

މަގަކީ ކަނޑުގެ ސަތަހައަށްވުރެ 1410 މީޓަރުން ފެށިގެން 3005 މީޓަރާ ހަމައަށް އުސްމިން ބަދަލުވާ، ވަރަށް އުސް އަދި ނުރައްކާތެރި މަގެކެވެ. ބައެއް ފަތުރުވެރިން މި މަގަށް 'އޯލްމޯސްޓް ކިލަރ' ނުވަތަ 'މަރުގެ މަގު' ގެ ނަމުން ނަންދީފައިވެއެވެ.

މީހުން ދިރިއުޅޭ ސަރަހައްދުތަކާ އެކަހެރިކޮށް އޮންނަ މިފަދަ ތަނެއްގައި މަގު ހެދުމަށް ބޯޑަރ ރޯޑްސް އޯގަނައިޒޭޝަނާއި ޖޭ.އެންޑް.ކޭ ޕަބްލިކް ވޯކްސް ޑިޕާޓްމަންޓުން ކޮށްފައިވަނީ ވަރަށް ބުރަ މަސައްކަތެކެވެ. އަދި މި މަގު ހެދުމުގެ ތެރޭގައި އެތައް ބަޔަކު ވަނީ ފުރާނަ ގުރުބާންކޮށްފައެވެ.

މަގުގެ މަތިން ފެން އަންނަ ބާރު އޮއިވަރުތަކަކީ އޭގެ ސަބަބުން މަގު ހަލާކުވުމަށް ކުރިމަތިވާ އެންމެ ބޮޑު އެއް ގޮންޖެހުމެވެ. މި މަގުން ދަތުރުކުރާއިރު ނުހަނު ސަމާލުވެ، ކެތްތެރިކަމާއެކު ދުއްވަންޖެހެއެވެ. މަގުގެ އަރިމަތިތައް ކަނޑައިގެން ދިއުމުގެ ފުރުސަތު އޮތުމުން، އަބަދުވެސް މަގުގެ މެދުގައި އުޅަނދު ގެންގުޅުމަކީ މުހިންމު ކަމެކެވެ. މި މަގަށް 'ކްލިފްހޭންގަރ' ގެ ނަން ދީފައިވަނީ އިންތިހާއަށް ހަނިވުމުގެ ސަބަބުންނެވެ.

މަގުން ބަސް ދަތުރުކުރުމަކީ މުސްތަހީލު ކަމަކަށްވާއިރު، ކުދި އުޅަނދުތައްވެސް ދަތުރުކުރަނީ ވަރަށް މަދުންނެވެ. މަގުގެ ބައެއް ކަންމަތި ތަކަކީ ކުރިމަތިން އަންނަ އެއްޗެއް ނުފެންނަހާ ބިރުވެރި ތަންތަނެވެ. ސްނޯ ފޭބުމުގެ ސަބަބުން މި ސަރަހައްދު މުޅިން އެކަހެރިވެ، ދަތުރުފަތުރު މެދުކެނޑިގެން ވެސް ދެއެވެ.